بسم الله الرحمن الرحيم
الحمد لله. ﷲ ތިބާއަށް ރަޙްމަތް ލައްވާށެވެ.
📖 ފެށުން:-
📍﴿183﴾ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.
[ އަލް ބަޤަރާ 183 ވަނަ އާޔަތް ]
📍(އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.
📍تقوى: ﷲ ތައާލާއަށް ސިއްރާއި ފާޅުގައި ބިރުވެތިވުމެވެ. އަދި ޙަރާމް ކަންކަމުން ދުރުވެ ހުރެ، ރައްކާތެރިވުމެވެ.
📍﴿185﴾ شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ.
[ އަލް ބަޤަރާ 185 ވަނަ އާޔަތް ]
📍رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.
📍قرآن އަކީ ބޮޑުވެގެންވާ މުޢުޖިޒާތެކެވެ.
📍އެއީ މި ބިންމަތީގައިވާ އެންމެ މާތް ފޮތެވެ. އެ ފޮތުގެ އާޔަތްތައް ރަސޫލާ ﷺ ހިސާބަށް ގެނެސްދެއްވީ މާތް މަތިވެރި މަލާއިކަތެކެވެ. އާދެ! ޖިބްރީލްގެފާނެވެ.
📍 އަދި އެ ފޮތް ބާވާލެއްވުނީ މާތް މަތިވެރި އިންސާނަކަށެވެ. އާދެ! ރަސޫލާ ﷺ އަށެވެ.
📍 އަދި އެ ފޮތް ބާވާލެއްވުނީ މާތް މަތިވެރި ރަށަކަށެވެ. އާދެ! މައްކާއަށެވެ.
📍އަދި އެ ފޮތް ބާވާލެއްވުނީ މާތް މަތިވެރި މަހެއްގައެވެ.. އާދެ! رمضان މަހުގައެވެ.
📖 رمضان މަހުން ލިބިދޭ ބައެއް ފައިދާ:-
📍ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އުންމީދު ކުރާ ޙާލުގައި ރޯދަ ހިފާ މީހާގެ، ފާފަތައް ފުއްސެވުން.
📍ރޯދަޔަކީ ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކުން ރައްކާތެރިވުމަށް އޮތް އައްޑަނައެއް.
📍 ކީރިތި قرآن ރައްޓެހިވާން ލިބޭނެ ރަނުގެ ފުރުޞަތެއް.
📍ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި ގުޅުން ރަނގަޅު ކުރަން ލިބޭނެ ރަނުގެ ފުރުޞަތެއް.
📍ކެތްތެރިކަން ދަސްކޮށްދޭނެ.
📍 ސިއްޙީ ފައިދާތައް ލިބައިދޭނެ.
📍 އެކުވެރިކަން އާލާވާނެ.
📍 މުނާފިޤުންނާއި، އިމާންތެރިން ވަކިވާނެ.
📍މީހާގެ އިސްލާމީ ޝަޙުސިއްޔަތު ވަރުގަދަ ކޮށްދޭނެ.
📍އެނެކުންނައް ހިތްތިރިވާން ދަސްކޮށްދޭނެ.
📍ޢާއިލީ ގުޅުން ވަރުގަދަ ކޮށްދޭނެ.
📍މިސްކިތްތަކާއި ހިތް ގުޅުވައިދޭނެ.
📍ރޭގަނޑުގެ ފަހުބައިގެ ފޮނި މީރުކަން ބަލާލަން ލިބޭ ފުރުޞަތެއް
📍އިތުރަށް ޘަވާބައި ދަރުމަ ހޯދަން ލިބޭ ފުރުޞަތެއް.
