ފުން އަނދިރިގަނޑެއްގެ ތެރޭގައި: ޒައިދުގެ ދިރިއުޅުން (ފުރަތަމަ ބައި)

ފުން އަނދިރިގަނޑެއްގެ ތެރޭގައި: ޒައިދުގެ ދިރިއުޅުން (ފުރަތަމަ ބައި)




ރަށުގެ ހަލަބޮލި މަގުތަކުގެ ތެރެއިން، ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ފާހަގަވާނެ އެއް ޒުވާނަކީ ޒައިދެވެ. އޭނާގެ ފަރި ހަރަކާތްތަކާއި، އަބަދުވެސް ތުންފަތްމަތީގައިވާ ހިނިތުންވުމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި އޭނާއަކީ މަޤުބޫލު މޫނެކެވެ. ނަމަވެސް، އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އަނދިރި ފަރާތެއް ވެއެވެ. ޒައިދުގެ ހަށިގަނޑު ރަށުގެ މަގުތަކުގައި އުޅުނަސް، އޭނާގެ ރޫޙު ވަނީ އީމާންކަމުގެ ނޫރުން މަޙްރޫމްވެ، މަގުން ކަސިޔާރުވެފައެވެ.
އިރު އޮއްސި، މުޅި ރަށަށް ހަމަހިމޭންކަން ވެރިވަމުންދާއިރު، މިސްކިތްތަކުން އިވޭ މަގުރިބު ނަމާދުގެ ބަންގީގެ އަޑަކީ ކޮންމެ މުސްލިމެއްގެ ހިތަށް މަޖުބޫރުކަމެއް ނެތި ހަމަޖެހުން ގެނެސްދޭ އަޑެކެވެ. ނަމަވެސް، ޒައިދަށް އެ އަޑަކީ ހަމައެކަނި ފާއިތުވެގެންދާ "އިންޒާރެއް" ފަދަ އެއްޗެކެވެ. ބަންގީގެ ރީތި މާނަތަކަށްވުރެ އޭނާއަށް މުހިންމުވަނީ އޭނާގެ ރަހުމަތްތެރިންނާއެކު ދުއްވާ ސައިކަލުގެ ބަރު އަޑެވެ.
"ޒައިދު! ހިނގާ މިސްކިތަށް،" އޭނާގެ ކުޑައިރުގެ އެކުވެރިޔާ އަޙްމަދު ގޮވާލިއެވެ.
ޒައިދު ހީލާފައި ސައިކަލުގެ ރޭސް ގަދަކޮށްލިއެވެ. "މިދަނީއޭ، ފަހުން ދާނަން،" މިއީ އޭނާގެ އާދައިގެ ޖަވާބެވެ. ނަމަވެސް އެ "ފަހުން" އަންނަ ވަގުތެއް އޭނާގެ ޙަޔާތަކު ނާދެއެވެ. ނަމާދު ވަގުތުތައް ފާއިތުވެގެންދާއިރު، އޭނާ އުޅެނީ ކޮންމެވެސް ސަކަރާތެއްގައެވެ. ދީނީ އެއްވެސް އަސަރެއް ނެތް އެ ދިރިއުޅުމަކީ އޭނާ އަމިއްލައަށް އިޚްތިޔާރުކުރި "މިނިވަންކަން" ކަމަށް އޭނާ ދެކެއެވެ.
ޒައިދުގެ ރޭގަނޑުގެ ވަގުތުތައް ހޭދަކުރަނީ ރަށުގެ އެކަހެރި ސަރަހައްދުތަކުގައެވެ. އޭނާގެ ވަށައިގެން ތިބީ ހެޔޮލަފާ ނަސޭހަތްތެރިންނެއް ނޫނެވެ. އެއީ އޭނާގެ ހަށިގަނޑާއި ފުރާނަ ހަލާކުގެ ތެރެއަށް ވައްޓާލަން މަސައްކަތްކުރާ ނުބައި އެކުވެރިންނެވެ. މަސްތުވާތަކެއްޗަކީ އޭނާގެ ދިރިއުޅުމުގެ އެއްބަޔަށް ވެއްޖެއެވެ. އެ ތަކެތީގެ ސަބަބުން ލިބޭ ވަގުތީ "އުފަލަކީ" ހަގީގީ އުފާ ކަމަށް އޭނާއަށް ގަބޫލުކުރެވެން ފެށިއެވެ.
"މިއީއޭ ދިރިއުޅުމަކީ! ހިތަށް އެރިހާ ގޮތަކަށް އުޅުން،" ރަހުމަތްތެރިންނާއެކު ދުންބޯލަން އިނދެ ޒައިދު ބުނެލައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އުފަލަކީ އެއްވެސް ހުރަހެއް ނެތި، ދީނީ އަދި އަޚްލާޤީ އިންތަކުން ބޭރުވެ އުޅުމެވެ. ނަމަވެސް އެއީ އޭނާގެ ނަފްސަށް އޮޅުވާލާ އޮޅުވާލުމެއްކަން އޭނާއަކަށް ނޭނގެއެވެ.
ގޭގައި ޒައިދުގެ މަންމައާއި ބައްޕަ ތިބެނީ އިންތިހާއަށް ކަންބޮޑުވެފައެވެ. މަންމަގެ ދުޢާއަކީ އޭނާގެ ދަރިފުޅަށް ހިދާޔަތް ލިބުމެވެ.
"ދަރިފުޅާ، ތިޔަ އުޅެނީ ރަނގަޅު ގޮތަކަށް ނޫން. މާތްﷲ އަށް ބިރުވެތިވޭ،" އެތައް ފަހަރަކު މަންމަ އާދޭސްކޮށްފިއެވެ. ބައްޕަގެ ހަރުކަށި ނަސޭހަތްތަކާއި މަންމަގެ ކަރުނުން ފުރިގެންވާ ދެލޯ، ޒައިދުގެ ހިތަށް އަސަރެއް ނުކުރެއެވެ. އޭނާގެ ކަންފަތަށް އެއީ ހަމައެކަނި "އުނދަގޫ" އަޑުތަކެކެވެ. ހެޔޮލަފާ ރަހުމަތްތެރިން އޭނާގެ މަގު ސީދާކުރަން ކުރާ މަސައްކަތަކީ އޭނާގެ މިނިވަންކަމަށް އަރައިގަތުން ކަމަށް އޭނާ ސިފަކުރެއެވެ.

ޒައިދުގެ ދިރިއުޅުމަކީ ބޭރުފުށުން ބަލާއިރު ވަރަށް "ސަޅި" ދިރިއުޅުމެކެވެ. އަބަދު ސަކަރާތާއި، ރައްޓެހިންނާއި، މަޖަލެވެ. ނަމަވެސް، ރޭގަނޑުގެ ދަންވަރު، އެންމެން ނިދާ ހަމަހިމޭންވާ ވަގުތު، ޒައިދު އެކަނިވުމުން އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަޅުކަމެއް އިހުސާސްވެއެވެ.
އެއީ ކޮން ފަޅުކަމެއް ހެއްޔެވެ؟ އެއީ އޭނާގެ އަތުގައި ފައިސާ ނެތިގެންވާ ފަޅުކަމެއް ނޫނެވެ. ނުވަތަ ރަހުމަތްތެރިން ނެތިގެންވާ ފަޅުކަމެއްވެސް ނޫނެވެ. އެއީ އީމާންކަމުގެ ނޫރު ނެތުމުން އުފެދޭ ހުސްކަމެކެވެ. އިންސާނާގެ ހިތަކީ މާތްﷲ ގެ ޒިކުރުން މެނުވީ ހަމަޖެހުން ލިބޭނެ އެއްޗެއް ނޫންކަން ޒައިދަށް ނޭނގެނީއެވެ. އޭނާގެ ވަށައިގެން ކިތަންމެ ގިނަ ބަޔަކު ތިއްބަސް، އޭނާގެ ރޫޙު ވަނީ އެކަނިވެފައެވެ.
ކޮޓަރީގެ އަނދިރީގައި އޮށޯވެލައިގެން އޮންނައިރު، އޭނާގެ ހިތުގެ ކޮންމެވެސް ކަނެއްގައި ސުވާލުތަކެއް އުފެދެއެވެ. "އަހަރެން މި ދަނީ ކޮން ދިމާލަކަށް؟ މި އުފަލަކީ ހަގީގީ އުފަލެއްތަ؟" ނަމަވެސް، މި ސުވާލުތަކަށް ޖަވާބު ހޯދުމުގެ ބަދަލުގައި އޭނާ އަވަސްވެގަންނަނީ އަނެއްކާވެސް ނިދިބޭހެއް ނުވަތަ މަސްތެއްގެ ތެރެއަށް ގެނބިގެން ދިއުމަށެވެ.
މިއީ ޒައިދުގެ ކަސިޔާރު ދިރިއުޅުމުގެ ފެށުމެވެ. އޭނާގެ މި ބަނަ ދިރިއުޅުމަށް އަލިކަމެއް އަންނާނީ ކޮން ފަދަ ހާދިސާއަކުން ބާވައެވެ؟


އަރުށީފު

އެންމެ މަޤްބޫލު