"ޔަހޫދީ ދައުލަތް ފުޅާކުރުމަކީ މުޅި އުންމަތާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް" - ޝައިޚް އަޙްމަދު ސަމީރު
މުޅި މެދުއިރުމަތި އެކުލެވޭނެހެން ޔަހޫދީ ދައުލަތް ފުޅާކުރުމަކީ އެއުރެންނަށް ލިބިދޭ "ޙައްޤެއް" ކަމަށް އެމެރިކާއިން ކަނޑައަޅާފައިވާ ސަފީރު ބުނި ބުނުމަކީ، މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއްކަން މިއަދު ދުނިޔެއަށް ހާމަވެފައިވާ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝައިޚް ސަމީރު މިހެން ވިދާޅުވީ، އެމެރިކާއިން ޔަހޫދީ ދައުލަތަށް ކަނޑައަޅާފައިވާ ސަފީރު މައިކު ހާކާބީ، ތައުރާތުގެ މައްޗަށް ބިނާކޮށް މެދުއިރުމަތީގައި ޔަހޫދީ ދައުލަތް ފުޅާކުރުމަކީ އެމީހުންގެ ޙައްޤެއް ކަމަށް ބުނުމާ ގުޅިގެންނެވެ.
ޝައިޚް ސަމީރު ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތް އުފައްދައި، އެ ދައުލަތް ފުޅާކޮށް ބެލެހެއްޓުމަށް ހިންގާ ލާއިންސާނީ އަނިޔާވެރި މަޝްރޫޢަކީ ކަނޑައެޅިގެން އިސްލާމީ އުންމަތާ ދެކޮޅަށް ރޭވިގެން ހިންގާ ބޮޑު ޖަރީމާއެކެވެ. އަދި މިފަދަ ބަސްމަގުތަކުގެ ސަބަބުން ޔަހޫދީންނާއި އެމީހުންނަށް ވާގިވެރިވާ ފަރާތްތަކުން ގުޅިގެން ހިންގާ މި ނުބައި ރޭވުންތައް މުޅި ދުނިޔެއަށް މިއަދު ވަނީ ވަރަށް ސާފުކޮށް ފެންނާށެވެ.
ޝައިޚްގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ "حسبنا الله ونعم الوكيل" މި މަތިވެރި ދުޢާއިންނެވެ.
