ނަސްލީ ތަފާތުކުރުމުގެ 7 ދަރަޖަ

 


.1. ބައޮލޮޖިކަލް ނަސްލީ ތަފާތުކުރުން

ނާޒީން ގަބޫލުކުރި ގޮތުގައި އެންމެ ފުރިހަމަ އިންސާނުންނަކީ ރަންކުލައިގެ (ބުލޮންޑް) 5އިސްތަށިގަނޑަކާއި ނޫކުލައިގެ ކަޅިއެއް ލިބިފައިވާ މީހުންނެވެ. އެއީ އިންސާނުންގެ ތެރެއިން އެންމެ މަތިވެރި ނަސްލު ކަމަށް އެބައިމީހުން ދެކުނެވެ.

މި ފިކުރުގެ ސަބަބުން، ހިޓްލަރު ވަނީ ނޫކުލައިގެ ލޮލާއި ރަންކުލައިގެ އިސްތަށިގަނޑު ނެތް އަންހެނުން ދަރިމައިވުން މަނާކޮށްފައެވެ. އަދި އެތައް ބަޔަކު ގަދަކަމުން ނުވިހާ އޮޕަރޭޝަން ކުރުވިއެވެ. އެމީހުން ދެކޭގޮތުގައި އެ ސިފަތައް ނެތް މީހަކީ ރީތި ނުވަތަ ފުރިހަމަ މީހެއް ނޫނެވެ. މިފަދަ ނޭދެވޭ ވިސްނުންތައް މިއަދުވެސް ތަފާތު ސިފަސިފާގައި ހުޅަނގުގެ ބައެއް ފަރާތްތަކުން ފަތުރަމުންދެއެވެ.

2. އިލްމީ މައިދާނުގައި ނަސްލީ ތަފާތުކުރުން

މަޝްހޫރު އިސްލާހީ މަސައްކަތްތެރިޔާ މެލްކޮމް އެކްސް، އޭނާއަކީ ވަކީލަކަށް ވާން ބޭނުންވާ މީހެއްކަމަށް ބުނުމުން، އޭނާގެ މުދައްރިސް ބުނީ އެއީ ކަޅު ނަސްލުގެ މީހަކަށް ވާތީ ނުވާނެ ކަމެއް ކަމަށެވެ. އަދި އެއްވެސް މީހަކު އޭނާއަށް ވަޒީފާއެއް ނުދޭނެ ކަމަށް ބުނެ އޭނާގެ އުންމީދުތައް ކަނޑުވާލިއެވެ.

މީގެ އިތުރުން، ދެކުނު އެފްރިކާގެ "އެޕާތައިޑް" (ވަކިކުރުން) ޒަމާނުގައި (1948-1990)، ދޮން މީހުންނަށް ހާއްސަ މޮޅު ސްކޫލްތައް ވަނީ ގާއިމުކޮށްފައެވެ. މިއީ އެމީހުންނަކީ މާތް ބައެއްކަމަށް ދެއްކުމަށް ކުރި ކަމެކެވެ. މިއަދުވެސް މި ގައުމުތަކުން އެ ނަސްލީ ތަފާތުކުރުންތަކުން މުޅިން އަރައިގަނެވިފައެއް ނުވެއެވެ.

3. ވިޔަފާރީގައި ނަސްލީ ތަފާތުކުރުން

ބައިނަލްއަގުވާމީ މާލީ އިދާރާތައް (IMF އަދި ވޯލްޑް ބޭންކް) މެދުވެރިކޮށް ބައެއް ގައުމުތަކުގެ އިގްތިޞާދު ވަނީ ހީނަރުކޮށްލާފައެވެ. މީގެ މިސާލަކީ ގްރީސް އެވެ. ބޮޑެތި އިންޓަރެސްޓް (ރިބާ) އާއެކު ލޯނު ދީ، ގައުމުތައް ދަރަނިވެރިކޮށް، އެ ގައުމުތަކުގެ ފައިސާގެ އަގު ވައްޓާލައެވެ. މިއީ ރިބާގެ މަޅީގައި ޖައްސައިގެން ހިންގާ ބޮޑު ޖަރީމާއެކެވެ.

ރަސޫލާ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: "ރިބާ ހަތްދިހަ ބަޔަށް ބެހިގެންވެއެވެ. އޭގެ ތެރެއިން އެންމެ ކުޑަ މިންވަރަކީ އަމިއްލަ މަންމައާއެކު ޒިނޭކުރުން ފަދަ ކަމެކެވެ."

4. ސިޔާސީ މައިދާނުގައި ނަސްލީ ތަފާތުކުރުން

މިއަދު ބާރަކީ ފައިސާއެވެ. ފައިސާގެ ނުފޫޒުން ނިކަމެތި ގައުމުތަކުގެ ސިޔާސީ ކަންކަން ބޮޑެތި ބާރުތަކުން ކޮންޓްރޯލް ކުރެއެވެ. އދ. ފަދަ ޖަމިއްޔާތަކުގައިވެސް ބާރު އޮންނަނީ "ވީޓޯ" ކުރުމުގެ ބާރު ލިބިފައިވާ މަދު ގައުމުތަކަކަށެވެ. އެމީހުން ބޭނުންވާ ގޮތަކަށް ދުނިޔޭގެ ސިޔާސީ އޮއިވަރު ބަދަލުކުރެއެވެ.

5. ޕްރޮޕެގެންޑާ ނަސްލީ ތަފާތުކުރުން

މީޑިއާ ބޭނުންކޮށްގެން ވަކި ގައުމުތަކެއްގެ ނުވަތަ ދީނެއްގެ މީހުންގެ އަގުވައްޓާލުމެވެ. މިސާލަކަށް ފޮކްސް ނިއުސް ފަދަ މީޑިއާތަކުން މުސްލިމު ގައުމުތަކާ ދެކޮޅަށް ހަގީގަތާ ހިލާފު ޑޮކިއުމެންޓަރީތައް އުފައްދައި، އެމީހުންނަކީ ނުރައްކާތެރި ބައެއްގެ ގޮތުގައި ދުނިޔެއަށް ދައްކައެވެ.

6. ޓެކްނޮލޮޖިކަލް ނަސްލީ ތަފާތުކުރުން

ޓެކްނޮލޮޖީގެ ރަންގަޅު ވަސީލަތްތަކާއި ނިއުކްލިއާ ހަތިޔާރު ފަދަ ތަކެތި ހުރުން ހުއްދަވަނީ ހަމައެކަނި އެމީހުންގެ ބާރުގެ ދަށުގައި އޮންނަ ގައުމުތަކަށެވެ. އިޒްރޭލު އަތުގައި ނިއުކްލިއާ ހަތިޔާރު ހުރުން މައްސަލައަކަށް ނުވާއިރު، މުސްލިމު ގައުމަކުން އެފަދަ ކަމެއް ކުރަން އުޅުމުން "ޑިމޮކްރަސީ ނެތް" ކަމަށް ބުނެ ހުރަސްއަޅައެވެ. މިއީ ބޮޑު އޮޅުވާލުމެކެވެ.

7. މިލިޓަރީ ނަސްލީ ތަފާތުކުރުން

އަސްކަރީ ގޮތުން ނަސްލީ ތަފާތުކުރުން ފެންނަނީ ވަކި ބަޔަކު މަރަމުންދާއިރު ދުނިޔެ ހަނިމޭނުން އޮތުމުންނެވެ. ފަލަސްތީނުގެ ނަސްލު ނައްތާލަން ބޮން އަޅަމުންދާއިރު، ބޮޑެތި ބާރުތަކުން އެކަން ހުއްޓުވުމުގެ ބަދަލުގައި އެހީތެރިވެދެއެވެ. ނަމަވެސް، އެމީހުންގެ ނަސްލުގެ ބަޔަކަށް ކުޑަވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ މުޅި ދުނިޔޭގެ އަސްކަރީ ބާރު އެކަމަށް ބޭނުންކުރެއެވެ.


އަރުށީފު

އެންމެ މަޤްބޫލު