ފުން އަނދިރިގަނޑެއްގެ ތެރޭގައި: ޒައިދުގެ ދިރިއުޅުން (ދެވަނަ ބައި)

 ފުން އަނދިރިގަނޑެއްގެ ތެރޭގައި: ޒައިދުގެ ދިރިއުޅުން (ދެވަނަ ބައި)




އެއްރޭގެ ދަންވަރުގެ ވަގުތެވެ. ޒައިދާއި އޭނާގެ ރަޚުމަތްތެރިން ތިބީ އާދައިގެ މަތިން ބާރުމިނުގައި ސައިކަލު ދުއްވުމުގެ ރޭހެއްގައެވެ. މަގުތަކުގެ ހަމަހިމޭންކަން މުގުރާލަމުން، އެމީހުން ދިޔައީ ނުރައްކާތެރި އުކުޅުތައް ދައްކަމުންނެވެ. ޒައިދުގެ ހިތުގައި އޮތީ ނޭނގޭ ފަދަ ބާރުވެރިކަމެކެވެ. ނަމަވެސް، ކުއްލިއަކަށް އިވުނީ ބިރުވެރި އަޑެކެވެ.

ސައިކަލުގެ ކޮންޓްރޯލް ގެއްލި، ޒައިދު ގޮސް ޖެހުނީ މަގުގެ އަރިމަތީގައި ހުރި ފާރެއްގައެވެ. މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ލޮލަށް ފެންނަމުންދިޔަ މަންޒަރުތައް ފުސްވެ، ކަންފަތަށް އިވެމުންދިޔަ އަޑުތައް މަޑުވަމުން ގޮސް، އޭނާ މުޅިން ހޭނެތުނެވެ.

ޢޒައިދަށް ހޭލެވުނުއިރު، އޭނާ އޮތީ ހޮސްޕިޓަލުގެ ހުދު ފާރުތަކުގެ ތެރޭގައެވެ. މުޅި ހަށިގަނޑުގައި ހުރީ ބޭސްގަނޑު އަޅާފައެވެ. ގާތުގައި އިނީ އޭނާގެ މަންމައެވެ. މަންމަގެ ދެލޯ ވަނީ ރޮއެރޮއެ ދުޅަވެފައެވެ. ބައްޕަ އިސްޖަހާލައިގެން ކޮޓަރީގެ ކަނެއްގައި އިނެވެ.

"ދަރިފުޅާ... މާތްﷲ ޙަމްދުކުަރަން،" މަންމަ ގިސްލަމުން ބުންޏެވެ.

ޒައިދަށް ވާހަކަދައްކަން އުނދަގޫވިއެވެ. އޭނާގެ ހަނދާނަށް އައީ އެކްސިޑެންޓްވީ ވަގުތެވެ. އެ ވަގުތު އޭނާގެ ހިތަށް އެރި ބިރުވެރިކަމެވެ. "އަހަރެން މަރުވިނަމަ، އަހަރެންގެ ހާލަކީ ކޮބައިބާ؟" މި ސުވާލު އޭނާގެ ސިކުނޑީގައި ތަކުރާރުވާން ފެށިއެވެ. އޭނާގެ "މަޖާ" އެކުވެރިންގެ ތެރެއިން އެކަކުވެސް އޭނާގެ ގާތަކު ނެތެވެ. ތިބީ ހަމައެކަނި އޭނާ އިހުމާލުވި މައިންބަފައިންނެވެ.

ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކަކީ ޒައިދަށް ލިބުނު ބޮޑު އިބުރަތެކެވެ. އޭނާއަށް ހަރަކާތް ނުކުރެވި އެނދުގައި އޮންނަން ޖެހުމުން، ކުރިން އިހުސާސްވި އެ ފަޅުކަން މާ ބޮޑަށް އިހުސާސްވާން ފެށިއެވެ. ނަމަވެސް މިފަހަރު އެ ފަޅުކަން ފިލުވަން މަސްތުވާތަކެއްޗެއް ނެތެވެ.

އެއްދުވަހަކު، ކައިރި އެނދެއްގައި އޮތް މީހަކު ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ އަޑު ޒައިދަށް އިވުނެވެ. އެ އަޑުން އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ފިނިކަމެއް ލިބުނެވެ. އެއީ އޭނާ އެތައް އަހަރެއް ވަންދެން ހޯދަން އުޅުނު "ހަގީގީ ހިތްހަމަޖެހުން" ކަން އޭނާއަށް ރޭކާލާން ފެށިއެވެ.

ޒައިދު ހޮސްޕިޓަލުން ދޫކޮށްލި ދުވަހަކީ އޭނާގެ ހަޔާތުގެ އާ ދުވަހެކެވެ. އޭނާގެ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. އޭނާ އެނބުރި ގެއަށް ގޮސް ފުރަތަމަވެސް ބޭނުންވީ ވުޟޫކޮށްލައިގެން ނަމާދަކަށް ހުއްޓޭށެވެ.

ނަމާދުގައި ސަޖިދައަށް ދިޔަ ވަގުތު، ޒައިދުގެ ލޮލުން ކަރުނަ ހިލުނެވެ. އެއީ ދުވަހަކުވެސް އޭނާގެ ލޮލުން އައި ކަރުނައެއް ނޫނެވެ. އެއީ ތައުބާގެ ކަރުނައެވެ. އޭނާގެ ހިތުގައި އޮތް ބޮޑު ހުސްކަން ފުރެމުންދާ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.

"ޔާﷲ! އަޅުގެ ފާފަ ފުއްސަވައި، އަޅާއަށް ސީދާ މަގު ދައްކަވާނދޭވެ،" ޒައިދު ހިތާހިތުން ދުޢާކުރިއެވެ.

ޒައިދުގެ މި ބަދަލާއެކު، އޭނާގެ ކުރީގެ އެކުވެރިން އޭނާއަށް މަލާމާތް ކުރަން ފެށިއެވެ. "މިހާރު ތިއީ މާ ބޮޑު މުއްލާއަކަށް ވީ ހެއްޔެވެ؟" އެމީހުން ސުވާލުކުރިއެވެ. ނަމަވެސް ޒައިދު މިފަހަރު ދޫ ދޭކަށް ބޭނުމެއް ނޫނެވެ. އޭނާ ދެނެގަތީ ހަގީގީ އެކުވެރިންނަކީ ކޮބައިކަމެވެ.

އަރުށީފު

އެންމެ މަޤްބޫލު