ފާނޫޒުގެ އަލިކަމުން : ބަދަލުކޮށްލި ދިރިއުޅުން (ފުރަތަމަ ބައި)

 ފާނޫޒުގެ އަލިކަމުން : ބަދަލުކޮށްލި ދިރިއުޅުން (ފުރަތަމަ ބައި)



ކޮޓަރީގެ ކަނެއްގައި ހުރި މޭޒުމަތީގައި ދިއްލާފައި ހުރި ފާނޫޒުގެ އަލި މަޑުމަޑުން ކުޑަވަމުން ގޮސް، ތެޔޮ ހުސްވެގެން އެންމެ ފަހުން ނިވިއްޖެއެވެ. ފާނޫޒު ނިވާލުމަށްފަހު އިފްހާމް ދިޔައީ ބޮޑު އެނދުގައި ނިދާލާށެވެ. ނަމަވެސް، ނިދަން އެރުނުލެއް އަވަސްކަމުން، ސިކުނޑީގައި ޚިޔާލުތައް ފުނިޖެހެން ފެށިއެވެ. އެއީ މާޒީގެ ކަޅާއި ހުދުގެ ޚިޔާލުތަކެވެ. ޅަދުވަހު އުޅެވުނު ގޮތުގެ ހިތްދަތި ހަނދާންތަކެވެ.

އޭރު އިފްހާމަކީ ރަށުގެ އެންމެ ހަލަނި، އެންމެ ބާރުގަދަ އެއް ޒުވާނާއެވެ. އޭނާގެ ހަށިގަނޑުގައި ހުރި ހަކަތައަކީ އޭނާ އަމިއްލައަށް ފަޚުރުވެރިވި އެއްޗެކެވެ. ރަށުގެ މިސްކިތް ހުންނަ މަގުން، ބަންގީގެ ރޫޙާނީ އަޑު ފެތުރިގެންދާއިރު، އިފްހާމް އުޅެނީ އޭނާގެ އެކުވެރިންނާއެކު ހޯބޯލަވަމުން އެ މަގުން ދުވުމުގައެވެ. ނަމާދަށް އަރާ މީހުންނަށް އުނދަގޫވާ ވަރަށް ސަކަރާތް ޖެހުމަކީ އޭނާގެ އާދައެވެ.

އެއްދުވަހެއްގެ ހަނދާން އޭނާގެ ސިކުނޑީގައި އާވިއެވެ. އެއީ ހުކުރު ދުވަހެކެވެ. ރަށުގެ އެންމެން ހުކުރަށް ދިއުމަށް ތައްޔާރުވަމުން ދިޔައިރު، އިފްހާމް އިނީ އަތިރިމަތީގައި ރައްޓެހިންނާއެކު މަޖާ ކުރުމުގައެވެ. އޭނާގެ ބައްޕަ، ކޮރު ޖަހަމުން ކަހަލަ ގޮތަކަށް އޭނާގެ ގާތަށް އައިސް ބުންޏެވެ. "ދަރިފުޅާ! ހިނގާ މިއަދު ބައްޕައާއެކު މިސްކިތަށް. ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ." އިފްހާމް އޭރު ބައްޕައަށް ދިނީ މަލާމާތުގެ ހިނިތުންވުމެކެވެ. "ބައްޕާ! ތިޔީ މުސްކުޅިވީމާ ކުރަން އޮތް ކަމެކެވެ. އަހަރެން އަދި މާ ޒުވާނެވެ،" އޭނާ ޖަވާބު ދިނެވެ.

އެ ހަނދާންތައް އާވިވަރަކަށް އިފްހާމްގެ ލޯ ކަރުނައިން ފުރިއްޖެއެވެ. މިއަދު އެ ބައްޕަ ދުނިޔެއަކު ނެތެވެ. އަދި އޭނާ އެ ބުނި "މުސްކުޅި އުމުރު" އޭނާއާ ބައްދަލުކޮށްފިއެވެ. ނަމަވެސް މިއަދު އޭނާގެ ހަށިގަނޑުގައި އެ ބާރެއް ނެތެވެ. ދެން އޮބަހެއްޓޭ ވަރަށްވުރެން މިހާރު އޭނާގެ ހިތް މަޑުމޮޅިވެއްޖެއެވެ. ބޭއިޚްތިޔާރުގައި ތޫލި އަޑަކުން އޭނާއަށް ރޮވިއްޖެއެވެ.

އަނދިރީގައި އޮވެ، އަމިއްލަ ނަފްސާ އިފްހާމް ވާހަކަދައްކަން ފެށިއެވެ. "އެދުވަހެވެ! ޒުވާން ދުވަސްވަރެވެ. މިސްކިތަށް އަރާ ހީވާގިވާންވީ ދުވަސްވަރެވެ. މިއަދު އަހަރެން މިއޮތީ އަސާގަނޑެއްގެ އެހީޔާ ނުލާ ހިނގައިނުގަނެވޭ ހާލުގައެވެ."

އޭނާގެ އަތް މަޑުމަޑުން އެނދުގެ އަރިމަތީގައި އޮތް ބާ އޮމާން އަސާގަނޑުގައި ޖެހުނެވެ. އެއީ މިއަދު އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެ އަސާގަނޑުގައި ހިފައިގެން ކުޑަ ތަންކޮޅަކަށް ހިނގާލިޔަސް، މުޅި މީހާ ހާސްވެ، ނޭވާ ކުރުވެއެވެ. އިފްހާމަށް އިހުސާސްވަނީ އޭނާގެ ކުޑަދޫ އަނގަޔަށް ނުކުމެދާނެހެންނެވެ. ހަށިގަނޑުގައި ހުރި ހުރިހާ ބާރެއް ވަނީ ފަނާވެ ގޮސްފައެވެ.

މިއަދު އޭނާ އަޅުކަމުގައި ހީވާގިވާން ބޭނުމެވެ. ރޭއަޅުކަމުގައި ކޮޅަށް ހުރެލަން ބޭނުމެވެ. ނަމަވެސް ކަކުލުގައި އެ ބާރެއް ނެތެވެ. ޤިޔާމުގެ ފޮނި މީރުކަން ބަލާލަން ބޭނުންވި ނަމަވެސް، އޭނާއަށް މަޖުބޫރުވެފައިވަނީ ގޮނޑިއެއްގައި އިށީނދެ އިނދެ ނަމާދު ކުރާށެވެ. ސަޖިދައަށް ދާއިރު ބިންމަތީގައި ނިތްކުރި ޖައްސާލުމުގެ އުފަލުން އޭނާ ވަނީ މަޙްރޫމްވެފައެވެ. އޭނާގެ ހިތް މިއަދު އެދެނީ އެންމެ ފަހަރަކު ނަމަވެސް ޒުވާންކަމުގެ އެ ހަކަތަ ލިބުމަށެވެ. އެއީ ހަމައެކަނި މާތްﷲ އަށް ސަޖިދައެއް ކޮށްލުމަށެވެ.

އިފްހާމްގެ ހަނދާނަށް އައީ އޭނާގެ ޒުވާން ދުވަސްވަރު ކޮޅަށް ހުރެގެން ކުޅުނު ފުޓުބޯޅަ މެޗުތަކެވެ. ގަޑިއެއް ދެގަޑިއިރު ވަންދެން ދުވާއިރުވެސް ވަރުބަލިކަމެއް އިހުސާސެއް ނުވެއެވެ. ނަމަވެސް މިއަދު ނަމާދުގެ ދިހަ މިނެޓު ކޮޅަށް ހުރެލުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ ވަގުތުގެ އަގު ވަޒަން ނުކުރެވުމުގެ ނަތީޖާބާއޭ އޭނާގެ ހިތަށް އެރިއެވެ.

އަރުށީފު

އެންމެ މަޤްބޫލު