އެންޓާޓިކާގެ ކަނޑުއަޑިން 60 މިލިޔަން ބިސްހާލީގެ ބިޔަ މަހުގެ ޝަހަރެއް ފެނިއްޖެ

 


ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، މަޝްހޫރު އަދީބު އަދި އުސްތާޛު އާދަމް ނަޞީރު އިބްރާހީމް، ޤުދުރަތުގެ އަޖާބުތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ޝައުޤުވެރި ލިޔުމެއް އާންމުކުރައްވައިފިއެވެ. "ކަނޑުގެ ދަރިން" ކަމަށްވާ ދިވެހިންނާ ނުހަނު ގުޅޭގޮތަށް ލިޔުއްވާފައިވާ މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ، ދުނިޔޭގެ އެންމެ ފިނި ސަރަހައްދު ކަމަށްވާ އެންޓާޓިކާގެ ކަނޑުގެ އިންތިހާ ފުނުން ފެނުނު ބްލެކްފިން އައިސްފިޝް (Blackfin Icefish) ގެ އާދަޔާޚިލާފު ޝަހަރެއްގެ މައްޗަށެވެ.

ބޭރުގެ ނޫސްތަކާއި ސައިންޓިފިކް ޖަރނަލްތަކާ ޙަވާލާދީ އުސްތާޛު ނަޞީރު ލިޔުއްވާފައިވާ ގޮތުގައި، 2021 ވަނަ އަހަރު އަލްފްރެޑް ވެގަނާ އިންސްޓިޓިއުޓުގެ އޯޓުން ޕަރސަރ އިސްކޮށް ހުންނަވައި ހެދި ދިރާސާއަކުން ފާހަގަވި މި ސަރަހައްދަކީ 240 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެކެވެ. އެއީ އެމެރިކާގެ ފްލޮރިޑާގެ އޯލެންޑޯ ސިޓީއާ އެއްވަރުގެ ބޮޑު ސަރަހައްދެކެވެ. "ލޭސީ" ކިޔާ ކަނޑުއަޑީގެ އަމިއްލަ އުޅަނދެއް ބޭނުންކޮށްގެން ކަށަވަރުކުރި މި ސަރަހައްދުން ސައިންސްވެރިން ވަނީ އެއްފަހަރާ 60 މިލިޔަން ބިސްހާލި ހަދާފައިވަނިކޮށް ދެކެފައެވެ.

މި މަހަކީ އާދަޔާޚިލާފު ސިފަތަކެއް ލިބިގެންވާ މަހެކެވެ. އޭގެ ލޭގައި އޮކްސިޖަން ދައުރުކޮށްދޭ "ހީމޯގްލޯބީން" ނުހުންނާތީ ލޭ ފެންނަނީ ސާފުކޮށް (ޓްރާންސްޕޭރެންޓްކޮށް) ނެވެ. އަދި ހަށިގަނޑު ގަނޑުވިޔަނުދޭ ޚާއްޞަ "އެންޓިފްރީޒް ގްލައިކޯޕްރޮޓީންސް" އޭގެ ހަށިގަނޑުގައި އުފައްދައެވެ.

މި މަސްތަކުގެ ހާލި ހެދުމުގެ ފަންނުވެރިކަމަށް ބަލާއިރު، ކޮންމެ އަކަމީޓަރަކަށް 0.26 ގެ ނިސްބަތުން ހިސާބު ޢިލްމީ ސައްހަކަމަކާއެކު ހާލިތައް ވަނީ އަތުރާފައެވެ. ބިސްތައް އޮޔާދިޔަނުދިނުމަށްޓަކައި ދެމަފިރިން ވެގެން ހާލީގެ ވަށައިގެން އޮއްގަލުގެ ތޮށްޓެއްލައެވެ. ކޮންމެ ފަހަރަކު 1,500 އާއި 1,700 އާ ދެމެދުގެ އަދަދަކަށް ބިސް އަޅާއިރު، ބިސްތައް ފީވަންދެން ފިރިހެން މަސް ހާލީގައި ނުކައިނުބޮއި ފާރައަށް އިންނަ ކަމަށް ލިޔުމުގައިވެއެވެ.

އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ މި މަސްތަކުގެ ދިރިއުޅުން ނިމިގެންދަނީ ނުހަނު އަސަރުގަދަ ޤުރުބާނީއަކުންނެވެ. ދަރިންގެ ސަލާމަތަށްޓަކައި ނުކައި ފާރައަށް ތިބުމުގެ ސަބަބުން ހައިހޫނުކަމުގައި ހަލާކުވެ، ނުވަތަ ވަރުބަލިވެފައި ތިއްބައި ސީލް (މޫދުބުޅާ) ތަކުގެ ޝިކާރައަކަށްވެ މައިންބަފައިން ދުނިޔެ ދޫކޮށްދެއެވެ. އޭގެ ފަހުން ދަރިންގެ އާ ޖީލެއް ދުނިޔެއަށް ނޭވާލައެވެ.

އުސްތާޛު ނަޞީރުގެ މި ލިޔުމަކީ ވަށައިގެންވާ ޤުދުރަތުގެ ކާރުޚާނާއާ މެދު ވިސްނައި، ކަނޑުގެ ސިއްރުތައް ހޯދައި ބެލުމަށް އިސްލާމީ ސަގާފަތް ބާރުއަޅާ މިންވަރު ހާމަކޮށްދިން، ފިލާވަޅުތަކުން ފުރިގެންވީ ތަފާތު ލިޔުމެކެވެ.

އަރުށީފު

އެންމެ މަޤްބޫލު