ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ސިޔަރަތް -2

 


 

ސީރަތު އުނގެނުމުގެ މުހިންމުކަން

ކީރިތި ރަސޫލާ ﷺ ގެ ސީރަތު އުނގެނުމަކީ ކޮންމެ މުސްލިމަކަށްމެ ވަރަށް މުހިންމު ކަމެކެވެ. ސީރަތު އުނގެނެންޖެހޭ މައިގަނޑު ސަބަބުތައް ތިރީގައި އެވަނީއެވެ:

1. އިސްލާމީ ތާރީޚު ދެނެގަތުމަށް

ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅަކީ އިސްލާމީ ތާރީޚާ ވަރަށް ބޮޑަށް ގުޅެވިފައިވާ ޙަޔާތްޕުޅެކެވެ. އެކަލޭގެފާނުގެ ސީރަތު އުނގެނުމުން އަހަރެމެންނަށް އެނގިގެންދާނީ:

  • އިސްލާމްދީން ފެށިގެން އައި ގޮތް
  • ރަސޫލާ ﷺ މީސްތަކުންނަށް ދަޢުވަތު ދެއްވި ގޮތް
  • މުސްލިމުންނަށް ކުރިމަތިވި ގޮންޖެހުންތަކާއި ތުރާތައް
  • މުސްލިމް އުންމަތް ބިނާވެ، ކުރިއަރައިގެން ދިޔަ ގޮތް
  • އިސްލާމީ ތާރީޚުގައި ހިނގާދިޔަ މުހިންމު ޙާދިޞާތައް

އެހެންކަމުން، އަހަރެމެން މި އުނގެނެނީ ހަމައެކަނި އެކަކުގެ ޙަޔާތުގެ ވާހަކައެއް ނޫނެވެ. އަދިކީއްހެއްޔެވެ, އަހަރެމެންގެ ދީނުގެ މުޅި ތާރީޚެވެ.

·       ސަޢުދު ابن އަބީ ވައްޤާޞް رضي الله عنه: އެކަލޭގެފާނަކީ ދުނިޔެމަތީގައި ހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި 10 ޞަޙާބީންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނުގެ ދަރިކަލުން މުޙައްމަދު ابن ސަޢުދު ވިދާޅުވެފައިވެއެވެ. "އަހަރެމެންގެ ބައްޕާފުޅު އަހަރެމެންނަށް ރަސޫލާ ގެ ހަނގުރާމަތައް ދަސްކޮށްދެއްވައެވެ. އަދި ވިދާޅުވެއެވެ. މިއީ ތިޔަކުދިންގެ ކާބަފައިންގެ ތާރީޚާއި ޘަޤާފަތެވެ. އެހެންކަމުން މި ވާހަކަތައް ދަސްކުރާށެވެ."

·       މަޣާޒީ (المغازي): އެބޭކަލުން ކުރީކޮޅުގައި ސީރަތަށް ކިޔައިއުޅުނީ "މަޣާޒީ" އެވެ. އޭގެ މާނައަކީ ހަނގުރާމަތަކެވެ. ރަސޫލާ ގެ ޙަޔާތްޕުޅުގެ ފަހުކޮޅު ގިނައިން ހޭދަވެގެންދިޔައީ ހަނގުރާމަތަކުގައި ކަމަށްވާތީ، މުޅި ސީރަތަށް ނިސްބަތްކޮށް "މަޣާޒީ" އޭ ކިޔައިއުޅުނެވެ.

·       ޢަލީ ابن އަލް-ޙުސައިން (ޒައިނުލް ޢާބިދީން): ޢަލީގެފާނުގެ ކާފަދަރިކަލުން ޢަލީ ابن އަލް-ޙުސައިން ابن ޢަލީ ابن އަބީ ޠާލިބް ވިދާޅުވިއެވެ. "ތިމަންމެން ކީރިތި ޤުރުއާން ހިތުދަސްކުރާ ފަދައިން ކީރިތި ރަސޫލާ ގެ ސީރަތު (މަޣާޒީ) އުނގެނި ދަސްކުރަމެވެ."

·       ޤުރުއާނާއި ސީރަތުގެ ގުޅުން: އެހެނިހެން ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ (މިސާލަކަށް މޫސާގެފާނުގެ) ޙަޔާތްޕުޅުގެ ވާހަކަތައް އަހަރެމެންނަށް އެނގެނީ ކީރިތި ޤުރުއާނުންނެވެ. ނަމަވެސް ކީރިތި ޤުރުއާނުގައި ވަނީ މުޙައްމަދު ގެ ސީރަތުގެ ކުޑަ މިންވަރެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަޔާތްޕުޅު ތަފްޞީލުކޮށް އުނގެނުމަށްޓަކައި އަހަރެމެން ސީރަތަށް ދާންޖެހެއެވެ.

  • މުހިންމު ލަފުޒެއް – މަޣާޒީ (المغازي): "މަޣާޒީ" ގެ މާނައަކީ ހަނގުރާމަތައް ނުވަތަ ޢަސްކަރީ ދަތުރުތަކެވެ. އިސްޒަމާނުގައި ސީރަތަށް ނިސްބަތްކޮށް "މަޣާޒީ" މި ލަފުޒު ބޭނުންކުރެވިފައިވެއެވެ.

ޚުލާޞާ: އަހަރެމެން ސީރަތު އުނގެނެނީ ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގެ ޒަރީޢާއިން އިސްލާމްދީނުގެ ތާރީޚާއި ދީން ފެތުރިގެން ދިޔަ ގޮތް ދެނެގަތުމަށެވެ.

2. ކީރިތި ރަސޫލާ ﷺ ދެކެވާ ލޯބި އިތުރުކުރުމަށް

ސީރަތު އުނގެނުމަކީ ރަސޫލާ ﷺ އިތުރަށް ދެނެގަތުމަށް މަގުފަހިވާ ކަމެކެވެ. އެކަލޭގެފާނުގެ:

  • މާތް އަޚްލާޤު
  • އޯގާތެރިކަން
  • ކެތްތެރިކަން
  • ވެވަޑައިގެންނެވި ޤުރުބާނީތައް
  • އުފުއްލެވި ތަކުލީފުތައް
  • ދެމެހެއްޓެވި އުޅުއްވުން

މިކަންކަން އެނގުނުވަރަކަށް އެކަލޭގެފާނު ދެކެވާ ލޯބި ހިތުގައި އިތުރުވެގެންދާނެއެވެ. ރަސޫލާ ﷺ ދެކެ ލޯބިވުމަކީ އީމާންކަމުގެ ބައެކެވެ. މީހެއްގެ އީމާންކަން ފުރިހަމަވާނީ އެމީހެއްގެ މައިންބަފައިންނާއި، ދަރިންނާއި، އެންމެހައި މީސްތަކުންނަށްވުރެ ބޮޑަށް ރަސޫލާ ﷺ ދެކެ ލޯބިވެވިގެންނެވެ. މީހަކު ވަކިން ބޮޑަށް އެނގި ދެނެގަނެވުނުވަރަކަށް އެމީހަކަށް ކުރާ ޤަދަރާއި ލޯބި އިތުރުވާނެއެވެ.

·       ލޯބިވުމަކީ އަޅުކަމެކެވެ:

ކީރިތި ރަސޫލާ ދެކެ ލޯބިވުމަކީ ހަމައެކަނި ހިތުގައި އުފެދޭ އިޙްސާސެއް ނޫނެވެ. އެއީ ދީނުގެ މުހިންމު ބަޔަކަށްވެފައިވާ އަޅުކަމެކެވެ.

·       އީމާންކަމުގެ ޝަރުޠެއް:

ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ: "ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަދި އެންމެހައި މީސްތަކުންނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖެއުމަށް ދާންދެން ތިޔަބައިމީހުން ކުރެ އެކަކުގެވެސް އީމާންކަން ފުރިހަމައެއް ނުވާނެއެވެ." (ޞަޙީޙުލް ބުޚާރީ، ކިތާބުލް އީމާން، ޙަދީޘް: 14)

·       ޢުމަރުގެފާނުގެ ޙާދިޘާ:

ޢުމަރު ابن އަލް-ޚައްޠާބު رضي الله عنه ރަސޫލާ ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. "އަހަރެންގެ އަމިއްލަ ނަފްޞު ފިޔަވައި އެހެން އެންމެންނަށްވުރެ ބޮޑަށް ކަލޭގެފާނު ދެކެ އަހަރެން ލޯބިވަމެވެ."

ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "ނޫނެކެވެ. ތިބާގެ އަމިއްލަ ނަފްޞަށްވުރެ ބޮޑަށްވެސް ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖެއުމަށް ދާންދެން (އީމާންކަން ފުރިހަމައެއް ނުވާނެއެވެ.)"

ދެން ޢުމަރުގެފާނު ދެންނެވިއެވެ. "މާތްﷲ ގަންދީ ދަންނަވަމެވެ. މިހާރު އަހަރެންގެ އަމިއްލަ ނަފްޞަށްވުރެ ބޮޑަށްވެސް ކަލޭގެފާނު ދެކެ އަހަރެން ލޯބިވަމެވެ."

ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "އޭ ޢުމަރުގެފާނެވެ! މިހާރު ތިބާގެ އީމާންކަން ފުރިހަމަވެއްޖެއެވެ."

 

·       ޤުރުއާނުގެ ވަޢީދުގެ އާޔަތް (ސޫރަތުއްތައުބާ: 24):

ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީޙުންނާއި، ތިޔަބައިމީޙުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔައިބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) ﷲ އާއި، އެކަލާނގެ ރަސޫލާއާއި، އެކަލާނގެ މަގުގައި ޖިޙާދު ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، ﷲ ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ. ފާސިޤު ވީ މީހުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.(ތަޢުބާ: 24)

ޚުލާޞާ: އަހަރެމެން ސީރަތު އުނގެނެނީ ކީރިތި ރަސޫލާ ﷺ ވަކިން ބޮޑަށް ދެނެގަނެ، އެކަލޭގެފާނު ދެކެވާ ލޯބި އިތުރުކުރުމަށެވެ.

3. އެންމެ ހެޔޮވެގެންވާ ނަމޫނާއަށް ތަބާވުމަށް

ކީރިތި ރަސޫލާ ﷺ އަކީ އަހަރެމެން އެކަލޭގެފާނުގެ ކިބައިން ނަމޫނާ ލިބިގަނެ، ތަބާވާންޖެހޭ އެންމެ މާތް އިންސާނާއެވެ. އެކަލޭގެފާނަކީ އެންމެހައި މާތް އަޚްލާޤާއި އުޅުމުގެ މާނަމޫނާއެވެ. ސީރަތު އުނގެނުމުން އެކަލޭގެފާނުގެ މަގުގައި ފައިތިލަ ސާބިތުކުރަން އަހަރެމެންނަށް ފަސޭހަވެގެންދާނެއެވެ.

އަހަރެމެންނަށް އެކަލޭގެފާނުގެ ކިބައިން އުނގެނެވޭނެ ކަންކަން:

  • ކެތްތެރިކަމާއި ތެދުވެރިކަން
  • ރަޙުމްކުރުމާއި ކެރޭކަން (ކުރެހުންތެރިކަން)
  • ވެރިކަން ކުރެއްވުމާއި އަޅުކަން ކުރެއްވި ގޮތް
  • ޢާއިލީ ޙަޔާތްޕުޅާއި މީހުންނާއެކު މުޢާމަލާތު ކުރެއްވި ގޮތް

އިބްނު ޙަޖަރު رحمة الله عليه ވިދާޅުވެފައިވެއެވެ:

·        "އާޚިރަތުގެ ޢިލްމާއި، ދިރިއުޅުމުގެ ޙިކްމަތާއި، ދިރިއުޅުމުގެ ޙަޤީޤީ މައިގަނޑު މަޤްޞަދު އަދި ރިވެތި އަޚްލާޤު ދަސްކުރަން ބޭނުންނަމަ، އެމީހަކު ކީރިތި ރަސޫލާ ހިންގެވި މަގުން (އެކަލޭގެފާނުގެ ސުންނަތާއި ސީރަތުން) ހިނގާށެވެ."

ޚުލާޞާ: ސީރަތުގެ ސަބަބުން ކީރިތި ރަސޫލާ ﷺ ގެ ކިބައިން ނަމޫނާ ލިބިގަނެ، އަހަރެމެންގެ ދުވަހީ ޙަޔާތުގައި އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމަށް އެހީތެރިވެދެއެވެ.

4. ކީރިތި ޤުރުއާން އިތުރަށް ދެނެގަނެ ފަހުމްވުމަށް 

ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތައް ބާވައިލައްވާފައިވަނީ ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގައި ހިނގާދިޔަ ވަކި ޙާދިޞާތަކަކާ ގުޅުވައިގެންނެވެ. ސީރަތު އުނގެނުމުން އަހަރެމެންނަށް ދެނެގަނެވޭނެ ކަންކަން:

  • ހިނގާދިޔަ ކަންތައްތައް
  • ވަކި އާޔަތްތަކެއް ބާވައިލެއްވުނު ސަބަބު (ސަބަބުއް ނުޒޫލް)
  • މުހިންމު ޙާދިޞާތަކުގެ ފަސްފަހަތް

މިސާލަކަށް، ސޫރަތުލް އަޙްޒާބުގެ ބައެއް އާޔަތްތައް ގުޅެނީ އަޙްޒާބު ހަނގުރާމައާއެވެ. އަދި ސޫރަތު އާލިޢިމްރާންގެ ބައެއް ބައިތައް ގުޅެނީ ނަޖްރާނުގެ ވަފުދުގެ ވާހަކައާއި އުޙުދު ހަނގުރާމައިގެ ހާދިސާތަކާއެވެ. މިފަދަ އާޔަތްތައް ސާފުކޮށް ދެނެގަތުމަށްޓަކައި ސީރަތުގެ ތާރީޚީ މަޢުލޫމާތު ވަރަށް މުހިންމެވެ.

ޚުލާޞާ: ސީރަތުގެ ސަބަބުން ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުނު ސަބަބުތަކާއި ފަސްފަހަތް އެނގި، ޤުރުއާން އިތުރަށް ސާފުކޮށް ފަހުމްވުމަށް އެހީތެރިވެދެއެވެ.

·       ދަޢުވަތު ދިނުމުގެ އުޞޫލުތައް ދެނެގަތުން ކީރިތި ރަސޫލާ އިސްލާމްދީނަށް ގޮވާލެއްވީ (ދަޢުވަތު ދެއްވީ) އެކި މަރުޙަލާތަކަށް ބަހާލައްވައިގެންނެވެ:

·        ސިއްރުން ދަޢުވަތު ދެއްވުން: ދީނުގެ ފެށުން.

·        ފާޅުގައި ދަޢުވަތު ދެއްވުން: މައްކާގެ މީހުންގެ ތެރޭގައި.

·        ޖިހާދު ކުރެއްވުން: އިސްލާމީ ދައުލަތް ޤާއިމުވުމަށްފަހު.

މި މަރުޙަލާތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވައި އިރުޝާދު ދެއްވި ގޮތެވެ. އެހެންކަމުން، ދީނަށް ގޮވާލާ މީހުން (ދާޢީން) މި މަރުޙަލާތަކަށް ބަލައި، ދިރާސާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

·       ސީރަތު އުނގެނުމަކީ އަޅުކަމެކެވެ ކީރިތި ރަސޫލާ ގެ ސީރަތު ކިޔަވައި ދަސްކުރުމަކީ ހަމައެކަނި ތާރީޚީ މަޢުލޫމާތު ހޯދުމެއް ނޫނެވެ. އެއީ ﷲ ގެ ޙަޟްރަތުން ދަވާބާއި ދަރުމަ ލިބޭ އަޅުކަމެކެވެ.

·       މުސްލިމުންގެ ޝަޚޞިއްޔަތު ބިނާކުރުން

·        އިސްލާމީ ސީރަތާއި ތާރީޚު ދަސްކުރުމަކީ މުސްލިމެއްގެ އަމިއްލަ ޝަޚޞިއްޔަތު ވަރުގަދަކޮށްދޭ ކަމެކެވެ.

·        މުސްލިމުންނަކީ އެއް އުންމަތެއްކަން އަންގައިދީ، މުޅި އުންމަތަށް އޯގާތެރިވެ، އުންމަތުގެ އެއްބައިވަންތަކަމަށް މަސައްކަތްކުރުމުގެ ރޫޙު އުފައްދައިދެއެވެ.

·       ނަބީކަމުގެ ތެދުކަމުގެ ހެކި

·        ކީރިތި ޤުރުއާނަކީ ރަސޫލާ އަށް ބާވައިލެއްވުނު އެންމެ ބޮޑު މުޢުޖިޒާތެވެ. އަދި އެކަލޭގެފާނުގެ ނަބީކަމުގެ އެންމެ ބޮޑު ހެއްކެވެ.

·        އެއާއެކު، ސީރަތު ކިޔަވައި ދިރާސާކުރުމުން އެކަލޭގެފާނުގެ މާތް އަޚްލާޤާއި، ޙަޔާތްޕުޅުގައި ހިނގާދިޔަ ކަންކަމުން އެކަލޭގެފާނަކީ ﷲ ގެ ޙައްޤު ރަސޫލާކަން ސާބިތުވެގެންދެއެވެ.

·       ދުނިޔެ ދެކުނު އެންމެ ނުފޫޒުގަދަ ޝަޚޞިއްޔަތު އަހަރެމެން މި ކިޔަވަނީ އިންސާނީ ތާރީޚު ދެކުނު އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ޝަޚޞިއްޔަތުގެ ސީރަތެވެ.

·        މައިކަލް ހާރޓް (Michael H. Hart): އެމެރިކާގެ ލިޔުންތެރިޔާ، އޭނާ ލިޔުނު ދުނިޔޭގެ ތާރީޚުގައި އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓު (The 100: A Ranking of the Most Influential Persons in History) ގެ 1 ވަނަ ދެއްވީ ކީރިތި ރަސޫލާ މުޙައްމަދު އަށެވެ.

·        އޭނާގެ ފޮތުގައި ބުނެފައިވަނީ، 1 ވަނައަށް މުޙައްމަދު ގެ ނަންފުޅު ގެނައުމުން ބައެއް މީހުން ހައިރާންވެ، ސުވާލު އުފައްދާފާނެ ކަމަށެވެ.

·        ނަމަވެސް، 1 ވަނަ ދިން މައިގަނޑު ސަބަބަކީ ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުންވެސް އެންމެ ފުރިހަމަ އަދި އެންމެ ބޮޑު ކާމިޔާބީއެއް ހޯއްދެވި ހެޔޮނުފޫޒުގަދަ އިންސާނަކީ އެކަލޭގެފާނު ކަމަށްވާތީއެވެ. އެކަލޭގެފާނާ ވާދަކޮށްލެވޭނެ އެހެން ދެވަނަ މީހަކު ތާރީޚުން އޭނާއަކަށް ނުފެނުނެވެ.

 

 

 


އަރުށީފު

އެންމެ މަޤްބޫލު