އިންޑިއާގެ މުސްލިމުންގެ އިސްކަން މިހާރު އޮތީ ތަރައްޤީއަކަށް ނޫން؛ އޮތީ ދިރިހުރުމަށް!
އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާތަކާއި ނަފްރަތު އިންތިހާއަށް އިތުރުވެފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. 2014 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން، ހިންދޫ ހަރުކަށި ފިކުރުގެ ބީޖޭޕީގެ ލީޑަރުންގެ ތާއީދާއެކު މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ވަނީ އެތައް ސަތޭކަ ގުނައެއް އިތުރުވެފައެވެ.
މި ބިރުވެރިކަމުގެ ތެރޭގައި، އަމިއްލަ ނަފްސާއި ޢާއިލާ ރައްކާތެރިކުރުމަށްޓަކައި މުސްލިމުން މިހާރު އަންނަނީ ޓެކްނޮލޮޖީގެ ބޭނުން ހިފަމުންނެވެ. އެގޮތުން، މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާއި، ހަމަލާތައް ކުރިމަތިވެދާނެ ސަރަޙައްދުތަކުގެ މަޢުލޫމާތު ވަގުތުން ޙިއްސާކުރުމަށް ޚާއްޞަ ވަޓްސްއެޕް ގުރޫޕްތަކެއް ވަނީ ހަދާފައެވެ.
މި ގުރޫޕްތަކުގެ ބޭނުން ހިފާ މީހަކު ބުނިގޮތުގައި، މިހާރު އެމީހުންގެ އެންމެ ބޮޑު އުއްމީދަކީ ކައިބޮއެ އުޅުމެއް ނޫނެވެ؛ އެއަށްވުރެ ބޮޑަށް ދިރިހުރުމެވެ. "އަހަރެން ކުރި އެއްވެސް ކުށެއް ނެތެވެ. ހަމައެކަނި ކުށަކީ ކަޝްމީރީ މުސްލިމަކަށް ވުމެވެ،" ކަމަށް ބުނެ އެމީހުން އަންނަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް މިކަން ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
