ފޮތް ކިޔާނެ ގޮތް: މިވެސް ދަސްކުރަންޖެހޭ ހުނަރެއް

 ފޮތް ކިޔާނެ ގޮތް: މިވެސް ދަސްކުރަންޖެހޭ ހުނަރެއް.



އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައި އޮންނަނީ ފޮތެއް ހުޅުވާލައި، އޭގައިވާ ބަސްތައް ކިޔާލުމަކީ 'ފޮތް ކިޔުން' ކަމަށެވެ. ނަމަވެސް ހަގީގަތަކީ ފޮތް ކިޔުމަކީ ފަންނެކެވެ. 1940 ވަނަ އަހަރު ނެރުނު މަޝްހޫރު ފޮތް "How to Read a Book" (މޮޓައިމާ ޖޭ. އެޑްލާ އަދި ޗާލްސް ފެން ޑޯރެން ލިޔުއްވާފައިވާ) ދަސްކޮށްދެނީ ފޮތް ކިޔުމަކީ ހަމައެކަނި ލޮލުން ބަލާލާ ކަމަކަށް ނުހަދައި، އެއީ ސިކުނޑި ބޭނުންކޮށްގެން ކުރާ 'އެކްޓިވް' މަސައްކަތަކަށް ހަދާނެ ގޮތެވެ.

ފޮތަކުން ހަގީގީ ފައިދާއާއި އިލްމު ހޯދަން ބޭނުންނަމަ، ފޮތް ކިޔުމުގެ 4 ދަރަޖައެއް ދެނެގަންނަން ޖެހެއެވެ.

ލިޔުންތެރިން ބަޔާންކުރާ ގޮތުގައި، ކޮންމެ ފޮތެއް އެއް ދުވެއްޔެއްގައި ނުވަތަ އެއްގޮތަކަށް ކިޔުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ފޮތް ކިޔުން ބެހިގެންވާ ދަރަޖަތަކަކީ:

1. އެލިމެންޓްރީ ލެވެލް (Elementary Reading)

މިއީ އަޅުގަނޑުމެން ސްކޫލް ދައުރުގައި ދަސްކުރާ އަސާސީ ދަރަޖައެވެ. މީގެ މައިގަނޑު ބޭނުމަކީ ލިޔެފައިވާ ބަސްތަކާއި ޖުމްލަތަކުގެ މާނަ ދެނެގަތުމެވެ. މިއީ އަކުރު އޮޅުންފިލުވުމުގެ ފެށުމެވެ.

2. އިންސްޕެކްޝަނަލް ރީޑިންގ (Inspectional Reading)

މީގެ މާނައަކީ ވަގުތު ކުޑަވުމުން ނުވަތަ ފޮތުގެ ޚުލާސާއެއް ހޯދުމަށް 'ސްކިމް' ކުރުމެވެ. މިއީ ޑިޓެކްޓިވްއެއް ފަދައިން ފޮތުގެ މުހިންމު ބައިތައް ހޯދުމެވެ.

 * ޢަމަލުކުރަންވީ ގޮތް: ފޮތުގެ ފިހްރިސްތު (Table of Contents)، އިންޑެކްސް، އަދި ތައާރަފް (Introduction) ކިޔުން.

 * ބޭނުން: ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ފޮތަކީ ތިބާއަށް ބޭނުންތެރި ފޮތެއްތޯ ނިންމުން.

3. އެނަލިޓިކަލް ރީޑިންގ (Analytical Reading)

ފްރާންސިސް ބޭކަން ވިދާޅުވެފައިވެއެވެ. "ބައެއް ފޮތްތަކީ ރަހަ ބަލާލަން ހުންނަ ފޮތްތަކެވެ. އަނެއްބައި ފޮތްތަކީ ދިރުވާލަން ހުންނަ ފޮތްތަކެވެ. ނަމަވެސް ބައެއް ފޮތްތައް ބަނޑުގައި ހަޖަމުކުރަން ޖެހެއެވެ." އެނަލިޓިކަލް ރީޑިންގ އަކީ ފޮތް 'ހަޖަމުކުރުމުގެ' ދަރަޖައެވެ. މީގެ މައިގަނޑު މަރުހަލާތަކަކީ:

މަރުހަލާ 1: ފޮތުގެ އޮނިގަނޑު ދެނެގަތުން

 * ފޮތް ބައިތަކަށް ބަހާލުން (ޚިޔާލީ ވާހަކަ ނުވަތަ އިލްމީ ފޮތެއްތޯ ބެލުން).

 * ފޮތުގެ މައިގަނޑު މައުޟޫޢު އެކެއް ނުވަތަ ދެ ޖުމްލައިން ބަޔާންކުރުން.

މަރުހަލާ 2: މާނަ ދެނެގަތުން

 * ލިޔުންތެރިޔާ ބޭނުންކުރާ 'މުހިންމު ބަސްތައް' (Key-words) އާއި އޭގެ މާނަ ދެނެގަތުން.

 * ލިޔުންތެރިޔާ ސާބިތުކޮށްދޭން އުޅޭ ކަންކަމާއި (Arguments) އޭނާ ކުރާ ދަޢުވާތައް ދެނެގަތުން.

މަރުހަލާ 3: އިންސާފުވެރިކަމާއެކު ފާޑުކިޔުން

 * ލިޔުންތެރިޔާ ދައްކާ ވާހަކަ ފުރިހަމައަށް އޮޅުންނުފިލަނީސް އެއަށް ފާޑުނުކިޔުން.

 * ޚިޔާލު ތަފާތުވާނަމަ، އޭގެ ސަބަބު ދެއްކުން (މިސާލަކަށް: ލިޔުންތެރިޔާއަށް މަޢުލޫމާތު މަދުވުން، ނުވަތަ އެނާއަށް ނުބައިކޮން ވިސްނިފައިވުން).

4. ސިނޮޕްޓިކަލް ރީޑިންގ (Syntopical Reading)

މިއީ އެންމެ މަތީ އަދި އެންމެ އުނދަގޫ ދަރަޖައެވެ. މި ދަރަޖައިގައި ތިބާ ކިޔާނީ ހަމައެކަނި ފޮތެއް ނޫނެވެ. ތިބާ ކިޔާނީ މައުޟޫޢުއެކެވެ.

 * އެއް މައުޟޫޢަކަށް ލިޔެފައިވާ 5 ނުވަތަ 10 ފޮތް އެއްކޮށް ކިޔުން.

 * ތަފާތު ލިޔުންތެރިންގެ ޚިޔާލުތައް އަޅާކިޔައި، އަމިއްލަ ނިންމުމަކަށް އައުން.

ކާމިޔާބު ކިޔުންތެރިއަކަށް ވުމަށް އިރުޝާދު

 * ވަރުބަލިވެފައި ހުރެ ފޮތް ނުކިޔުން: ނިދި އައިސްފައި ނުވަތަ ވަރުބަލިވެފައި ހުރެ އުނދަގޫ ފޮތްތައް ކިޔުމުން އޭގެ ފައިދާއެއް ނުކުރާނެއެވެ. އަބަދުވެސް ސިކުނޑި ތާޒާ ވަގުތެއްގައި ކިޔާށެވެ.

 * ތައާރަފް ދޫނުކުރުން: ފޮތުގެ ފެށުމުގައި އޮންނަ ތައާރަފަކީ ލިޔުންތެރިޔާ ކުރަހާފައިވާ 'ޗާޓެކެވެ'. އެ ކިޔުމުން ފޮތުގެ ތެރޭގައި ފަސޭހައިން ދަތުރުކުރެވޭނެއެވެ.

 * ސްޕީޑް ބަދަލުކުރުން: ބުއްދިވެރި ކިޔުންތެރިއަކީ ބައެއް ތަންތަން ބާރަށް ކިޔާފައި، މުހިންމު ނުކުތާތަކުގައި މަޑުޖެހިލައި ފުންކޮށް ވިސްނަން ދަންނަ މީހާއެވެ.

ފޮތް ކިޔުމަކީ ހަމައެކަނި މަޢުލޫމާތު އެއްކުރުމެއް ނޫނެވެ. އެއީ ވިސްނުން ތަރައްޤީކުރުމެވެ. މަތީގައިވާ 4 ދަރަޖައަށް އަމަލުކޮށްފިނަމަ، ކޮންމެ ފޮތަކީވެސް ތިބާގެ ދިރިއުޅުމަށް އިންގިލާބެއް ގެނުވާނެ އެއްޗަކަށް ވާނެއެވެ.



އަރުށީފު

އެންމެ މަޤްބޫލު