ސެކިއުލާ ފިކުރަށް ޖާގަނުދެމާ: ދީނަކީ ހަމައެކަނި މިސްކިތު ފާރުގެ އެތެރޭގައި އޮންނަންޖެހޭ އެއްޗެއްތަ؟

 ސެކިއުލާ ފިކުރަށް ޖާގަނުދެމާ: ދީނަކީ ހަމައެކަނި މިސްކިތު ފާރުގެ އެތެރޭގައި އޮންނަންޖެހޭ އެއްޗެއްތަ؟




މިއަދުގެ ދުނިޔޭގައި "ސެކިއުލަރިޒަމް" (Secularism) ނުވަތަ ދީނާއި ދައުލަތް ވަކިކުރުމުގެ ފިކުރަކީ ވަރަށް ރީތި ނަންނަމުގައި ދިވެހި މުޖުތަމައުގެ ތެރެއަށް ތައާރަފްކުރަން އުޅޭ ފިކުރެކެވެ. ބައެއް މީހުން ދައުވާކުރާ ގޮތުގައި، ފުރިހަމަ ގޮތުގައި އިސްލާމްދީނަށް އުޅެވޭނީ ރާއްޖެއަކީ ސެކިއުލާ ދައުލަތަކަށް ހަދައިގެންނެވެ. ނަމަވެސް މިއީ ބޮޑުވެގެންވާ އޮޅުވާލުމެކެވެ.
ސެކިއުލަރިޒަމްގެ އަސްލު މާނައަކީ ދުނިޔޭގެ ކަންކަމަށް އިސްކަންދީ، ދީނާއި ދިރިއުޅުމުގެ އެހެން ހުރިހާ ނިޒާމުތަކެއް ވަކިކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ވިޔަފާރީގެ ވާހަކަ ދައްކާއިރު ދީނުގެ ހުދޫދުތައް އެތަނަށް ނުވެއްދުމެވެ. ތައުލީމީ ނިޒާމުގެ ތެރެއިން ދީނީ އަގުތައް ބޭރުކުރުމެވެ. އަދި ދައުލަތް ހިންގުމާއި، ގާނޫނު ހެދުމުގެ ތެރެއަށް ދީނުގެ ވާހަކަ ނުވެއްދުމެވެ.
މި ފިކުރު ގަބޫލުކުރާ މީހުންގެ ނަޒަރުގައި ދީނަކީ ހަމައެކަނި މިސްކިތު ފާރުގެ އެތެރޭގައި އޮންނަންޖެހޭ އަމިއްލަ ކަމެކެވެ. މިސްކިތުން ބޭރަށް ނުކުމެ ވަޒީފާއަށް ދާއިރު، މާރުކޭޓަށް ދާއިރު، ނުވަތަ ހޮސްޕިޓަލަށް ދާއިރު، އެމީހާގެ ދިރިއުޅުމުގެ އެއްވެސް މުއާމަލާތެއްގައި ދީނީ މިންގަނޑުތަކެއް އޮވެގެން ނުވާނެއެވެ.
މުސްލިމުންގެ ގޮތުގައި ތިބެ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އިސްލާމްދީނަކީ ހަމައެކަނި ނަމާދާއި ރޯދައިގެ މައްޗަށް އޮތް ދީނެއް ނޫން ކަމެވެ. އިސްލާމްދީނަކީ އުފަންވީއްސުރެ މަރުވަންދެން އިންސާނާގެ ދިރިއުޅުން ބައްޓަންކުރަންވީ ގޮތް އަންގައިދޭ ފުރިހަމަ ދުސްތޫރެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އުފެއްދެވީ ހަމައެކަނި މިސްކިތު ތެރޭގައި އެކަލާނގެއަށް އަޅުކަން ކުރާކަށް ނޫނެވެ. ވިޔަފާރީގެ މުއާމަލާތްތަކުގައި ތެދުވެރިވުމާއި، ވެރިކަން ހިންގުމުގައި އަދުލުވެރިވުމާއި، އާއިލީ ދިރިއުޅުމުގައި އޯގާތެރިވުމަކީވެސް އެކަލާނގެއަށް ކުރެވޭ އަޅުކަމެވެ. ސެކިއުލާ ފިކުރުން މި މަސައްކަތް ކުރަނީ އިންސާނާގެ ދިރިއުޅުމުގެ ބޮޑުބައި ﷲ ގެ ހުކުމްފުޅުތަކުން ބޭރުކޮށްލާށެވެ.
ރާއްޖެ ފަދަ ސައްތަ އިންސައްތަ މުސްލިމް ގައުމަކަށް ސެކިއުލާ ފިކުރު އަތުވެއްޖެނަމަ، އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވީދިގެންދާނެއެވެ. ދީނީ އަގުތައް ނެތް މުޖުތަމައެއްގައި އިންސާފެއް ނޯންނާނެއެވެ. ވިޔަފާރީގައި އޮޅުވާލުމާއި، ސިޔާސީ މައިދާނުގައި ކޮރަޕްޝަން އާންމުވެގެންދާނީ ދީނީ ބިރުވެރިކަމެއް ނެތުމުގެ ސަބަބުންނެވެ.
ބައެއް މީހުން ދައްކާ "ދީނީ މިނިވަންކަމުގެ" ދަޅައަކީ ހަގީގަތުގައި ދީނާ ދުރުވުމަށް ޖަހާ މަޅިއެކެވެ. މުސްލިމަކަށް ވެހުރެ، މިސްކިތުން ބޭރަށް ނުކުމެ ﷲ ހަރާމްކުރެއްވި ކަންކަމަށް ހިތްވަރުދޭ ނިޒާމެއް ބަލައިގަތުމަކީ، އަމިއްލަ ދީނީ އީމާންތެރިކަމަށް ދެވޭ އުނިކަމެކެވެ.
ސެކިއުލާ ފިކުރަށް ޖާގަދިނުމަކީ އަޅުގަނޑުމެންގެ ދީނާއި، ދުނިޔެ އަދި އާޚިރަތް ބަރުބާދުކޮށްލުން ފަދަ ކަމެކެވެ. އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް އޮތް އަލިގަދަ ނޫރެކެވެ. އެހެންކަމުން، ތައުލީމާއި، ވިޔަފާރިއާއި، ދައުލަތް ހިންގުމުގެ ތެރެއަށް އިސްލާމީ އަގުތައް ވެއްދުމަކީ ކުރިއެރުމަށް އޮތް ހަމައެކަނި މަގެވެ. ސެކިއުލާ ފިކުރުގެ މަކަރުވެރި ދަޅަތަކަށް ހޭލުންތެރިވެ، އަޅުގަނޑުމެންގެ އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށް އެންމެން އަތާއަތްގުޅާލަމާ ހިނގާށެވެ.

އަރުށީފު

އެންމެ މަޤްބޫލު