ޢީދު ދުވަހަކީ މުސްލިމް އުންމަތަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ. މި އުފާވެރިކަން ފުރިހަމަވަނީ ދީނީ ގޮތުން އަދާކުރަންޖެހޭ އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްގެންނެވެ. މަޝްހޫރު ޢިލްމުވެރިޔާ އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު ވަނީ ޢީދު ނަމާދުގެ ޙުކުމްތަކާއި އެ ދުވަހުގެ ސުންނަތްތަކާ ގުޅޭގޮތުން މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ.
- ޢީދު ދުވަހަކީ ހުކުރު ދުވަހެއް ކަމުގައި ވެ، ދެޢީދު އެއްވެއްޖެ ހިނދުގައި، ޢީދުގައި ބައިވެރިވެ ޢީދު ނަމާދު ކޮށްފި މީހާއަށް ހުކުރަށް ޙާޟިރު ނުވެ އެހެނަސް މެންދުރު ނަމާދު ކުރުމުގެ މައްޗަށް ފަސޭހަ ލިބިފައިވެއެވެ. އެހެނަސް މޮޅުއިތުރު ގޮތަކީ ހުކުރަށް ޙާޟިރުވުމެވެ. އެއީ ޒައިދު ބުނު އަރުޤަމްގެ ޙަދީޘާއި އިބްނު ޢައްބާސް -رضي الله عنهما- ގެ ޙަދީޘުގައި ވާރިދުވެފައިވާ ފަދައިންނެވެ.
- ބައެއް މީހުންނަށް ހީވެފައިވަނީ، ޢީދު ނަމާދަކީ ސުންނަތެއް ކަމުގައެވެ. އެފަދައިން (ޢިލްމުވެރިން ފުށުން) ބައެއް ބަސްތައް ނަޤުލުވެފައިވެސް ވެއެވެ . އެހެނަސް ޞައްޙައީ އެއީ ފަރުޟެއް ކަމުގައި ވުމެވެ. އަދިކިއެއްތަ؟ ނަމާދުތަކުގެ ތެރެއިން އެއްވެސް ނަމާދަކަށް އަންހެންވެރިން ޙާޟިރުވުމަށް އޮތް އަމުރު، ޢީދު ނަމާދަށް އައިސްފައިވާ ފަދަ ކަށަވަރުކަމާއި އެކު އައިސްފައި ނުވެއެވެ.
- ފިޠުރު ޢީދުގައި، ޢީދު ނަމާދަށް ނިކުތުމުގެ ކުރީން އޮނަހިރި އަދަދަކުން ކަދުރުއޮށެއް ކެއުމީ ސުންނަތް ވެގެންވާ ކަމެކެވެ.
- ޢީދު ދުވަހުގެ ޚުޠުބާ އިއްވެނީ ނަމާދަށް ފަހުގައެވެ. މިއީ ޚުޠުބާ އޭގެ ކުރިޔަށް ކިޔޭ ހުކުރު ނަމާދާއި ޚިލާފަށެވެ.
- ސުންނަތް ވެގެންވަނީ ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި — ހަށަންބަންތަކުބީރު ހިމެނޭހެން — މުޅިއަކު ހަތް ތަކުބީރު ކިޔުމެވެ. އަދި ދެވަނަ ރަކުޢަތުގައި (ކޮޅަށް ތެދުވުމަށް ފަހު) ފަސް ތަކުބީރު ކިޔުމެވެ.
- އައުލާކަން ބޮޑުވެގެން ވަނީ، ޢީދު ޚުޠުބާ އަޑު އެހުމެވެ. ދެންފަހެ، ނަބިއްޔު ﷺ ޚުޠުބާ އަޑުއެހުމާއި މެދު ތަނަވަސްކަން ދެއްވިކަމަށް އައިސްފައިވާ ޢަބްދު ﷲ ބުނުއް ސާއިބުގެ ޙަދީޘާއިމެދު ދަންނައެ، އެޙަދީޘް ޞައްޙައެއް ނޫނެވެ.
- އަޞްޙާބު ބޭކަލުން އަރިހުން، ޢީދުގައި އެބޭކަލުން «تَقَبَّلَ اللَّهُ مِنَّا وَمِنْكَ» ((އަހަރެމެންނާއި ތިބާގެ ފުށުން اللّٰه ޤަބޫލު ކުރައްވާ ށިއެވެ.)) —މިހެން ވިދާޅުވާކަމަށް، ވާރިދުވެފައި ވެއެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު
~ ގަލަންދާނު

