އެމެރިކާއާއި އިސްރާއީލު ގުޅިގެން މިއަދު އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާތަކަށްފަހު އީރާނުގެ ވަރުގަދަ ރައްދެއް އަތުވެދާނެ ކަމަށް ބަލައި، މުޅި އިސްރާއީލުގައި ހަމަލާ އަންނަ ކަމުގެ އިންޒާރުގެ ސައިރަން މިހާރު ދަނީ އަޅަމުންނެވެ.
އިސްރާއީލުގެ ހޯމްފްރަންޓް ކޮމާންޑްގެ ޓްޒްވިކާ ޓެސްލާ ވިދާޅުވި ގޮތުގައި، އީރާނުގެ ކޮންމެ ހަމަލާއަކަށް ވެސް އިސްރާއީލު އޮތީ ތައްޔާރަށެވެ. އަދި ރަނގަޅު ވަގުތުގައި ރައްޔިތުންނަށް އެލާޓް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތާރީޚަށް ބަލާއިރުވެސް، އީރާނަށް އިސްރާއީލުން ދޭ ހަމަލާތަކުގައި ރަޝިޔާ އާއި ޗައިނާއިން ކުރާހާވެސް ކަމަކީ ހަމަލާ ކުށްވެރިކޮށް ބަޔާން ނެރުމެވެ. އީރާނުގެ ދިފާޢުގައި އެއްވެސް އަސްކަރީ ފިޔަވަޅެއް އެ ޤައުމުތަކުން މިހާތަނަށް އަޅާފައެއް ނުވެއެވެ.
ޗައިނާއަކީ ހަނގުރާމައަކަށް ވަދެގެން އެމީހުންގެ ބައިނަލްއަޤުވާމީ ވިޔަފާރިއަށް ބުރޫއަރުވަން ބޭނުންވާ ޤައުމެއް ނޫނެވެ. ޗައިނާއިން ބޭނުންވަނީ އީރާނުގެ ތެލެވެ. ހަނގުރާމައެއްގެ ތެރެއަށް ވަދެ އެމެރިކާއާ ސީދާ ކުރިމަތިލުމަކީ ޗައިނާގެ ސިޔާސަތެއް ނޫނެވެ.
ދެން އޮތީ،ރަޝިޔާ- ރަޝިޔާއަކީ އީރާނުގެ އަސްކަރީ ބައިވެރިއަކަށް ވީނަމަވެސް، އިސްރާއީލާއެކު ވެސް ރަޝިޔާގެ ގާތް ގުޅުމެއް އޮވެއެވެ. ޚާއްޞަކޮށް ސޫރިޔާގެ މައްސަލައިގައި ރަޝިޔާއާއި އިސްރާއީލުން އަންނަނީ ދެފަރާތަށް ގެއްލުން ނުވާނެ ގޮތަކަށް ކަންކަން ރާވަމުންނެވެ.
