ބަސްބުނުމަށްވުރެ ބާރުގަދަ ރައްދަކީ ކޮބާ؟

 

ދިރިއުޅުމުގެ ޖަދަލުތަކާއި މުޢާމަލާތްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ތަފާތު މިޒާޖުގެ މީހުންނާ ދިމާވެއެވެ. އޭގެ ތެރޭގައި ހަމައެއްލަމައެއް ނެތް ގޮތަށް ވާހަކަދައްކާ، އަގުވައްޓާލަން އުޅޭ ނުވަތަ ޒުވާބު އުފައްދަން މަސައްކަތްކުރާ މީހުން ހިމެނެއެވެ. މިފަދަ ޙާލަތްތަކުގައި ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ވިސްނެނީ ހަމަ އެފަދަ ހަރުކަށި ބަސްތަކުން ރައްދު ދިނުމަށެވެ. ނަމަވެސް، ޙަޤީޤީ ތަޞައްވުރަކީ އަދި އެންމެ ބާރުގަދަ ރައްދަކީ ވާހަކަދެއްކުން ޙައްޤުނުވާ މީހާގެ ކުރިމަތީގައި ހަނުހުރުމެވެ. ހަނުހުރުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ ތިމާގެ ނަފްސުގެ މައްޗަށް އޮތް ބާރުގަދަ ކޮންޓްރޯލާއި، ބުއްދިވެރިކަން ހާމަކޮށްދޭ ހިމޭން ހަތިޔާރެކެވެ.

ވާހަކަދެއްކުން ޙައްޤުނުވާ މީހަކަށް ރައްދު ދިނުމަކީ، އެމީހަކު އުފައްދަން އުޅޭ ހަމަނުޖެހުމުގެ ތެރެއަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމެވެ. ޒުވާބު ކުރަން ބޭނުންވާ މީހާ އަބަދުވެސް އިންތިޒާރު ކުރާނީ ތިމާގެ ފަރާތުން އަންނާނެ ރައްދަކަށެވެ. އެހެންކަމުން، އެފަދަ މީހެއްގެ ކުރިމަތީގައި ކަނޑައެޅިގެން ހަނުހުންނަ ހުރުމަކީ، އޭނާގެ ބަސްތަކުގައި އެއްވެސް ބަރުދަނެއް ނެތްކަން އެންމެ ފުރިހަމައަށް ސާބިތުކޮށްދޭނެ ކަމެކެވެ. 

އެއީ އެމީހެއްގެ އަގާއި މުޢާމަލާތަކީ ތިމާގެ ވަގުތާއި ވިސްނުން ހޭދަކުރަންޖެހޭ ފަދަ މުހިންމު އެއްޗެއް ނޫންކަން އަންގައިދޭ އެންމެ މާނަފުން މެސެޖެވެ. ބަހެއް ނުބުނެ ދޭ މި ރައްދަކީ، ހާސް ހެއްކާއި ދަލީލު ދައްކައިގެން ކުރާ ވަކާލާތަށްވުރެ ނޭވާ ހާސްކުރުވާނެ ރައްދެކެވެ.

މީގެ އިތުރުން، ހަނުހުރުމަކީ ތިމާގެ އަމިއްލަ ނަފްސާއި ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅެކެވެ. ބޭކާރު ޒުވާބުތަކުގައި ބައިވެރިވުމަކީ ހިތްނުތަނަވަސްކަމާއި، ލޭގެ ފިއްތުން މަތިވުން ފަދަ ނަފްސާނީ އަދި ޖިސްމާނީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. ބުއްދިވެރި މީހާއަކީ އޭނާގެ ހަކަތައާއި ވަގުތު ބޭކާރު ކަންކަމުގައި ދުއްވާލާނެ މީހެއް ނޫނެވެ. 

ޖާހިލުންނާއި ހަސަދަވެރިން ކުރިމަތިކުރާ ގޮންޖެހުންތަކަށް ހިމޭންކަމުން ކުރިމަތިލުމުން، ތިމާގެ ހިތުގެ ހަމަޖެހުން ދެމިއޮވެއެވެ. އިސްލާމްދީނުގައި ވެސް ބޭކާރު ވާހަކަދެއްކުމުގެ ބަދަލުގައި ހަނުހުރުމަށް ބާރުއަޅުއްވާފައިވަނީ މިފަދަ މަތިވެރި ޙިކުމަތްތަކެއް އެކަމުގައި އެކުލެވިގެންވާތީއެވެ.

ނިންމާލަމުން ދަންނަވާނީ، ހުރިހާ ޙާލަތެއްގައި ބަސްބުނުމަކީ ކާމިޔާބީއެއް ނޫނެވެ. ބައެއް ފަހަރަށް ކާމިޔާބީއަކީ ބަސް ހުއްޓާލުމެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އަޑަކީ ހިމޭންކަމުގެ އަޑެވެ. ވާހަކަދެއްކުން ޙައްޤުނުވާ، އަދި ތިމާގެ ބަސްތައް ވިސްނައިގަތުމުގެ ގާބިލުކަން ނެތް މީހަކަށް ދެވޭނެ އެންމެ މަތީ ދަރަޖައިގެ ރައްދަކީ ހަމަހިމޭންކަމެވެ. އެހެންކަމުން، ދިރިއުޅުމުގެ މައިދާނުގައި ހިމޭންކަމުގެ ބޭނުން ހިފަން ދަސްކުރުމަކީ، އަމިއްލަ ގަދަރާއި އިއްޒަތް ހިފަހައްޓައި، މީހުންގެ ނުފޫޒުތަކުން މިންޖުވުމަށް އޮތް އެންމެ ކުރު މަގެވެ.

އަރުށީފު

އެންމެ މަޤްބޫލު