ލީޑަރުންނަށް ސަނާކިޔުމުގައި ހައްދުފަހަނަ އަޅައިދިއުން: ޢަޤީދާއަށް އޮތް ބިރުވެރިކަމެއް؟

ލީޑަރުންނަށް ސަނާކިޔުމުގައި ހައްދުފަހަނަ އަޅައިދިއުން: ޢަޤީދާއަށް އޮތް ބިރުވެރިކަމެއް؟



މިއަދުގެ ދުނިޔޭގައި ސިޔާސީ ވެރިންނާއި، ދީނީ އިލްމުވެރިން ނުވަތަ މުޖުތަމައު ގަބޫލުކުރާ ޝަޚުޞިއްޔަތުތަކަށް ތައުރީފުކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް، މި ތައުރީފުތައް ހައްދުފަހަނަޅައި ދިއުމަކީ އިންސާނާގެ ތައުޙީދާއި ޢަޤީދާއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ.

އިސްލާމްދީނުގައި މީހެއްގެ ކިބައިގައި ހުންނަ ރީތި ސިފަތަކަށް (މިސާލަކަށް: ހިތްވަރުގަދަކަން، އޯގާތެރިކަން، ނުވަތަ އިންސާފުވެރިކަން) ތައުރީފުކުރުމަކީ ހުއްދަ ކަމެކެވެ. ރަސޫލާ ﷺ ވެސް އަބޫބަކުރުގެފާނާއި އުމަރުގެފާނު ފަދަ ބޭފުޅުންނަށް ތައުރީފުކުރެއްވިއެވެ. ނަމަވެސް، އެކަލޭގެފާނު އިންޒާރު ކުރެއްވީ ހައްދުފަހަނަޅައިދިއުމަށެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ."ނަޞާރާއިން މަރްޔަމްގެފާނުގެ ދަރިކަލުންނަށް (ޢީސާގެފާނަށް) ތައުރީފުކުރުމުގައި ހައްދުފަހަނަޅައިދިޔަ ފަދައިން، ތިމަންކަލޭގެފާނަށް ތައުރީފުކުރުމުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ." (ބުޚާރީ: 3445)

ތައުރީފު ހަރާމްކަމަކަށް ނުވަތަ ކުފުރަކަށް ބަދަލުވަނީ ކޮން އިރަކު؟

ވެރިންނަށް ކުރާ ތައުރީފު ތަފާތު ދަރަޖަތަކަށް ބެހިގެންވެއެވެ:

  •  ހަރާމްކަން ބޮޑު ތައުރީފު: ވެރިއަކު ކުރާ ކޮންމެ ނުބައި ކަމެއް ދިފާޢުކުރުމާއި، އޭނާއީ އެއްވެސް ކުށެއް ނުކުރާ މީހެއް ކަމަށް ދެއްކުމަށް ދޮގު ހެދުމެވެ. މިއީ ފާފައެކެވެ.
  •  ކުފުރަކަށް ވެދާނެ ތައުރީފު: ﷲ އަށް މެނުވީ ލިބިގެން ނުވާ ސިފަތަކެއް އިންސާނަކަށް ދިނުމެވެ.
  •    މިސާލަކަށް: އޭނާއަށް ކައުނު ހިންގުމުގެ ބާރު ލިބިގެންވާ ކަމަށް ބުނުން، ނުވަތަ ޣައިބު އެނގޭ ކަމަށް ގަބޫލުކުރުން.
  •   ﷲ ޙަރާމްކުރެއްވި ކަމެއް އޭނާ ޙަލާލުކުރުމުން އެއީ ޙަލާލު ކަމެއް ކަމަށް ގަބޫލުކުރުން.

ނޫޙުގެފާނުގެ ގައުމުން ލިބޭ ބޮޑު ފިލާވަޅު

ސޫރަތުއް ނޫޙުގެ 23 އަދި 24 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ފަސް ބޭފުޅުންނަކީ (ލައްކަ، ސުވާޢު، ޔަޣޫޘް، ޔަޢޫޤް، ނަސްރު) އަސްލުގައި ޞާލިޙު ހެޔޮލަފާ މީހުންނެވެ. އެމީހުން މަރުވުމުން، އެމީހުންގެ ހަނދާން އާކުރުމަށް ބުދު ހެދުމަށް ޝައިޠާނާ ވަސްވާސްދިނެވެ. ފަހުން އައި ޖީލުތަކަށް އެއީ އިލާހުންތަކެއް ކަމަށް ހީވެ، އެތަކެއްޗަށް އަޅުކަންކުރަން ފެށީއެވެ.

"އަދި ހަމަކަށަވަރުން އެބައިމީހުން (އެބަހީ: އެ ބުދުތައް ނުވަތަ ވެރިން) ގިނަބަޔަކު މަގުފުރައްދައިފިއެވެ..." (ނޫޙު: 24)

މި ތާރީޚީ ހަގީގަތުން އެނގެނީ ޝިރުކު ފެށެނީ ކުއްލިއަކަށް ބުދަށް އަޅުކަންކުރުމަކުން ނޫން ކަމެވެ. އޭގެ ބަދަލުގައި އެކަން ފެށެނީ:

  •  މީހަކު މާބޮޑަށް ދެކެ ލޯބިވުމުން.
  •  މާބޮޑަށް ތައުރީފުކުރުމުން.
  •  އެމީހަކީ ހުރިހާ ކަމެއްގެ "ސާވިއަރ" ނުވަތަ ސަލާމަތްކުރާ މީހާ ކަމަށް ގަބޫލުކުރެވޭ ހިސާބުންނެވެ.

އަޅުގަނޑުމެން ވެރިންނަށް ކިޔަމަންތެރިވާންޖެހެއެވެ. ނަމަވެސް އެއީ މާތްﷲ އަށް އުރެދުމެއް ނުވާ ކަންކަމުގައެވެ. މީހަކަށް ތައުރީފުކުރާއިރު އެމީހަކީވެސް ނިކަމެތި އިންސާނެއްކަން ހަނދާންކުރަންޖެހެއެވެ. ތަކްފީރު ކުރުމުގައި (މީހަކު ކާފަރުކުރުމުގައި) އަވަސްވެގަނެގެން ނުވާނެއެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމަކު، ހައްދުފަހަނަޅާފައިވާ ތައުރީފުތަކުން ދުރުހެލިވެ، އަޅުގަނޑުމެންގެ ތައުޙީދު ސަލާމަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.

 

އަރުށީފު

އެންމެ މަޤްބޫލު