ބޯޓެއްގެ މަތީގައި ރޯދަވީއްލުމެއް ބޭއްވި 14 މުސްލިމް ޒުވާނަކު އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފި

 


ވިއަރަނާސީގެ ގަންގާ ކޯރުގައި ދަތުރުކުރި ބޯޓެއްގެ މަތީގައި ރޯދަވީއްލުމެއް ބޭއްވި 14 މުސްލިމް ޒުވާނަކު އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހަރުކަށި ހިންދޫ ފިކުރުގެ މީހުން މުޤައްދަސް ތަނެއްގެ ގޮތުގައި ބަލާ ގަންގާ ކޯރުގެ ސަރަހައްދުގައެވެ. ފުލުހުން ބުނާ ގޮތުގައި މި ޒުވާނުން ހައްޔަރުކުރީ ކޯރުގެ މަތީގައި "ދީނީ ހަރަކާތެއް" ހިންގައި، އާންމު މަސްލަހަތު ގެއްލުވާލި ކަމުގެ ތުހުމަތުގައެވެ

.ފުލުހުން ބުނަނީ ކޯރުގެ ސަރަހައްދަކީ ދީނީ ގޮތުން ޚާއްޞަ ތަނަކަށް ވެފައި، އެތަނުގައި އެހެން ދީނެއްގެ ބަޔަކު ފާޅުގައި ކެއުމާއި ބުއިމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަމުންދަނީ، އަމިއްލަ ބޯޓެއްގެ މަތީގައި ރޯދަވީއްލުމަކީ ކުށެއް ނޫން ކަމަށާއި، މިއީ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުންތަކުގެ ބައެއް ކަމަށެވެ.

މީގެ ކުރިން އިންޑިއާގެ އެކި ސަރަހައްދުތަކުގައި، އާންމު މައިދާންތަކުގައާއި ރޭލުވޭ ސްޓޭޝަން ފަދަ ތަންތަނުގައި ނަމާދުކުރާ މުސްލިމުންނަށް ހުރަސްއަޅައި، އެމީހުން ހައްޔަރުކޮށްފައިވެއެވެ. ގަންގާ ކޯރު މަތީގައި ރޯދަވީއްލުމަކީ "ދީނީ ހަރަކާތެއް" ކަމަށް ބަލައި ހައްޔަރުކުރުމުން ދޭހަވަނީ، މުސްލިމުންގެ އާންމު ދިރިއުޅުމުގެ ކަންކަން ވެސް ސިޔާސީ ނުވަތަ ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ވައްދައިގެން ހަނިކުރަމުންދާ ކަމެވެ.

ގަންގާ ކޯރަކީ ފަތުރުވެރިންނާއި އާންމުން ބޯޓުފަހަރުގައި ކައިބޮއި ހަދާ ސަރަހައްދެކެވެ. ނަމަވެސް، މުސްލިމުންތަކެއް އެކަން ކުރުމުން "އާންމު މަސްލަހަތު ގެއްލޭ" ކަމަށް ބުނެ ހައްޔަރުކުރުމަކީ ޤާނޫނު ހަމަހަމަކަމާއެކު ތަންފީޛު ނުކުރެވޭކަމުގެ ހެއްކެކެވެ. މިއީ ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށްގެން ހިންގާ ނަފްސާނީ ބިރުވެރިކަމެއްގެ ގޮތުގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެއެވެ.

މިފަދަ ހާދިސާތައް އިތުރުވަމުންދަނީ އިންޑިއާގެ ސިޔާސީ މަސްރަޙުގައި ހަރުކަށި ހިންދޫ ފިކުރު ކުރިއަރައި، މުސްލިމުންނަކީ ބޭރު ބައެއްގެ ގޮތުގައި ސިފަކުރަން ފެށުމުންނެވެ. "ގަންގާ ކޯރު" ފަދަ ދީނީ ގޮތުން ޚާއްޞަ ތަންތަނުގައި އެހެން ދީންތަކުގެ މީހުން އުޅުމަކީ އެތަނުގެ "މުޤައްދަސްކަން" ގެއްލޭ ކަމެއްގެ ގޮތުގައި ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރެއެވެ.

​މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ބައެއް މީހުން ސުވާލު އުފައްދަނީ ކޯރު މަތީގައި ޓޫރިސްޓުން ކައިބޮއި ހެދުމަކީ މަނާ ކަމަކަށް ނުވާއިރު، ރޯދަވީއްލުމަކަށް ދިޔަ ބަޔަކު ހައްޔަރުކުރަންޖެހޭ ސަބަބަކާ މެދުގައެވެ.


އަރުށީފު

އެންމެ މަޤްބޫލު