ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި، "ފެންނަ ކަމަށް" ވޯޓު ދިނުމަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ.
މި އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ ދައުރު ގުނާނެ އުސޫލުތަކަށް ގެންނަ ބަދަލުތަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ބާއްވާ ވޯޓެކެވެ.
ޢަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި، މި އިޞްލާޙަށް ތާއީދުކުރަން އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކުރުމަށްފަހުގައެވެ. އިންތިޚާބުތައް އެކުއެކީގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތައް ކުޑަވެ، އިދާރީ ގޮތުންނާއި ސިޔާސީ ގޮތުން ޤައުމަށް ހަމަޖެހުން ލިބިގެންދާނެ ކަމަށް އެ ޕާޓީން ދެކެއެވެ.
މި ވޯޓަކީ ޤާނޫނުއަސާސީއަށް ގެންނަ މުހިންމު ބަދަލަކަށްވާތީ، މީގެ ނަތީޖާއަށް ބިނާކޮށް ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ސަރުކާރާއި ބައެއް ސިޔާސީ ޕާޓީތަކުން ދަނީ މި ބަދަލަކީ އިޤްތިޞާދީ ގޮތުންނާއި ވަގުތުގެ ގޮތުން ބަލާއިރު ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމަށް ބުނަމުންނެވެ.
