ނަފްސުގައި ޖާހާއި މަޤާމަށް އޮންނަ ލޯބި އިތުރުވާ ވަރަކަށް އެއާއެކު ޙަސަދަވެރިކަން އިތުރުވެއެވެ.

  




”ނަފްސުގައި ޖާހާއި މަޤާމަށް އޮންނަ ލޯބި އިތުރުވާ ވަރަކަށް އެއާއެކު ޙަސަދަވެރިކަން އިތުރުވެއެވެ. ޙަސަދަވެރިކަން ލައިގަނެފައިވާ ނަފްސަށް އޭގެ ސަބަބުން މީސްތަކުންގެ ޢައިބުތައް ހޯދައިގަންނަން ދުރު ވިސްނުމަކާއި ފެނުމެއް ދެއެވެ. 

ޖާހަށް އޮންނަ ލޯބި، ޙަސަދަވެރިކަން ފަޅުވައެވެ.

އަދި ޙަސަދަވެރިކަމުން، މީސްތަކުންގެ ޢައިބުތަކާއި އުނި ސިފަތައް ހޯދާބެލުމުގެ ޞިފަ ފަޅުވައެވެ. 

އެއީ އަޙްމަދު ވިދާޅުވި ގޮތަށެވެ: 

"ރިޔާސަތަށް ލޯބިކޮށްފި މީހާ؛ މީހުންގެ ޢައިބުތައް ހޯދަން އުޅޭނެތެވެ." 

އެހެންގޮސް ހެޔޮ ކަންތަކުގެ ފަރުބަދަތަކެއްގެ މެދުގައިވާ ނުބައިކަމުގެ ޛައްރެއްވެސް ޙަސަދަވެރިޔާއަށް ފެނެއެވެ.

އަދި ނަފްސު އެބަޔަކާމެދު ޙަސަދަވެރިވާ މީހުންގެ ޢައިބުތައް ހާމަކޮށް ފާޅުކުރުމަށްޓަކައި: ނަޞޭޙަތްތެރިވެ، ހަމަމަގަށް އަޅުވާ ފާޑުކިޔުމުގެ ލިބާސް އަޅައެވެ. 

އަދި ފަހަރެއްގައި، ކުށްތައް އިޞްލާޙުކޮށް ސީދާކުރުމުގައި އުޅޭ ތެދުވެރި ނާޤިދު ނަފްސުތަކާ އެއްގޮތްވަނީކަމަށް އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ލައިދީގެން ހަމަޖައްސުވާލާފާނެއެވެ. 

މިހުރިހާ ކަމެއްވެސް ކުރަނީ އޭނާގެ ޟަމީރު އޭނާ ކުށްވެރިކުރުމާއި، އަދި މީސްތަކުން އެނަފްސާ ދިމާކޮށް އިޢުތިރާޟުކުރުމުން ޙިމާޔަތްކުރުމަށެވެ. 

ނަފްސުގައިވާ އެކަމުގެ ޢަލާމާތަކީ:

އެނަފްސުގެ ވާދަވެރިން ރަނގަޅަށްކުރާ ކަންކަމާމެދު އުފާވާވަރަށްވުރެ ބޮޑަށް އެމީހުންނަށް ހެދޭ ގޯސްތަކާއި ކުށްތަކުގެ ސަބަބުން ނަފްސު އުފާވުމެވެ. 

އެހެނީ އެނަފްސު ބޭނުންވަނީ އެމީހުން ދަށްކޮށްލާށެވެ. އެމީހުން މަތިކޮށް އަރުވާކަށް ނޫނެވެ. 

އެހެނީ އެނަފްސު ދެކޭގޮތުގައި އެމީހުން ފަހަތަށް ޖެހުމަކީ މީނާގެ ނަފްސު ކުރިއަރާނޭކަމެކެވެ. އެއީ ހުރިތާގައި އެނަފްސު ހުއްޓަސްމެއެވެ. 

އެގޮތުން ޖާހާއި މަޤާމަށް ލޯބިކުރުމުގެ ޝަހުވަތު ޖެހިފައިވާ ނަފްސު، އެނަފްސު ގޮވައިގެން ކުރިއަރައި ދިޔުމުގެ އަހުލުވެރިކަމާއި ޤާބިލިއްޔަތުކަން ނެތްނަމަ,

ދެންފަހެ އޭނާގެ ވާދަވެރިން ފަހަތަށް ޖެހުމަށް ލޯބިކުރެއެވެ. އެއީ އޭރުން އެނަފްސު ކުރީގައިވާކަން ފާޅުވުމަށެވެ.

ދެން މީސްތަކުންނަށް އެނަފްސު ފެނި، އޭގެ ސަބަބުން އެބޭނުންވި ޖާހާއި މަޤާމު ޙާޞިލުވެއެވެ. 

އެއީ ބަޔަކުގެ ތެރޭގައި އިށީންދެގެން އިންނަ މީހަކު މީސްތަކުންނަށް ނުފެނި، ދެން އެބަޔަކަށްވުރެ އުސްކޮށް ތެދުވެލީމާ އޭނާ ފެންނަގޮތަށެވެ. 

ދެން އެކަންކުރަން އޭނާއަށް ނުކުޅަދާނަވެއްޖެނަމަ؛ އެހުރިހާ އެންމެން އޭނާއާ އެއްހަމަކޮށް އިށީންދެގެން ތިބުމަށް ނުވަތަ އެމީހުން އޮށޯތުމަށް އޭނާ ލޯބިކުރެއެވެ. އެއީ ބަލަންތިބި މީހުންނަށް އޭނާ އިށީންދެގެން އިން އިނުން އެއީ އިށީންދެގެން ތިބި މީހުންގެ ނިސްބަތުން ކޮޅަށްހުރުމެކޭ އެއްފަދައިންވުމަށެވެ.

އަދި ފަހަރެއްގައި އިންސާނާގެ ނަފްސުގައި ގަދަ ޙަސަދަވެރިކަމާއެކު ޖާހުގެ ޝަހުވަތްވެސް ގަދައަށް ޖަމަޢަވެ، އެދޭތި އެކަތި އަނެކައްޗާ އަރައިރުންވެގެން ވެދާނެއެވެ. 

އެގޮތުން އޭނާގެ ޙަސަދަވެރިކަމުގެ ސަބަބުން ޙާޖަތް ޖެހިގެންވާ މީހުންނަށް މުދާ ދިނުމާއި، ނުކުޅެދިފައިވާ މީހުންނަށް އެހީވެ މެދުވެރިއެއްގެ ރޯލުކުޅެދިނުން މަނާކުރެއެވެ.

އެގޮތުން އެއްވެސް މީހަކު އޭނާގެ ފުށުން ފައިދާއެއް ހޯދާކަށް އޭނާ ލޯބިނުކުރެއެވެ. 

އަނެއްކޮޅުން ޖާހާއި މަޤާމަށް އޮންނަ ލޯތްބާހެދި، ހޭދަކުރުމާއި އެހީތެރިވުމާއި މެދުވެރިއެއްގެ ރޯލު ކުޅެދޭން އޭނާ ގެންދެއެވެ.

އެއީ އެކަންކަމުގެ ސަބަބުން އޭނާއާ ދިމާލަށް މީހުން އައިސް އޭނާއަށް މަދަޙަޘަނާ ކިޔުމަށެވެ.

އެހެންކަމުން އޭނާގެ ނަފްސުގައި ވޭނާއި އުފާ އެއްވެގެންވެއެވެ. 

އޭގެ ސަބަބުން އަންނަ ނަތީޖާއަކީ: އޭނާ އެބަޔަކަށް އެހީވެދިން ބަޔަކަށް ކަލަގޮވާ، އޭނާ ކޮށްދިން ކަންތަކުގެ ވާހަކަ ގިނައިން ދައްކާ ތަކުރާރުކުރުމާއި، އެއާއެކު އޭނާއަށް ޝުކުރުވެރިނުވާ އޭނާގެ ނަން ނުގަންނަ މީހުންނަށް ނުރުހުންވުމެވެ. 

އެހެންގޮސް އޭނާ އެބަޔަކަށް ކޮށްދިން ހެޔޮކަމާއި އިޙްސާންތެރިކަން ފިލައިދިޔުމަށްވެސް އޭނާ އުއްމީދުކުރާ ހިސާބަށެވެ.

އިންސާނާގެ ކިބައިގައި ދެކަމެއް ޖަމަޢަވެއްޖެނަމަ:

-ޖާހާއި މަޤާމުގެ ޝަހުވަތުގެ ގަދަކަމާއި،

-އެ ޖާހާއި މަޤާމު ހޯދޭނެ ގޮތްތައް ނެތި ބަލިކަށިވުމާ- މި ދެކަންތައް ޖަމަޢަވެއްޖެނަމަ, 

އޭނާ މީސްތަކުންނަށް ޢަދާވާތްތެރިވެ ޙަސަދަވެރިވާވަރު ބޮޑުވެގެންވެއެވެ. 

އެއީ ތެދުވަން ނުކުޅެދިގެންވާ ޙާލު އޮށޯވެގެން އޮވެ، ކޮޅަށްހުރި ބައެއްގެ ތެރޭގައި މީސްތަކުންނަށް އެމީހަކު ފެނިގެންވުމަށް ލޯބިކުރާ މީހަކު ފަދައިންނެވެ. މީސްތަކުން އިށީންނިޔަސް އަދި އޮށޯތަސް އޭނާ ފެނިގެންވުމަށް ނުފުދެއެވެ. 

ދެން މީސްމީހުންގެ ޢައިބުތަކުގެ ވާހަކަދައްކާ، ޙަސަދަވެރިކަމާއި އަނިޔާވެރިކަމާއެކު މީހުންނަށް އެއްޗެހިގޮވުމުގައި އޭނާ މަޝްޣޫލުވެއެވެ. އެއީ އެއިން އެއްކަމަކުންވެސް އޭނާއަށް ފައިދާއެއް ނުކޮށެވެ.

 ޖާހާއި މަޤާމު ހޯދަން އުޅޭ އެންމެ ހަމަކޮށް ސީދަލަށްވާ ނަފްސަކީ: އޭގެ ޒާތުގައި މަތިވެ އުފުލޭފަދަ ސަބަބުތަކުގައި ހިފައިގެން ޖާހު ހޯދަން އުޅޭ ނަފްސެވެ. އެހެން މީހުން ފަހަތަށް ޖައްސާ ކުރިއެރިޔަނުދީ ހިފަހައްޓާ ސަބަބުތަކުގައި ހިފައިގެންނެއް ނޫނެވެ. 

ޠާހިރު ސާފު ނަފްސުތަކަކީ: ހެޔޮރަނގަޅު ސަބަބުތަކާއި ގޮތްތައް ހޯދާ ނަފްސުތަކެވެ. އެއީ އެކަންކަމުން ޖާހާއި މަޤާމެއް ހޯދުމުގެ ޤަޞްދެއްނެތިއެވެ. 

ދެން ތަބަޢަވާ ގޮތެއްގައި ޖާހެއް ފަހަތުން އައިސްފިނަމަ އެނަފްސުތައް ﷲ އަށް ޙަމްދުކޮށް، އަދި އެކަމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި، އަދި ފަހުންވެސް މަޤްޞަދާއި ނިޔަތް ބަދަލުވެދާނޭކަމަށް ރައްކާތެރިވެ ހުށިޔާރުވާ ނަފްސުތަކެވެ.“

-ޝެއިޚު ޠަރީފީ-


📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖

ލިޔުނީ: މުޚައްމަދު އަލް މަލްދީފީ

އަރުށީފު

އެންމެ މަޤްބޫލު