މެދުއިރުމަތީގެ މަސްރަޙު ނުހަނު ބޮޑަށް ގޯސްވެ، ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ޙައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އުފައްދަވައިފިއެވެ. މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމެވެ.
ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް މުޤައްރިރުކަން ކުރައްވާ މި ކޮމިޓީގައި ޖުމްލަ 9 ވަޒީރަކު ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރ، ފިނޭންސް މިނިސްޓަރ، އިކޮނޮމިކް މިނިސްޓަރ، ޓްރާންސްޕޯޓް މިނިސްޓަރ، ހޯމް މިނިސްޓަރ، ޓޫރިޒަމް މިނިސްޓަރ، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އަދި އިސްލާމިކް މިނިސްޓަރ ހިމެނިވަޑައިގަންނަވައެވެ.
މި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުން މެދުއިރުމަތީގެ ޙާލަތު ވަގުތުން ވަގުތަށް ބަލަމުންދާނެ ކަމަށާއި، ކަމާގުޅޭ އެންމެހާ މަޢުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނާ ޙިއްސާކުރަމުންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިއީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ އިޤްތިޞާދީ އަދި އިޖުތިމާޢީ ލޮޅުންތަކުން ރައްކާތެރިވުމަށް ސަރުކާރުން އެޅުއްވި ވަރުގަދަ ފިޔަވަޅެކެވެ.
