ދުނިޔޭގެ ޒަމާނީ ޔުނިވަރސިޓީ ނިޒާމުގެ އަޞްލަކީ އިސްލާމީ ތާރީޚުގެ ތެރެއިން އުފަންވި މަތިވެރި ތަޢުލީމީ އޮނިގަނޑެއްކަން ތާރީޚީ ހެކިތަކުން ސާފުކޮށް ފެންނަން އެބައޮތެވެ. މިގޮތުން 11 ވަނަ ޤަރުނުގެ ތެރޭގައި ސަލްޖޫޤީ އެމްޕަޔަރުގެ ބޮޑުވަޒީރު ނިޡާމުލް މުލްކު ބިނާކުރެއްވި "ނިޡާމިއްޔާ މަދަރުސާ" ތަކަކީ މިއަދުގެ މަތީ ތަޢުލީމުގެ ބިންގާ ކަމުގައި ދިރާސާވެރިން ފާހަގަކުރެއެވެ. އެ ދުވަސްވަރު މިޞްރުގެ ފާޠިމީ ދައުލަތުން އަލްއަޒްހަރު ބިނާކޮށް ފަތުރަމުންދިޔަ ފިކުރީ އޮއިވަރާ ކުރިމަތިލުމަށްޓަކައި، ހަމައެކަނި އަސްކަރީ ބާރުގެ ބަދަލުގައި އިލްމީ އަދި ފިކުރީ މުއައްސަސާއެއް ބޭނުންވާނެކަން ނިޡާމުލް މުލްކު ދެނެގަތެވެ. މީލާދީން 1067 ވަނަ އަހަރު ބަޣުދާދުގައި ބިނާކުރި ނިޡާމިއްޔާއަކީ ދުނިޔޭގެ ފުރަތަމަ "ޕްރޮޓޯ-ޔުނިވަރސިޓީ" ނުވަތަ ޒަމާނީ ޔުނިވަރސިޓީތަކުގެ މައި ނަމޫނާއެވެ.
މި މުއައްސަސާގެ ސަބަބުން ތަޢުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އައެވެ. އޭގެ ތެރޭގައި ވަޤުފުގެ ނިޒާމު މެދުވެރިކޮށް ދާއިމީ ފަންޑު ހޯދުމާއި، ކިޔަވައިދޭ މުދައްރިސުންނަށް ސަރުކާރުން މުސާރަ ދިނުމާއި، އަދި ކިޔަވާ ކުދިންނަށް "ސްޓައިޕެންޑް" ނުވަތަ އެލަވަންސް ދިނުން ހިމެނެއެވެ. މީގެ ސަބަބުން ތަޢުލީމަކީ ހަމައެކަނި މުއްސަނދިންގެ އެއްޗަކަށް ވުމުގެ ބަދަލުގައި، ފަގީރު ނަމަވެސް ހުނަރުވެރި ކުދިންނަށް ފަސޭހައިން ލިބޭނެ އެއްޗަކަށް ވެގެންދިޔައެވެ. މީގެ އިތުރުން ނިޝާޕޫރާއި އިސްފަހާނު ފަދަ ސިޓީތަކުގައި މިފަދަ މަދަރުސާތަކުގެ ނެޓްވޯކެއް ޤާއިމުކޮށް، އެއް މިންގަނޑެއްގެ މަންހަޖަކަށް ކިޔަވައިދޭން ފެށުމަކީ ތަޢުލީމީ ފެންވަރު ހިފެހެއްޓުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.
ޒަމާނީ ޔުނިވަރސިޓީތަކުގައި މިއަދު އަޅުގަނޑުމެން މިފެންނަ ގްރެޖުއޭޝަން ގައުންއާއި ކެޕަކީވެސް އެދުވަސްވަރުގެ މުސްލިމް ޢިލްމުވެރިންގެ ހެދުން އެޅުމުގެ ވައްޓަފާޅިން އައިސްފައިވާ ކަންކަމެވެ. ހަމައެހެންމެ، ޔުނިވަރސިޓީތަކުގެ "ޗެއަރ" ނުވަތަ ޕްރޮފެސަރުންނަށް ޚާއްޞަ މަޤާމުގެ ނަމަކީ، އެދުވަސްވަރު މުދައްރިސުން އިށީނދެވަޑައިގެން ތިއްބަވާ "ކުރްސީ" އަށް ނިސްބަތްކޮށް އުފެދިފައިވާ ނަމެކެވެ. މިފަދަ މުއައްސަސާތަކުން އުފެދުނު އެންމެ ބޮޑު އެއް ޢިލްމުވެރިއަކީ އިމާމުލް ޣަޒާލީއެވެ. އެކަލޭގެފާނު ނިޡާމިއްޔާގެ ރިޔާސަތުގައި ހުންނަވައިގެން އިސްލާމީ ޝަރީޢަތާއި، ޢަޤީދާއާއި، ތަޞައްވުފު އެއްކުރައްވައި ތައްޔާރުކުރެއްވި ފިކުރަކީ މިއަދާ ހަމައަށްވެސް އަހުލުއްސުންނަތީ ފިކުރުގެ މައިބަދައެވެ.
ކަން މިހެން އޮތް ނަމަވެސް، މި މަތިވެރި ނިޒާމު ފަހުން ބަލިކަށިވެގެންދިޔަ ސަބަބުތަކަށް ބަލާއިރު، އަމިއްލަ ފިކުރާއި އިޖުތިހާދު ދޫކޮށްލައި، ހަމައެކަނި ކުރީގެ ލިޔުންތައް ކިޔައިދިނުމަށް (regurgitation) ބަރޯސާވުން ހިމެނެއެވެ. މީގެން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ވަކިވަކި ފަރުދުންގެ ކުޅަދާނަކަމަށްވުރެ ބޮޑަށް، ތަޢުލީމީ ނިޒާމެއް ދެމެހެއްޓުމަށް ވަރުގަދަ މުއައްސަސާތަކެއް ބޭނުންވާނެ ކަމެވެ. އިލްމަކީ މުޅި މުޖުތަމަޢުގެ މަޞްލަޙަތަށްޓަކައި އޮތް އެއްޗަކަށް ހަދައި، ޒަމާނުގެ އައު ސުވާލުތަކަށް ޖަވާބުދެވޭ ފަދަ ދިރުންހުރި ނިޒާމެއްގެ ގޮތުގައި ތަޢުލީމީ މުއައްސަސާތައް ބޭއްވުމަކީ ކުރިއެރުމުގެ އަސްލެވެ.
The Muslim Origins of Modern Universities
Watch: Dr. Yasir Qadhi explains the history of Nizamiyya and the origins of graduation gowns.
