ދިރިއުޅުމުގެ މައިދާނަކީ އިމްތިޙާނުތަކުން ފުރިގެންވާ ތަނެކެވެ. ބައެއް ފަހަރު ސިޔާސީ މަޤްޞަދުތަކަށްޓަކައި ދައްކާ ފޮނި ހުވަފެންތަކާއި، މަކަރުވެރި ރޭވުންތަކުގައި ޖެހި، އަޅުގަނޑުމެންގެ ހަޔާތުގެ އަގުހުރި ދުވަސްތައް ބޭކާރުވެގެންދެއެވެ. ނަމަވެސް، އިސްލާމްދީން އަޅުގަނޑުމެންނަށް އިރުޝާދު ދެނީ މިފަދަ ކަންކަމުން އިބުރަތް ލިބިގަނެ، ހޭލުންތެރި ބަޔަކަށް ވުމަށެވެ.
ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
"لَا يُلْدَغُ الْمُؤْمِنُ مِنْ جُحْرٍ وَاحِدٍ مَرَّتَيْنِ"
"މުއުމިނެއްގެ ގަޔަށް، އެއް ހޮރަކުން ދެފަހަރަކު ކައްޓެއް ނުޖަހާނެއެވެ." (ޞަޙީޙް ބުޚާރީ)
ހަގީގީ މުއުމިނަކީ، ފުރަތަމަ ތަޖުރިބާއިން ލިބޭ އިބުރަތުގެ ބޭނުންހިފާ، އެއް ކަމަކުން ތަކުރާރުކޮށް ކެހިނުލިބޭނެ ފަދަ ހުޝިޔާރު މީހަކަށް ވާންޖެހޭނެއެވެ. އެހެންކަމުން، ކުރިމަތިވާ އޮޅުވާލުންތަކާއި ގޯސްތަކުން ފިލާވަޅު ލިބިގަނެ، އެފަދަ ކަންކަން ތަކުރާރުވިޔަނުދީ ރައްކާތެރިވުމަކީ މުއުމިނެއްގެ ސިފައެކެވެ.
ޝައިޚް އިބްނު ބާޒް رحمه الله މި ޙަދީޘްފުޅުގެ މާނަ ތަފްސީލުކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ:
މުއުމިނަކު އެއް ހޮރަކުން ދެފަހަރަށް ކަށިޖެހިޔަ ނުދީ ހުށިޔާރުވާންޖެހެއެވެ. ނުވަތަ މީހަކު އެއްފަހަރު އޭނާއަށް އޮޅުވާލައިފިނަމަ، ދެވަނަ ފަހަރަށް އެމީހެއްގެ މަކަރުގައި ނުޖެހުމަށްޓަކައި ސަމާލުވާންޖެހެއެވެ. މުޢާމަލާތެއްގައި މީހަކު އޭނާއަށް އަނިޔާވެރިވެއްޖެނަމަ، އެހެން މުޢާމަލާތެއްގައި އޭނާއަށް އޮޅުވާލައި މަގުފުރެއްދިޔަ ނުދިނުމަށްޓަކައި ރައްކާތެރިވާންޖެހެއެވެ. އެބަހީ، ފުރަތަމަ ފަހަރު އޭނާއަށް އޮޅުވާލި ނުވަތަ ގެއްލުންދިން މީހެއްގެ ފަރާތުން ލިބިދާނެ އުނދަގުލަކުން އަމިއްލަ ނަފްސު ރައްކާތެރިކުރަންޖެހެއެވެ.
އިބްނު ޙަޖަރު އަލްޢަސްޤަލާނީ (رحمه الله) އެކަލޭގެފާނުގެ މަޝްހޫރު ފޮތް "ފަތުޙުލް ބާރީ" (فتح الباري) ގައި މި ޙަދީޘްފުޅު ތަފްސީލުކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ:
"المؤمن ينبغي أن يكون حازماً حذراً، فلا يُخدع مرتين من جهةٍ واحدة"
މީގެ ދިވެހި މާނައަކީ:
"މުއުމިނަކީ ކަންކަމުގައި ފަރުވާތެރި، ހުށިޔާރު މީހަކަށް ވާންޖެހެއެވެ. އެއް ފަރާތަކުން ދެފަހަރަށް އޭނާއަށް އޮޅުވައެއް ނުލެވޭނެއެވެ."
އިބްނު ޙަޖަރުގެ މި ތަފްސީލުން ލިބިދޭ މުހިންމު އިރުޝާދުތަކަކީ:
ހޭލުންތެރިވުން (Alertness): ތިމާގެ ވަށައިގެން ހިނގާ ކަންކަމާ މެދު އަބަދުވެސް ހޭލުންތެރިވެ ހުރުން.
ވިސްނުންތެރިކަން (Intelligence): ކަންކަން ނިންމުމުގައި ބުއްދީގެ ބޭނުންކޮށް، މީހުން ދައްކާހާ ވާހަކައަކަށް ފަސޭހައިން ނުހެއްލުން.
ތަޖުރިބާއިން ދަސްކުރުން (Learning from past harm): މީގެ ކުރިން ލިބިފައިވާ ގެއްލުމަކީ ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުވުމަށް އޮތް ފިލާވަޅެއް ކަމުގައި ބެލުން.
އިބްނު ރަޖަބު އަލްޙަންބަލީ (رحمه الله) މި ޙަދީޘްފުޅާ ގުޅޭގޮތުން ދެއްވާފައިވާ ތަފްސީލަކީ ތިބާގެ ތަޖުރިބާއާ ވަރަށް ބޮޑަށް ގުޅޭ މުހިންމު ވާހަކަފުޅެކެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ:
"أن المؤمن يتعلم من التجارب ولا يعود إلى الخطأ بعد أن يتبين له"
މީގެ ދިވެހި މާނައަކީ:
"މުއުމިނަކީ ތަޖުރިބާތަކުން ފިލާވަޅު ލިބިގަންނަ މީހެކެވެ. އަދި ކަމެއްގެ ހަގީގަތް ބަޔާންވެ އެނގުމަށްފަހު، އެ ގޯހަކަށް އޭނާ ދެވަނަ ފަހަރަކު އެނބުރި ނުދާނެއެވެ."
މި ބަސްފުޅުން ދޭހަވަނީ، އެއްފަހަރު މީހަކު ދެއްކި ހުވަފެނެއްގައި ޖެހުމަކީ އިންސާނީ ތަބީޢަތުގައި ވެދާނެ ކަމެއް ކަމެވެ. ނަމަވެސް އެކަމުގެ ހަގީގަތް އެނގުމުން (މިސާލަކަށް ތިން އަހަރުވީއިރުވެސް ކަމެއް ނުވުން)، އެއީ ލިބުނު ފިލާވަޅެއް ކަމުގައި ބަލައި، ދެވަނަ ފަހަރަށް އެފަދަ މަގަކުން ނުދިއުމަކީ މުއުމިނެއްގެ ހަރުދަނާކަމެވެ.
އިމާމް އަންނަވަވީ (رحمه الله) އެކަލޭގެފާނުގެ މަޝްހޫރު ފޮތް "ޝަރަޙަ ޞަޙީޙް މުސްލިމް" (شرح صحيح مسلم) ގައި މި ޙަދީޘްފުޅު ތަފްސީލުކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ:
"فيه الحث على الحزم في الأمور، وأن المؤمن ينبغي أن يكون متيقظاً لا يُخدع"
މީގެ ދިވެހި މާނައަކީ:
"މި ޙަދީޘްފުޅުގައިވަނީ ކަންކަމުގައި ފަރުވާތެރިވެ، ސާބިތުވެ ހުރުމަށް ބާރުއެޅުއްވުމެވެ. އަދި މުއުމިނަކީ ހޭލުންތެރި، އޭނާއަށް އޮޅުވާނުލެވޭނެ ފަދަ މީހަކަށް ވާންޖެހެއެވެ."
އިމާމް އަންނަވަވީގެ މި ތަފްސީލުން ބާރުއަޅުއްވަނީ އިސްލާމްދީނަކީ ވިސްނުންތެރިކަމާއި ހޭލުންތެރިކަމުގެ ދީން ކަމަށެވެ. އަދި މުސްލިމަކީ ކަންކަމުގައި ގަމާރު (naive) މީހަކަށް ވެގެން ނުވާނެ ކަމަށެވެ.
ރަސޫލާ ﷺ މިފަދައިން ޙަދީޘްކުރެއްވީ އަންނަނިވި ހާދިސާގައި ކަމަށް އިމާމް ނަވަވީ رحمه الله ވިދާޅުވިއެވެ.
ބަދުރު ހަނގުރާމައިގައި އަބޫ ޢައްޒާ އެވެ ކިޔުނު ޅެންވެރިއެއް ހައްޔަރު ކުރެވުނެވެ. އޭނާއަކީ ދީނަށާއި ރަސޫލާ ﷺ އަށް ހަޖޫޖަހައި ޅެންހަދައިގެން ކިޔައި އުޅުނު މީހެކެވެ. އެ މީހާ، ތިމަންނާއަކީ ފަޤީރެކޭ ކުޑަކުދިންތަކެއްގެ ބައްޕައެކޭ ކިޔައި އުޒުރު ދައްކައިގަތުމުން، އޭނާ ދޫކޮށްލެއްވީ ކުރިން އޭނާ ކަންތައް ކުރިގޮތަށް ކަންތައް ނުކުރުމަށް އެއްބަސްވީތީއެވެ. އޭނާ މައްކާއަށް އެނބުރި ގޮސް ރަށުމީހުންނާ އެކުވެ ކުރިއެކޭ އެއްގޮތަށް އުޅެން ފަށައިފިއެވެ. އަދި އުޙުދުގައި ކާފިރުންގެ ލަޝްކަރަށް ހިތްވަރުދީ މުސްލިމުންނަށް ކުޑައިމީސްވާ ފަދަ ޅެން ކިޔާން މީނާ ވެސް އައެވެ. މިފަހަރު ވެސް މީނާ އަސީރުވެ ރަސޫލާ ﷺ އަރިހަށް ގެނެވުނެވެ. ހަމަ ގެނެވުމާ އެކު އިހުނެކޭ އެއްގޮތަށް އުޒުރު ދައްކައިފިއެވެ. ދެން އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ދެ ފަހަރު ކަށްޓެއް ނުޖެހޭނެއެވެ." އަދި އޭނާ ޤަތުލުކުރުމަށް ޞަޙާބީންނަށް އަމުރު-ކުރެއްވިއެވެ.
ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި ޙަދީޘުގެ މާނައަކީ މުއުމިނަކު ދުވަހަކުވެސް ގޯހެއް ނުހެދޭނެއެކޭ ނޫނެވެ.
އޭގެ ބަދަލުގައި އޭގެ މާނައަކީ:
1. އޭނާ ދަސްކުރަނީ ތަޖުރިބާއިންނެވެ
2.އޭނާ ފަރުވާކުޑަކޮށްލައިފާއި ނުހުރެއެވެ.
3. އޭނާގެ ޢަމަލުތައްވާނީ ޙިކުމަތުގައެވެ.
ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ޢަމަލީ އެޕްލިކޭޝަންތައް
މި ޙަދީޘް ގިނަ ދާއިރާތަކަށް ޢަމަލުކުރެވެއެވެ:
1. މީހުންނާ މުޢާމަލާތްކުރުން
މުއުމިނަކު ތަކުރާރުކޮށް މަކަރުވެރިކަން ސާބިތުވި މީހަކަށް އިތުބާރުކޮށްގެން ނުވާނެއެވެ.
2. އަމިއްލަ ގޯސްތައް
މުއުމިނަކު ދަސްކުރަނީ މާޒީގެ ގޯސްތަކުންނެވެ.
3. ލީޑަރޝިޕާއި ވެރިކަން ހިންގުން
މުސްލިމް ލީޑަރުން އިހުމާލުގެ ސަބަބުން ތަކުރާރުކޮށް ހަމަ އެ ގެއްލުން ދިނުމަށް ފުރުޞަތު ދީގެން ނުވާނެ.
4. މާލީ މުޢާމަލާތްތައް
ގެއްލުން ހުރި މުއާމަލާތްތަކަށް ތަކުރާރުކޮށް ވަދެގެން ނުވާނެއެވެ.
މި ޙަދީޘްފުޅުން ލިބޭ މުހިންމު ފައިދާތައް (الفوائد)
1 ވިސްނުންތެރިކަމާއި ހޭލުންތެރިކަން: އިސްލާމްދީން ބާރުއަޅަނީ މުސްލިމުންނަކީ ބުއްދީގެ ބޭނުންކުރާ، ހުށިޔާރު ބަޔަކަށް ވުމަށެވެ.
2.ތަޖުރިބާއިން ދަސްކުރުން: ކުރީގެ ގޯސްތަކަކީ ކުރިމަގުގެ ރައްކާތެރިކަމަށް ލިބޭ ފިލާވަޅުތަކެކެވެ.
3.ހުށިޔާރުވުން: އެއް ކަމަކުން ތަކުރާރުކޮށް ކެހިލިބުމަކީ ފަރުވާކުޑަކަމުގެ ނިޝާނެކެވެ.
4.ރަނގަޅު އަޚްލާޤާއި ބުއްދި: މީހުންނަށް ހެޔޮކޮށް ހިތުމާއި، ހިތްހެޔޮވުމަކީ "ގަމާރު" ވުމެއް ނޫނެވެ.
5.މެދުމިންކަން: މީހުންނަށް އިތުބާރުކުރުމާއި، ހުށިޔާރުވެ ހުރުމާ ދެމެދު ބެލެންސް ހިފަހައްޓަން ޖެހެއެވެ.
ދިރިއުޅުމުގައި ކުރިމަތިވާ އޮޅުވާލުންތަކާއި ގޯސްތަކުން ފިލާވަޅު ލިބިގަނެ، އެފަދަ ކަންކަން ތަކުރާރުވިޔަނުދީ ރައްކާތެރިވުމަކީ މުއުމިނެއްގެ ސިފައެކެވެ. އިސްލާމްދީން ބާރުއަޅަނީ ހެޔޮ އަޚްލާޤާއި، ވިސްނުންތެރިކަމާއި، އަދި ހުށިޔާރުކަމުގެ މެދުގައި ބެލެންސް ހިފެހެއްޓުމަށެވެ.
يَآأَيُّهَا ٱلَّذِينَ ءَامَنُواْ خُذُواْ حِذۡرَكُمۡ فَٱنفِرُواْ ثُبَاتٍ أَوِ ٱنفِرُواْ جَمِيعࣰا
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (عدوّ ންނާ ހަނގުރާމަ ކުރުމުގައި) ރައްކާތެރި ކަމުގައި ހިފާށެވެ! އަދި، ބައިބަޔަށް ތިޔަބައިމީހުން ހަނގުރާމަޔަށް ނުކުންނާށެވެ! ނުވަތަ، އެންމެން އެކުގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުކުންނާށެވެ! 4:71
