މާލޭގެ ޓްރެފިކް ނޭވާހޮޅިއަށް: އިހުމާލާއި ކޮރަޕްޝަންގެ ހިތި ނަތީޖާ

 މާލޭގެ ޓްރެފިކް ނޭވާހޮޅިއަށް: އިހުމާލާއި ކޮރަޕްޝަންގެ ހިތި ނަތީޖާ






މާލެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ތޮއްޖެހިފައިވާ އެއް ސިޓީއަށް ވާއިރު، މި ކުޑަކުޑަ ބިމުގެ މަގުތަކުގެ ބޮޑުބައެއް މިއަދު މިވަނީ "ދަގަނޑު ގުދަންތަކަކަށް" ބަދަލުވެފައެވެ. 2009 އިން ފެށިގެން 2025 އާ ހަމައަށް ހަދާފައިވާ އިލްމީ ދިރާސާތަކުން މާލޭގެ ޓްރެފިކްގެ ނުރައްކާތެރި މިންވަރު ސިޓީ ކައުންސިލަށް އެނގޭއިރުވެސް، މިކަމަށް ދާއިމީ ހައްލެއް ނުލިބުމުގެ އަސްލަކީ ސިޔާސީ އާރާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ނިޒާމުގެ ތެރޭގައި މޫލާފައިވާ ކޮރަޕްޝަނެވެ.

މާލޭގެ މަގުތަކުގެ 82 އިންސައްތަ މިއަދު ބޭނުންކުރަނީ އުޅަނދުފަހަރު ދުއްވުމަށާއި ޕާކުކުރުމަށެވެ. ހިނގާބިނގާވާ މީހުންނަށް އޮތީ އެންމެ 18 އިންސައްތަ ޖާގައެވެ. މާލޭ ސަރަހައްދުގައި 120,000 އަށްވުރެ ގިނަ އުޅަނދު ދުއްވާއިރު، މީގެ ތެރެއިން 30,000 އުޅަނދަކީ މާލޭގެ ބިމުގެ ހައްދުން ބޭރުން އިތުރަށް ދުއްވާ އުޅަނދުތަކެވެ.

ދުނިޔޭގެ މިންގަނޑުން ބަލާއިރު ހަމަޖެހޭ ޓްރެފިކެއް އޮންނާނީ އަކަކިލޯމީޓަރަކަށް 7,633 އުޅަނދު ތިބެގެންނެވެ. ނަމަވެސް މާލޭގައި މި އަދަދު ހުރީ 20,000 ގައެވެ. މިއީ މިންގަނޑަށްވުރެ ތިންގުނަ އިތުރު އަދަދެކެވެ.

ސިޓީ ކައުންސިލަށް ލިބޭ އާމްދަނީގެ 60 އިންސައްތަ (ގާތްގަނޑަކަށް 125 މިލިއަން ރުފިޔާ) އަކީ ވެހިކަލް ފީގެ ގޮތުގައި ރައްޔިތުން އަތުން ނަގާ ފައިސާއެވެ. ނަމަވެސް، މި ފައިސާއިން ޕާކިންގް އިމާރާތްތަކެއް ނުވަތަ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައެއް ނެތެވެ. ނަތީޖާއަކީ ރައްޔިތުން މަޖުބޫރުވެގެން ނުބައި ތަންތަނުގައި ޕާކުކުރުމެވެ.

މީގެ އިތުރުން، ޓޯ ކުރުމާއި ޖޫރިމަނާގެ ގޮތުގައި އަހަރަކު އެވްރެޖްކޮށް 50 މިލިއަން ރުފިޔާ ސަރުކާރުން ރައްޔިތުންގެ އަތުން ނަގައެވެ. ޚިދުމަތް ތަރައްޤީ ނުކުރެވުމުގެ އިހުމާލުގެ ތަކުލީފު އުފުލަން މިޖެހެނީ ހަމަ ނިކަމެތި ރައްޔިތު މީހާއެވެ.

ޚިދުމަތަކަށް ފައިސާ ނަގާއިރު، އެ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. ރައްޔިތުންގެ މުދަލަށް ގެއްލުންދީ، ބޮޑެތި ޖޫރިމަނާތަކުން ދައުލަތުގެ ބަޖެޓް ފޫބެއްދުމަކީ އިންސާފެއް ނޫނެވެ. މާލޭގެ މަގުތަކަކީ އަމާން، ހިނގާބިނގާވާ މީހުންނަށް ފަސޭހަ ތަންތަނަށް ހެދޭނީ އިޚުލާޞްތެރިކަމާއެކު މިކަމަށް ޢަމަލީ ހައްލެއް ގެނެސްގެންނެވެ.

މަޢުލޫމާތު ނެގީ:- https://x.com/zariyand/status/2025234703415214501?t=dAOW60pT5y1Ai72oB45

8kg&s=19

އަރުށީފު

އެންމެ މަޤްބޫލު