المسجد الأقصى ގެ މާތްކަމާއި ތާރީޚް



 މަސްޖިދުލް އަޤްޞާގެ މާތްކަމާއި، އޭގެ ނަންތަކާއި، އަދި އެ ބިމުގެ ތާރީޚީ ފެށުމުގެ މައްޗަށް ބަލާއިރު، "އަޤްޞާ" މި ނަމުގެ އަޞްލަކީ މައްކާއާ އެންމެ ދުރުގައި ހުރި މުޤައްދަސް ބިން ކަމަށްވުމެވެ. ކީރިތި ޤުރުއާން ބާވައިލެއްވި ދުވަސްވަރު، މައްކާގެ މަސްޖިދުލް ޙަރާމާ އެންމެ ދުރުގައިވާ އަޅުކަންކުރާ މަރުކަޒަކީ އެއީ ކަމަށްވާތީ އެ ނަން ދެވުނުއިރު، މީގެ އިތުރުން "ބައިތުލް މަޤްދިސް" ނުވަތަ "އަލް-މުޤައްދަސް" ފަދަ ނަންތަކުންވެސް އެތަނަށް ނިސްބަތްކުރެވެއެވެ. މީގެ މާނައަކީ އެންމެހާ ނުބަްިމުސީބާތާއި ހުތުރުކަމުން ތާހިރުކުރެވި، މުޤައްދަސް ކުރެވިފައިވާ ގެއެވެ. ތާރީޚީ ފޮތްތަކާއި ޙަދީޘްތަކުގައި "އީލިޔާ" ނުވަތަ "އީލިޔާ ކެޕިޓޯލީނާ" ފަދަ ނަންތައް ފެންނަން ހުރީ، ރޯމަނުން އެ ބިން ފަތަޙަކުރުމަށްފަހު އެތަނުގެ ޔަހޫދީ ތާރީޚު ފޮހެލުމަށްޓަކައި ދީފައިވާ ލެޓިން ނަމަކަށް ވާތީއެވެ. ރަސޫލާ ﷺ ގެ ދުވަސްވަރު އެ ބިން އޮތީ ބައިޒަންޓައިން އިސްތިޢުމާރުގެ ދަށުގައި ކަމުން، އެ ދުވަސްވަރު އެ ބިން މަޝްހޫރުވެފައިވަނީ އެ ނަމުންނެވެ.

މަސްޖިދުލް އަޤްޞާ ބިނާކުރެވުނު ތާރީޚަށް ބަލާއިރު، އެއީ ބިމުގައި ބިނާކުރެވުނު ދެވަނަ މިސްކިތެވެ. ޞަޙީޙުލް ބުޚާރީގައިވާ ގޮތުން މަސްޖިދުލް ޙަރާމް ބިނާކުރެވުނުތާ 40 އަހަރު ފަހުން މަސްޖިދުލް އަޤްޞާ ބިނާކުރެވުނެވެ. މި 40 އަހަރުގެ މުއްދަތާ މެދު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އިބްރާހީމްގެފާނު ކަޢުބާ ބިނާކުރެއްވުމަށްފަހު، އެކަލޭގެފާނުގެ ކާފަދަރިކަލުން ޔަޢުޤޫބުގެފާނު (އިސްރާއީލްގެފާނު) މަސްޖިދުލް އަޤްޞާ ހުރި ބިން އަޅުކަމަށްޓަކައި ޚާއްޞަކުރައްވައި ބިނާކުރެއްވީއެވެ. މިއީ ސުލައިމާންގެފާނު އެތަނުގައި ބޮޑު ހައިކަލެއް ބިނާކުރެއްވުމުގެ މާ ކުރީގެ ކަމެކެވެ. އެހެންކަމުން މަސްޖިދުލް އަޤްޞާގެ އަޞްލަކީ އެންމެ ކުރީއްސުރެ ﷲ އެއްކައުވަންތަކުރުމަށްޓަކައި ޚާއްޞަކުރެވިފައިވާ ބަރަކާތްތެރި ބިމެކެވެ.

އަޤްޞާގައި ކުރާ ނަމާދުގެ ސަވާބާ ބެހޭގޮތުން ޙަދީޘްތަކުގައި ތަފާތު ޢަދަދުތައް އައިސްފައިވީ ނަމަވެސް، އެންމެ ވަރުގަދަ ރައުޔަކީ އެތަނުގައި ކުރާ އެއް ނަމާދަށް 500 ނަމާދުގެ ސަވާބު ލިބޭ ކަމަށް އޮންނަ ބަސްފުޅެވެ. ބައެއް ރިވާޔަތްތަކުގައި 250 ނަމާދު ނުވަތަ 1,000 ނަމާދުގެ ވާހަކަވެސް އައިސްފައިވެއެވެ. މީގެ އިތުރުން، އެތަނަކަށް އަޅުކަމުގެ ބޭނުމުގައި ޚާއްޞަކޮށް ދަތުރުކުރުން އޮތް ތިން މިސްކިތުގެ ތެރޭގައި މަސްޖިދުލް އަޤްޞާ ހިމެނެއެވެ. މިއީ ދުނިޔޭގައިވާ އެހެން އެއްވެސް މިސްކިތަކަށް ނުލިބޭ ފަދަ މަތިވެރި ޝަރަފެކެވެ. މި ބިމަކީ ހުރިހާ ނަބީބޭކަލުން އެއްފަހަރާ ޖަމާވެ، ރަސޫލާ ﷺ ގެ ފަހަތްޕުޅުގައި ނަމާދުކުރެއްވި ހަމައެކަނި ބިން ކަމަށްވުމީވެސް އެތަނުގެ މާތްކަން ހާމަވާ ކަމެކެވެ


.

މަސްޖިދުލް އަޤްޞާގެ ބިމުގެ އޮނިގަނޑަށް ބަލާއިރު، ގިނަ ބަޔަކަށް އޮޅިފައި އޮންނަނީ ހަމައެކަނި ރަން ގުއްބު (Dome of the Rock) ނުވަތަ ޤިބްލީ މިސްކިތަކީ އަޤްޞާ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެ މުޅި ސަރަޙައްދު، އެބަހީ ގާތްގަނޑަކަށް 35 އޭކަރުގެ ބޮޑު ކޮމްޕައުންޑަކީ މަސްޖިދުލް އަޤްޞާއެވެ. އެ ބިމުގެ ކޮންމެ ތަނެއްގައި ނަމާދު ކުރިޔަސް އެއީ އަޤްޞާގައި ކުރެވޭ ނަމާދެކެވެ. ފިޤުހީ ގޮތުން "ޙަރަމް" އަކީ ހަމައެކަނި މައްކާއާއި މަދީނާ ކަމަށް ވީނަމަވެސް، އަޤްޞާއަކީ މުޤައްދަސް އަދި ބަރަކާތްތެރި ބިމެއްކަން ކީރިތި ޤުރުއާނުގައި ޞަރީޙަކޮށް އަންގަވާފައިވެއެވެ. މި ބިމަކީ އަޅުގަނޑުމެންގެ ޢަޤީދާއާއި ތާރީޚާ ގުޅިފައިވާ، މުޅި އިންސާނިއްޔަތަށްޓަކައި ބަރަކާތްލެއްވިގެންވާ އުންމަތުގެ އެންމެ އަގުބޮޑު އެއް ތަރިކައެވެ.



އަރުށީފު

އެންމެ މަޤްބޫލު