ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުންގެ ބާރު ގަދަވާނެ!



 ކޮންމެ އިންތިޚާބަކަށްފަހު، ނުވަތަ ޤައުމީ ބޮޑު ނިންމުމަކަށްފަހު ފެންނަ މަންޒަރަކީ ވަރަށް އާދައިގެ މަންޒަރެކެވެ. އެއް ބަޔަކު މޮޅުވެގެން އުފާފާޅުކުރާއިރު، އަނެއް ބަޔަކު ބަލިވުމުގެ ހިތާމަ ފާޅުކުރެއެވެ. ނަމަވެސް، މި ސިޔާސީ ކޯޅުންތަކުގެ ތެރޭގައި، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ، ނުވަތަ ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ނުވާ އެތައް ހާސް ރައްޔިތުންނެއް ތިބެއެވެ. ގިނަ ފަހަރަށް ސިޔާސީ މައިދާނުގައި އަޑުގަދަވަނީ ޕާޓީތަކުގެ "އެކްޓިވިސްޓުން" ކަމަށްވާތީ، ވަކި ފަރާތަކަށް ނުޖެހި ތިބޭ މީހުންނަކީ ބޭކާރު ބައެއްގެ ގޮތުގައި ބައެއް މީހުންނަށް ހީވެދާނެއެވެ. އެކަމަކު ހަގީގަތަކީ، ޑިމޮކްރަސީއެއްގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ހަމަ އެމީހުންނެވެ. އެމީހުންނަކީ ހަމައެކަނި ވޯޓުދޭ ބައެއް ނޫނެވެ.އެއީ ދައުލަތުގެ ބާރުތައް ހަމަހަމަކޮށް ހިފެހެއްޓުމުގައި އެންމެ މުހިންމު "ޗެކް އެންޑް ބެލެންސް" އެވެ.  އިދިކޮޅު ޕާޓީ ހަމަ މަގަށް އަޅުވާ ބަޔަކީވެސް މިއީއެވެ. އިދިކޮޅުން ތަރައްޤީއާއި ހަމަޖެހުމަށް ގެއްލުންދޭ ކޮންމެ ފަހަރަކު ރަތް ކާޑު ދައްކާ ބަޔަކީވެސް މިއީއެވެ.

ވަކި ސިޔާސީ ފިކުރެއްގައި ބައްދައިގެން ނުތިބޭ ރައްޔިތުންގެ އެންމެ މުހިންމު ދައުރަކީ، ކަންކަން ނިންމުމުގައި "އޮބްޖެކްޓިވް" ނުވަތަ ވަކި ފަރާތަކަށް ބުރަނުވާ ގޮތެއް އިޚްތިޔާރު ކުރުމެވެ. ސިޔާސީ ޕާޓީއެއްގެ ވަރުގަދަ މެންބަރަކަށް ވެއްޖެނަމަ، ގިނަ ފަހަރަށް ފެންނަނީ އެ ޕާޓީއަކުން ކުރާ ކޮންމެ ކަމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދިފާޢުކުރާ މަންޒަރެވެ. ނަމަވެސް، ޕާޓީއެއްގައި ނޫޅޭ މީހާ ކަންކަމާ މެދު ވިސްނަނީ ޕާޓީގެ މަޞްލަޙަތަކަށް ވުރެ ބޮޑަށް ޤައުމުގެ މަޞްލަޙަތަށެވެ. އެމީހުންގެ ނިންމުންތައް ބިނާވަނީ ސިޔާސީ ލީޑަރަކު ބުނާ ބަހަކަށް ވުރެ ބޮޑަށް، އެއިރަކު ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބެލުމުގެ މައްޗަށެވެ. މިއީ މި ޤައުމު ހަރުދަނާވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެނީ، އެންމެން ވަކި ޕާޓީއަކަށް ތަބާވެއްޖެނަމަ، ގޯސްކޮށްދާ ކަންކަމަށް ފާޑުކިޔާނެ ބަޔަކު ނުތިބޭނެއެވެ. އެންމެން މި  ޑިމޮކުރަސީ ތެރެއަށް ވަދެގެން އުޅުމަކީ ބޭނުން ކަމެއް ނޫނެވެ. އެހެނީ މި ނިޒާމު ތެރެއަށް ނުވަދެވެސް ހޭވައި ނުބައި އަންގަދެވޭނެއެވެ. އޭނގެ މާނައަކީ ލާދީނީ މީހުން ބުނާހެން ސިޔާސީ ކަންކަމުން ބަރީވާށެކޭ ނޫނެވެ. ސިޔާސަތަކީ ދީނުގެ ބައެކެވެ. އެހެން ކަމުން ވެރިނ ކުރާ ގޯސްކަންތައް ޢަދުކުވެރި ވަންދެން ބަސް ބުނަންވާނެއެވެ.

ދާދިފަހުން ރާއްޖޭގައި ބޭއްވުނު ކައުންސިލް އިންތިޚާބާއި، ޤާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ރެފަރެންޑަމްގެ ނަތީޖާއިން ވެސް މިކަން ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ. ސަރުކާރު ހިންގާ ޕާޓީއަށް މަޖިލިހުގެ "ސުޕަ މެޖޯރިޓީ" އޮތް ނަމަވެސް، ރައްޔިތުންގެ ގާތަށް ވޯޓަކަށް ދިޔުމުން ފެނުނީ ތަފާތު މަންޒަރެކެވެ. މިއިން އެނގެނީ ސިޔާސީ ޕާޓީތަކުގެ "ލައިން" އިން ބޭރުގައި ތިބި ރައްޔިތުން، އެމީހުން ބޭނުންނުވާ ކަންކަމަށް "ނޫނެކޭ" ބުނުމުގެ ބާރު ބޭނުންކުރާނެ ކަމެވެ. ވަކި ޕާޓީއެއްގައި ނޫޅޭ ރައްޔިތުންނަކީ ސިޔާސީ ވެރިންނަށް ލިބޭ ވަރަށް ބޮޑު "ޗެކެއް" ނުވަތަ ހަނދާންކޮށްދިނުމެކެވެ. އެމީހުންނަކީ ކޮންމެ ކަމަކަށް "އާނއެކޭ" ބުނާނެ ބައެއް ނޫންކަމާއި، ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު ނޫންނަމަ އިންތިޚާބީ ފޮށިތަކުން އެކަން ދައްކާނެ ބައެކެވެ.

ކޮންމެ ސިޔާސީ އިންތިޚާބެއްގެ ކާމިޔާބީ އާއި ނާކާމިޔާބީ ކަނޑައަޅާ "ކިންގް މޭކާސް" އަކީ ވެސް ގިނަ ފަހަރަށް މި ބުނާ ވަކި ފަރާތަކަށް ނުޖެހޭ ނުވަތަ "ސްވިންގް ވޯޓާސް" އެވެ. ޕާޓީގެ ވަފާތެރި މެންބަރުން އަބަދުވެސް ވޯޓުދޭނީ އެމީހުންގެ ޕާޓީއަށެވެ. ނަމަވެސް ވެރިކަން ބަދަލުކުރުމާއި، ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ބާރު އޮންނަނީ މެދުގައި ތިބޭ މިނިވަން ރައްޔިތުންގެ އަތްމަތީގައެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކުން އެންމެ ބޮޑަށް ޖެހިލުންވާންޖެހޭ އަދި އެންމެ ބޮޑަށް އިޙްތިރާމްކުރަންޖެހޭ ބަޔަކީ ވެސް އެއީއެވެ. ޤައުމީ މުހިންމު ނިންމުންތަކުގައި އެމީހުންގެ ދައުރަކީ ބޭކާރު ދައުރެއް ނޫނެވެ؛ އެއީ ނިހާއީ ނިންމުން ނިންމާ ފަނޑިޔާރުންނެވެ.

​ޚުލާޞާކޮށް ބުނާނަމަ، ސިޔާސީ ޕާޓީތަކުގެ ކޯޅުންތަކާއި މޮޅުވުމާއި ދެރަވުމުގެ ތެރޭގައި ހިމޭނުން ތިބޭ ރައްޔިތުންނަކީ ޑިމޮކްރަސީގެ ޙަޤީޤީ ރޫޙެވެ. އެމީހުންގެ ދައުރަކީ ކޮންމެ ފަރާތަކުން ދައްކާ ވާހަކައެއް ވެސް ކަނުކޮށް ޤަބޫލުނުކޮށް، ބުއްދީގެ ބޭނުންކޮށްގެން ޤައުމަށް އެންމެ ފައިދާހުރި ގޮތް އިޚްތިޔާރު ކުރުމެވެ. ޕާޓީއެއްގައި ނޫޅުމަކީ ބާކީވުމެއް ނޫނެވެ. އެއީ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމާއި، އަނިޔާވެރިކަމާއި ގޯސް ނިންމުންތަކަށް "ނޫނެކޭ" ބުނުމަށް ލިބޭ އެންމެ ބޮޑު ފުރުޞަތެވެ. ޤައުމުގެ ބާރު އޮތީ ސިޔާސީ ޕާޓީތަކުގެ އަތްމަތީގައެއް ނޫނެވެ.އެ ބާރު އޮތީ ހޭލުންތެރި، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ރައްޔިތުންގެ އަތްމަތީގައެވެ.


އަރުށީފު

އެންމެ މަޤްބޫލު