މަންމަ


 ފަތިސް ނަމާދުގެ ފަހުން މިސްކިތުގެ ހަމަހިމޭން މާހައުލުގައި އަލީ އިންއިރު، އޭނާގެ ހިތަށް ވެރިވަމުންދިޔައީ އޯގާތެރިކަމުގެ ޝުޢޫރުތަކެވެ. ތަސްބީޙަ ފަތީގެ އޮށްތައް އެކިފަހަރު މަތިން ގުނަމުންދިޔައިރު، އޭނާގެ ލޯމައްޗަށް ސިފަވަމުންދިޔައީ އޭނާގެ މަންމަގެ ވަރުބަލިވެފައިވާ މޫނެވެ. އެ މޫނުމަތީގައިވާ ކޮންމެ ރޫއަކީ އޭނާ ބޮޑުކުރުމަށްޓަކައި އެ މަންމަ އުފުލި ތަކުލީފުގެ ނިޝާނެކެވެ.

އަލީ މިސްކިތުން ފައިބައިގެން ހިނގައިގަތީ ވަރަށް އަވަހަށެވެ. އޭނާގެ ހިތް ބުނަމުންދިޔައީ މަންމަ ހޭލުމުގެ ކުރިން ގޭދޮރުމަތި ކުނިކަހައި ސާފުކުރަން ޖެހޭނެ ކަމަށެވެ. މަންމަ މުސްކުޅިވެ، ހަށިގަނޑު ބަލިކަށިވުމުން އެ މަސައްކަތް ކުރަން މަންމައަށް މިހާރު އުނދަގުލެވެ.

ގެއަށް އައިސް އިލޮށިފަތި ނަގައިގެން ކުނިކަހަން ފެށިއިރު، ފަތިހުގެ ތާޒާ ވައިރޯޅިތަކުން އޭނާއަށް ލިބެމުންދިޔައީ ބަޔާންކުރަން ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ. އަލީ ދެކޭގޮތުގައި މަންމަގެ ޚިދުމަތުގައި ހޭދަކުރާ ކޮންމެ ސިކުންތަކީ އަޅުކަމެކެވެ. އޭނާގެ ހުލުޤުހެޔޮކަމާއި ދީންވެރިކަން ފެށެނީވެސް އަމިއްލަ ގޭތެރެއިންނެވެ.

ކުނިކަހާ ނިމިގެން އެތެރެއަށް ވަންއިރު، މަންމަ އިނީ މުސައްލަމަތީގައެވެ. އަލީ ފެނުމާއެކު މަންމަގެ މޫނުމައްޗަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.

"ދަރިފުޅާ! ތިޔަ ކުރާ ހެޔޮ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި. ދަރިފުޅު ފަދަ ކިޔަމަންތެރި ދަރިއަކު ލިބުމަކީ މި މަންމައަށް ދެއްވި އެންމެ ބޮޑު ނިޢުމަތް،" މަންމަ ދުޢާކުރިއެވެ.

އަލީ ގޮސް މަންމަގެ އަތުގައި ބޮސްދިނެވެ. އޭނާގެ ހިތަށް އެވަގުތު އެރިއެވެ. ދުނިޔޭގެ ހުރިހާ މުއްސަނދިކަމަކަށްވުރެ މަންމަގެ އެންމެ ދުޢާއެއްގެ އަގު މާ ބޮޑެވެ. އޭނާގެ މަޤްޞަދަކީ މަންމަގެ ފައިތިލަދަށުން ސުވަރުގެ ހޯދުމެވެ.

އަލީގެ ދިރިއުޅުމަކީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އޭނާ މަސައްކަތް ކުރަނީ ރަށު އޮފީހުގައެވެ. އޮފީސް ނިންމާލުމަށްފަހު އޭނާގެ ހުރިހާ ވަގުތެއް ހުސްކުރަނީ ބަލި މަންމަގެ ޚިދުމަތަށެވެ.

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އޮފީހުގައި މަސައްކަތުގައި އިންދާ އަލީގެ ފޯނަށް ކޯލެއް އައެވެ. އެއީ އަވަށްޓެރި ޒުބޭރެވެ. "އަލީ! އަވަހަށް ގެއަށް އާދޭ. މަންމަ ކުއްލިއަކަށް ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސްފި!"

އަލީގެ އަތްފައި ފިނިވިއެވެ. ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާ ވަގުތުން ދުވެފައި ހޮސްޕިޓަލަށް ދިޔައެވެ. މަންމަ އޮތީ އޮކްސިޖަން ގުޅާފައެވެ. އެ މޫނުމަތީގައިވާ ރޫތަކުގެ ތެރެއިން މިއަދު ފެންނަނީ ވޭނާއި ވަރުބަލިކަމެވެ.

އެ ރޭ މުޅި ރޭ އަލީ ހޭދަކުރީ މަންމަގެ ގާތުގައެވެ. މަންމަގެ ފައިގައި ފިރުމާދިނުމާއި، މަޑުމަޑުން ގުރުއާން ކިޔަވައިދިނުމުގައެވެ. އެހެން މީހުން އަލީ ގާތު ނިދާލަން ދާން ބުންޏެވެ. ނަމަވެސް އަލީ ބުންޏެވެ، "އަހަރެން ކުޑައިރު، އަހަރެން ބަލިވުމުން މަންމަ ނުނިދާ ހޭލާ ހުރި ރޭތައް މާ ގިނައެވެ. މިއަދު މަންމައަށްޓަކައި އެންމެ ރެއަކު ހޭލާ ހުރުމަކީ އަހަރެންނަށް ކުރެވޭނެ އެންމެ ކުޑަ މިންވަރެވެ."

ފަތިސް ވަގުތު ޖެހުނުއިރު، މަންމަ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަދި ކައިރީގައި އިން އަލީގެ ބޮލުގައި އަތް ބާއްވާލިއެވެ. "ދަރިފުޅާ! ދަރިފުޅު ތިޔަ ކުރާ ހެޔޮ ކަންތަކުގެ ބަދަލު މާތްﷲ ދެއްވާނެ. މި މަންމަގެ ހިތް ދަރިފުޅަށްޓަކައި ވަނީ ރުހި ގަބޫލުވެފައި،" މަންމަ ވަރަށް އުނދަގުލުން ބުންޏެވެ.

އަލީގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހިގަތެވެ. އޭނާއަށް އެނގުނެވެ، އޭނާގެ ހަގީގީ ކާމިޔާބަކީ މަންމަގެ އެ ރުހުމެވެ.

އަރުށީފު

އެންމެ މަޤްބޫލު