ނިޒާމީ އަޅުވެތިކަމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާ: ހުޅަނގުގެ މުނާފިޤު މޫނުމަތި ބޭޒާރުވުން

ނިޒާމީ އަޅުވެތިކަމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާ: ހުޅަނގުގެ މުނާފިޤު މޫނުމަތި ބޭޒާރުވުން




ހުޅަނގުގެ ބާރުވެރި ޤައުމުތަކުން ދުނިޔެއަށް ދައްކަނީ އެމީހުންނަކީ އިންސާނީ ޙައްޤުތަކާއި، އަންހެނުންގެ މިނިވަންކަމާއި، ކުޑަކުދިންގެ ޙިމާޔަތުގެ ބަލަދުވެރިން ކަމުގައެވެ. ނަމަވެސް، އެ ރީތި ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވަނީ އިންސާނިއްޔަތުގެ ޟަމީރު ސިއްސުވާލަނިވި ފަދަ ނުބައި ކުނިގޮނޑެއްކަން މިއަދު މިވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ހާމަވާން ފަށާފައެވެ. ޖެފްރީ އެޕްސްޓީންގެ މައްސަލައިގައި އދ. ގެ ތަޖުރިބާކާރުން ނެރުނު ރިޕޯޓަކީ ހުޅަނގުގެ "އެސްޓެބްލިޝްމަންޓް" ނުވަތަ ބާރުވެރި ފަންތީގެ އަސްލު ސޫރަ ބޭޒާރުކޮށްލި ވަރުގަދަ ހެއްކެކެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ކަނޑައަޅާފައިވާ މިނިވަން ތަޖުރިބާކާރުންގެ ޕެނަލުން މި މައްސަލަ ސިފަކޮށްފައިވަނީ ހަމައެކަނި ފަރުދީ ޖިނާއީ ކުށެއްގެ ގޮތުގައެއް ނޫނެވެ. އެބޭފުޅުން ބަޔާންކުރައްވާ ގޮތުގައި މިއީ މުޅި ދުނިޔެއަށް ފެތުރިފައިވާ "ބައިނަލްއަޤުވާމީ ޖިނާއީ ނެޓްވޯކެކެވެ" (Global Criminal Enterprise). މި ނެޓްވޯކުގެ ތެރެއިން އަންހެނުންނާއި ކުޑަ އަންހެން ކުދިންނަކީ އިންސާނުންގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ގަނެވިއްކާ މުދާތަކެއްގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ.

މި ޖަރީމާތައް ހިންގާފައިވަނީ "ނަސްލީ އިމްތިޔާޒާއި"، ކޮރަޕްޝަނާއި، އަދި ހައްދެއްނެތް މިންވަރަށް އަންހެނުން ދަށްކުރުމުގެ (Extreme Misogyny) ވިސްނުމެއްގެ ތެރެއިންނެވެ. އދ. ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި އަމަލުތަކުގެ ނިޒާމީ ސިފައާއި ފެތުރިފައިވާ މިންވަރަށް ބަލާއިރު، މިއީ ބައިނަލްއަޤުވާމީ ޤާނޫނީ މިންގަނޑުން "މުޅި އިންސާނިއްޔަތާ ޚިލާފު ޖަރީމާ" (Crimes Against Humanity) އެވެ.

މި މައްސަލައިގައި އެންމެ ބޮޑު ސުވާލެއް އުފެދެނީ، މިހާތަނަށް ޢާންމުކޮށްފައިވަނީ އެޕްސްޓީންގެ ފައިލްތަކުގެ އެންމެ 2 ނުވަތަ 5 އިންސައްތަ ކަމަށްވުމެވެ. ބާކީ އޮތް 95 އިންސައްތަ ފައިލްތައް އެމެރިކާގެ އިދާރާތަކުން ވަނީ ހިފަހައްޓާފައެވެ. ހާމަކޮށްފައިވާ މަދު މިންވަރުންވެސް 1200 އަށްވުރެ ގިނަ ޝިކާރަވެރިން ފާހަގަވެފައިވާއިރު، ފޮރުވާފައިވާ ފައިލްތަކުގައި ހުންނާނެ ނުބައިކަން އިޙުސާސްކޮށްލަންވެސް ދައްޗެވެ. ސުވާލަކީ، އެ ފައިލްތަކުގައި ފޮރުވިފައިވަނީ ކޮންބައެއްގެ ނަންތަކެއް ހެއްޔެވެ؟ ކިތައް ސިޔާސީވެރިންނާއި، ނުފޫޒުގަދަ ކިތައް މީހުންގެ އަސްލު ސޫރަ އެ ފައިލްތަކުން ފަޅާއަރާނެ ހެއްޔެވެ؟

މި ނުބައި ނެޓްވޯކުގެ ތެރޭގައި ހަމައެކަނި ސިޔާސީވެރިންނެއް ނޫނެވެ. ދުނިޔެ "މޮޅުކޮށްގެން" އުޅޭ ރޫޙާނީ ލީޑަރުންނާއި އިލްމީ މީހުންވެސް ހިމެނެއެވެ. ދީޕަކް ޗޯޕްރާ ފަދަ "ނިއު އޭޖް" ޙަރަކާތުގެ މީހުންނާއި، ދަލާއިލާމާ ފަދަ ޝަޚުޞިއްޔަތުތަކުގެ ނަން މިކަމާ ގުޅިފައިވުމަކީ ހައިރާންކުރުވަނިވި ކަމެކެވެ. އިލާހަކު ވޮޑިގެން ނުވާކަމަށް ދަޢުވާކުރާ އިލްޙާދީ ވިސްނުމުގެ މީހުން، "ލޯތްބަކީ" ހަމައެކަނި ޖިންސީ އެދުންވެރިކަން ކަމުގައި ހަދައި، ކުޑަކުދިން ޝިކާރަކުރުމަކީ މި ނިޒާމުގެ ނުބައިކަން ހުރި މިންވަރެވެ.

ހުޅަނގުގެ ނިޒާމަކީ އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ކަމަށް ދަޢުވާ ކުރަމުން، އިންސާނިއްޔަތާ ޚިލާފު އެންމެ ނުބައި ޖަރީމާތައް ހިންގާ ނިޒާމެވެ. މިއީ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ދިރިތިއްބާ އަންދާލައި ޝަހީދުކޮށްލުމަށް ހިތްވަރުދޭ ޝައިޠާނީ ނިޒާމެވެ. އދ. ގެ މަންސަތަކުގައި "މަދަނީ މުޖުތަމަޢު" ތަމްސީލުކުރަން ތިބެނީ މިފަދަ ޖަރީމާ ހިންގާ ނެޓްވޯކްތަކުގެ މީހުންނެވެ.


މިއަދު އަޅުގަނޑުމެން ވިސްނާލަންޖެހެނީ، އިންސާނީ ޙައްޤުތަކުގެ ނަމުގައި ހުޅަނގުން ކުރާ ވަކާލާތަކީ ހަގީގަތުގައި އެމީހުންގެ ނުބައިކަން ފޮރުވަން އަޅައިގެން އުޅޭ މާސްކެއް ކަމެވެ. ހަގީގީ މިނިވަންކަމާއި އިންސާފު އޮތީ މިފަދަ ނިޒާމީ އަޅުވެތިކަމުން މުޖުތަމަޢު ސަލާމަތްކޮށްގެންނެވެ.

ނޯޓް:- މި ލިޔުން ލިޔެފައިމިވަނީ ޑރ. މައުރޫފްގެ މި މަޢުލޫއަށް ލިޔެފައިވާ ލިޔުން އަސްލަކަށް ބަލައިގެންނެވެ.  

އަރުށީފު

އެންމެ މަޤްބޫލު