މުސްލިމު ލީޑަރުންގެ މުނާފިޤުކަން




އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ އުންމަތެއް ކަމަށް ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވީ ނަމަވެސް، މިއަދު އިސްލާމީ ދުނިޔޭގެ މަސްރަޙުން ފެންނަނީ އެއާ މުޅިން ޚިލާފު، ހިތްދަތި މަންޒަރެކެވެ. ފަލަސްޠީނާއި، ލުބުނާނާއި، ސިރިޔާ، އިރާޤު ،ސޯމާލިއާ، އީރާނުގެ މުސްލިމުންގެ ލޭ އޮހޮރުވަމުންދާއިރު، އިސްލާމީ ޤައުމުތަކުގެ ލީޑަރުން ތިއްބެވީ ހިމޭނުންނެވެ. މި ހިމޭންކަމުގެ ފަހަތުގައި އޮތީ ބޮޑުވެގެންވާ މުނާފިޤުކަމެކެވެ. ބޭރުފުށުން އިސްލާމީ ވަޙްދަތާއި އިންސާނީ ޙައްޤުތަކުގެ ވާހަކަ ދެއްކެވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ އަމިއްލަ ވެރިކަމުގެ ތަހުތު ދަމަހައްޓަން އުންމަތުގެ ދުޝްމަނުންނާއެކު ސިއްރު އެއްބަސްވުންތައް ހަދަމުންދާ ތަނެވެ. މި ލީޑަރުންގެ ދެފުއްކެހެރި ސިޔާސަތުގެ ސަބަބުން މިއަދު މުޅި އުންމަތް އޮތީ ބައިބައިވެ، ބަލިކަށިވެފައެވެ.

މި މުނާފިޤުކަމުގެ އެންމެ ބޮޑު ހެއްކަކީ، އިސްލާމީ ޤައުމުތަކުގެ ބިމާއި، ކަނޑާއި، ވައިގެ ސަރަޙައްދުތައް ދުޝްމަނުންގެ އަސްކަރީ ބޭނުންތަކަށް ހުޅުވާލާފައި އޮތް އޮތުމެވެ. އެއް އަތުން އެހީގެ ކާބޯތަކެތި ފޮނުވައި ހަމްދަރުދީ ފާޅުކުރާއިރު، އަނެއް އަތުން ދުޝްމަނުންގެ ހަތިޔާރު އުފުލާ އުޅަނދުތަކަށާއި ޖެޓްތަކަށް މަގުފަހިކޮށްދިނުމަކީ ބޮޑުވެގެންވާ ޚިޔާނާތެކެވެ. މުސްލިމުންގެ އަތުގައި ދުނިޔޭގެ ހަކަތައިގެ މައިބަދަ ކަމަށްވާ ތެލާއި ގޭހުގެ ބާރު އޮތް ނަމަވެސް، އެ ބާރުގެ ބޭނުން އުންމަތުގެ ދިފާޢުގައި ނުކުރެވެނީ ލީޑަރުންގެ ހިތްތަކުގައިވާ ދުނިޔޭގެ ދަހިވެތިކަމާއި ބޭރުގެ ބާރުތަކަށް އޮތް ބިރެއްގެ ސަބަބުންނެވެ. އީރާނާއި އެމެރިކާގެ ހަނގުރާމައިގެ ތެރެއިން މުޅި ސަރަޙައްދު އަނދަމުންދާއިރުވެސް، މި ލީޑަރުން އިސްކަންދެނީ ހުޅަނގުގެ އިޤްތިޞާދީ މަޞްލަޙަތުތައް ރައްކާތެރިކުރުމަށެވެ.

އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑެތި އިމާމުން ކަމަށްވާ އިމާމް އަޙްމަދު ބިން ޙަންބަލް ފަދަ ބޭފުޅުން ވަނީ އަނިޔާވެރި ވެރިންގެ ކުރިމަތީގައި ޙައްޤު ބަސް ބުނެ، ކެތްތެރިކަމާއި ސާބިތުކަމުގެ ނަމޫނާ ދައްކަވާފައެވެ. ނަމަވެސް، މިއަދުގެ ލީޑަރުންނާއި، އެބޭފުޅުންގެ ނުފޫޒުގެ ދަށުގައި ތިއްބެވި ބައެއް ޢިލްމުވެރިން ދަނީ ދީނީ އަގުތަކަށްވުރެ ބޮޑަށް ސިޔާސީ މަންފާއަށް އިސްކަންދެމުންނެވެ. ޒަޔަނިސްޓް ނުފޫޒުތައް އިސްލާމީ ޤައުމުތަކުގެ ނިންމުންތަކުގެ ތެރެއަށް ވަދެފައިވާ މިންވަރަކީ، ދުޝްމަނުންގެ ފަރާތުން އަންނަ ހަމަލާތަކަށްވުރެ، އަމިއްލަ އަޚުންގެ ފަރާތުން ލިބޭ ބޭވަފާތެރިކަން މާ ބޮޑުވުމެވެ. މިއީ މިއަދު އުންމަތް ޣަރަޤުވަމުންދާ އެންމެ ބޮޑު ސަބަބެވެ.

އުންމަތް މި ބަލިކަށި ހާލަތުން އަރައިގަނެވޭނީ ލީޑަރުންގެ ކިބައިގައިވާ މުނާފިޤުކަމާއި ދެފުށްގެރޭ ސިޔާސަތު އެއްކޮށް ދޫކޮށްލައިގެންނެވެ. މުސްލިމުންގެ މެދުގައި އޮތް ވަޙްދަތު އަލުން ޤާއިމުކޮށް، ދުނިޔޭގެ ވަގުތީ އުފަލާއި ވެރިކަމަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަމާއި އުންމަތުގެ ޢިއްޒަތް އިސްކޮށްގެންނެވެ. އެހެން ނޫންނަމަ، ތާރީޚުގެ ޞަފުޙާތަކުގައި މި ޒަމާނުގެ ލީޑަރުން ލިޔެވިގެންދާނީ އުންމަތް އެންމެ ބޭނުންވި ވަގުތު ޚިޔާނާތްތެރިވި، ފިޑި ބައެއްގެ ގޮތުގައެވެ. އުންމަތުގެ ސަލާމަތް އޮތީ އިޚްލާޞްތެރިކަމާއެކު ﷲ ގެ ދީނަށް ރުޖޫޢަވެ، ދުޝްމަނުންގެ ކުރިމަތީގައި އެކަތިގަނޑެއްގެ ގޮތުގައި ތެދުވެގެންނެވެ. 

މިފަދަ ވެރިންގެ ސަބަބުން މުސްލިމުން އަތުން އެތަކެއް ޤައުމުތަކެއް ވަނީ ގެއްލިފައެވެ. ފިލިޕީންސް، އިސްޕޭން، އިންޑިޔާ ބައްރު، ރަސިޔާ ބައްރު އަދިވެސް އެހެނިހެން ޤައުމުތަށް ވަނީ މުސްލިމުންގެ ބާރު ގެއްލިފައެވެ.

އަރުށީފު

އެންމެ މަޤްބޫލު