ދިރިއުޅުމަކީ އިމްތިޙާނެކެވެ.



އިސްލާމީ ނަޒަރިއްޔާގައި ދިރިއުޅުމަކީ އިމްތިޙާނެކެވެ. އިންސާނާއަށް ދިމާވާ ކޮންމެ ހާލަތަކީވެސް، އެއީ އުފާވެރިކަމެއް ކަމުގައިވިޔަސް ނުވަތަ ދަތި އުނދަގޫ ކަމެއް ކަމުގައިވިޔަސް، އެއީ ﷲ ތަޢާލާ އެމީހެއްގެ އީމާންތެރިކަން ވަޒަންކުރެއްވުމަށް ކުރިމަތިކުރައްވާ ކަމެކެވެ. ބައެއް ދީންތަކުގައި ބަލިމަޑުކަމާއި މުދާ މަދުވުމަކީ ކަލާނގެ ކޯފާގެ ނިޝާނެއް ކަމަށް ބެލިޔަސް، އިސްލާމްދީނުގައި ކަން އޮތީ އެހެންނަކުން ނޫނެވެ. ދުނިޔޭގައި ލިބޭ މުއްސަނދިކަމަކީ ﷲ ރުހިވޮޑިގެންވާކަމުގެ ހެއްކެއް ނޫނެވެ. އަދި ލިބޭ ދަތިކަމަކީ އެކަލާނގެ ކޯފާވެވޮޑިގެންވާކަމުގެ އަލާމާތެއްވެސް ނޫނެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މިކަން ސާފުކޮށްދެއްވާފައެވެ.

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ ﴿٢﴾
އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. (ސޫރަތުލް މުލްކް 2)

ތަފްސީރު:- އެކަލާނގެއީ ދިރުއްވައި މަރުގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެ ދިރިހުރުމާއި މަރުވުން ހެއްދެވީ އަޅުތަކުންގެ ތެރެއިން މާތް ﷲއަށް އެންމެ ކިޔަމަންތެރިކަން ބޮޑީ ކާކުތޯއާއި އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނުކުރައްވައި ބައްލެވައި، އެބައިމީހުންގެ ޢަމަލުތަކަށް، އެކަލާނގެ އަޒަލީ ޢިލްމުފުޅުގެ މައްޗަށް ޖަޒާދެއްވުމުގެ ބަދަލުގައި އެބައިމީހުންގެ ޢަމަލުތަކުގެ މައްޗަށް ޖަޒާދެއްވުމަށެވެ. ﴿لِيَبْلُوَكُمْ﴾ ގެ މާނައީ އިމްތިހާނުކުރާ ފަރާތަކުން ޢަމަލުކުރާ ފަދައިން ތިޔަބައިމީހުންނާ މެދު ޢަމަލުކުރެއްވުމަށެވެ. އެހެނީ، މާތް ﷲއީ އަޒަލީ ޢިލްމުފުޅުގައި ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ أكثر عملاً (އެންމެ ޢަމަލު ގިނައީ) އޭ ވަޙީނުކުރައްވައެވެ. އެކަލާނގެ ވަޙީކުރެއްވީ ﴿أَحْسَنُ عَمَلًا﴾ (އެންމެ ޢަމަލު ރަނގަޅީ) އޭ އެވެ. އެއީ، ޢަމަލުތައް ހުތުރުވުމާއެކު ގިނަވުމުގެ ފައިދާއެއް ނުވާތީއެވެ. ފަހެ، ޢަމަލަކީ މާތް ﷲގެ ޙަޟްރަތުގައި ޤަބޫލުކުރެވޭ ރަނގަޅު ޢަމަލަކަށް ވުމަށްޓަކައި އެއީ ރަސޫލުﷲ ކުރެއްވި ގޮތަށް ކުރާ، މާތް ﷲގެ ވަޖުހުފުޅަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރާ ޢަމަލަކަށް ވާން ޖެހެއެވެ. މަރުވުމަކީ މުޅިން ފަނާވެ ދިއުމެއް ނޫނެވެ. އަދިކިއެއްތަ އެއް ގޮވަތިން އަނެއް ގޮވައްޗަށް ބަދަލުވުމެވެ. އެހެންކަމުން، މަރުވެފައިވާ މީހާއަށް ފެންނަކަމުގައްޔާއި، އިޙްސާސްވެ އަޑުއިވޭ ކަމުގައި ޞައްޙަ ޙަދީޘުގައި އައިސްފައި ވެއެވެ. 

ޞަޙީޙުލް ބުޚާރީގައި އައިސްފައިވާ ފަދައިންނެވެ. عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " إِنَّ الْعَبْدَ إِذَا وُضِعَ فِي قَبْرِهِ، وَتَوَلَّى عَنْهُ أَصْحَابُهُ، وَإِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ، أَتَاهُ مَلَكَانِ...... " (صحيح البخاري، كتاب الجنائز، باب ما جاء في عذاب القبر) (އަނަސު ބްނު މާލިކު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޙަދީޘުކުރެއްވިއެވެ. ހަމަކަށަވަރުން އަޅާ ކަށްވަޅުގައި ބޭއްވުމަށްފަހު އޭނާގެ އެކުވެރިން އެނބުރި ދާއިރު އަދި އެބައިމީހުން ފައިވާނުގެ އަޑު އޭނާއަށް އިވިއިވި ހުންނައިރު އޭނާގެ ގާތަށް ދެ މަލާއިކަތުން އަންނާނެއެވެ.) (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 1374) ބަދުރު ހަނގުރާމައިގެ ދުވަހު އެއް ވަޅުގަނޑެއްގައި ވަޅުލެވުނު މީހުންނާ ބެހޭގޮތުން ރަސޫލުﷲ އަންނަނިވި ޙަދީޘުގައި ވާފަދައިން ޙަދީޘުކުރައްވާފައި ވެއެވެ. عَنْ أَنَسِ بْنِ، مَالِكٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم ............... قَالَ " وَالَّذِي نَفْسِي بِيَدِهِ مَا أَنْتُمْ بِأَسْمَعَ لِمَا أَقُولُ مِنْهُمْ وَلَكِنَّهُمْ لاَ يَقْدِرُونَ أَنْ يُجِيبُوا " – (صحيح مسلم، كتاب الجنة وصفة نعيمها وأهلها، بَاب عَرْضِ مَقْعَدِ الْمَيِّتِ مِنْ الْجَنَّةِ أَوْ النَّارِ عَلَيْهِ وَإِثْبَاتِ عَذَابِ الْقَبْرِ وَالتَّعَوُّذِ مِنْهُ) (އަނަސު ބްނު މާލިކު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޙަދީޘުކުރެއްވިއެވެ. "އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަށުގައި ތިމަންކަލޭފާނުގެ ނަފުސުވާ ރަސްކަލާނގެ ގަންދެއްވަމެވެ. ތިމަންކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވާ ބަސްފުޅު އެބައިމީހުންނަށްވުރެ ބޮޑަށް އަޑުއަހާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެއެވެ. އެހެނެއްކަމަކު ޖަވާބުދިނުމުގެ ކުޅަދާނަކަން އެބައިމީހުންނަށް ލިބިގެން ނުވަނީއެވެ.") (ޞަޙީޙު މުސްލިމް، ޙަދީޘު: 2874)

 

އިންސާނާއަށް ކުރިމަތިވާ ކޮންމެ އިމްތިޙާނެއްގެ ފަހަތުގައި ދެ ބޭނުމެއް ވެއެވެ. ފުރަތަމަ ކަމަކީ، އެ އިމްތިޙާނުގައި ކެތްތެރިވެ، ރަނގަޅު ގޮތުގައި ކުރިމަތިލުމުން ސުވަރުގޭގައި އެމީހެއްގެ ދަރަޖަ އުފުލިގެން ދިއުމެވެ. ދެވަނަ ކަމަކީ، ކުރެވިފައިވާ ފާފައަކަށް މިދުނިޔޭގައި ކުޑަ އުނދަގުލެއް ކުރިމަތިކުރައްވައި، އާޚިރަތުގެ ބޮޑު އަޒާބުން އެމީހަކު ސަލާމަތްކުރެއްވުމެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: "މުއުމިނަކަށް ދިމާވާ ކޮންމެ ކަމެއް، އެއީ ކަށީގެ އެތިކޮޅެއް ހެރުން ކަމުގައިވިޔަސް ނުވަތަ އެއަށްވުރެ ބޮޑު ކަމެއް ކަމުގައިވިޔަސް، އެކަމުގެ ސަބަބުން ﷲ އެމީހެއްގެ ދަރަޖަ އުފުއްލަވައި ނުވަތަ ފާފައެއް ފުއްސަވައިދެއްވައެވެ." އެހެންކަމުން، ކޮންމެ ތަދަކީވެސް ޙަޤީޤަތުގައި ﷲ ގެ ރަޙްމަތެކެވެ.

އިމްތިޙާނަކާ ކުރިމަތިލާއިރު މުސްލިމަކު ގެންގުޅެންޖެހޭ އެންމެ މުހިންމު ސިފައަކީ ކަންކަމުގެ އަޞްލު އޮޅުވާނުލައި، ރަނގަޅު ނަޒަރަކުން ކަންކަމަށް ބެލުމެވެ. ﷲ ވަނީ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކެތްނުކުރެވޭވަރުގެ ބުރައެއް ނުޖައްސަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ

اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس އެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفس އަކަށް ވެއެވެ. އަދި، އެ نفس އެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفس އެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ! (ސޫރަތުލް ބަޤަރާ 286)

ގިނަފަހަރަށް އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި މިވަގުތުގެ ދަތިކަމެވެ. ނަމަވެސް އެކަމުގެ ފަހަތުގައިވާ ބޮޑު މަންޒަރު ދެނެވޮޑިގެންވަނީ ﷲ އެވެ. މަގުމަތީގައި ދާއިރު ސައިކަލުގެ ފުރޮޅު ފަޅައިގެން ދިއުމަކީ އުނދަގުލެއް ކަމަށް ހީވިޔަސް، ފަހަރެއްގައި އެކަމުގެ ސަބަބުން ކުރިއަށް އޮތް ބޮޑު އެކްސިޑެންޓަކުން އިންސާނާ ސަލާމަތްވެދާނެއެވެ. ﷲ އަޅަމެންދެކެ ލޯބިވެވޮޑިގެންވަނީ އަޅަމެންގެ މައިންބަފައިންނަށްވުރެވެސް ބޮޑަށެވެ. އެހެންކަމުން އެކަލާނގެ ކުރިމަތިކުރައްވާ ކޮންމެ ކަމަކީވެސް އަޅަމެންގެ ލާބައަށްޓަކައި ކުރައްވާ ކަމެކެވެ.

ކާމިޔާބު މުއުމިނެއްގެ ސިފައަކީ އުފާވެރި ހާލަތުގައި ޝުކުރުވެރިވުމާއި، ދަތި ހާލަތުގައި ކެތްތެރިވުމެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ގޮތުގައި، މުއުމިނާގެ ހުރިހާ ކަމެއްގައިވެސް ވަނީ ހެޔޮކަމެވެ. އުފާވެރިކަމެއް ލިބިއްޖެނަމަ ޝުކުރުވެރިވެއެވެ. އޭރުން އެއީ އޭނާއަށް ހުރި ހެޔޮކަމެކެވެ. ދަތިކަމެއް ލިބިއްޖެނަމަ ކެތްތެރިވެއެވެ. އޭރުން އެއީވެސް އޭނާއަށް ހުރި ހެޔޮކަމެކެވެ. ކޮންމެ އުނދަގުލަކާއެކު ފަސޭހަކަމެއްވާނެކަމަށް ﷲ ވަނީ ދެ ފަހަރަށް ބަޔާންކުރައްވާފައެވެ.

 فَإِنَّ مَعَ الْعُسْرِ يُسْرًا ۝ إِنَّ مَعَ الْعُسْرِ يُسْرًا

"ފަހެ، ހަމަކަށަވަރުން، އުނދަގުލަކާއެކު ފަސޭހަކަމެއްވެއެވެ. ހަމަކަށަވަރުން، އުނދަގުލަކާއެކު ފަސޭހަކަމެއްވެއެވެ." (އައްޝަރަޙު: 5-6)

ތަފްސީރު: ހަމަކަށަވަރުން އެ ނުތަނަވަސްކަމަށް ފަހު ކަލޭގެފާނަށް ފަސޭހަކަން ވެއެވެ. އަދި އެ ހިތާމައާއި ދަތިކަމަށް ފަހު، އެކަމުން ނުކުންނާނޭ މަގެއް ވެއެވެ. މިއީ މާތް ﷲ އެކަލޭގެފާނުގެ ޙާލު ދަތިކަން ފަސޭހަކަމަށް، އަދި ނުތަނަވަސްކަން ތަނަވަސްކަމަށް ބަދަލު ކުރައްވާނޭ ކަމުގެ އުފާވެރިކަމުގެ ޚަބަރެކެވެ. އާޔަތުގައި ބުނާފަދައެވެ. މި ހުރިހާ ނިޢުމަތެއް ކަލޭގެފާނަށް ދެއްވި ކަލާނގެ ކަލޭގެފާނުގެ ޢަދުއްވުންގެ މައްޗަށް ކަލޭގެފާނަށް ނަޞްރުދެއްވާނެއެވެ. އަދި ކަލޭގެފާނުގެ ޙާލަތު ބަދަލުކުރައްވާނެއެވެ. ފަހެ، މާތް ﷲ ކުރެއްވި ވަޢުދު ފުރިހަމަކުރައްވައި އެކަލާނގެ އެކަލޭގެފާނަށް ބާރުދެއްވައި ނަޞްރު ދެއްވިއެވެ. އަދި މުޅި ދުނިޔޭގައި ފެތުރިފައިވާ ދީނެއް ކަމުގައި އެކަލޭގެފާނުގެ ދީން ލެއްވިއެވެ.

މި އާޔަތުން އެނގެނީ ކޮންމެ އެއް ދަތިކަމަކަށް، އެތައް ފަސޭހަތަކެއް ނުވަތަ ދަރުމައެއް ﷲ ދެއްވާނެ ކަމެވެ. ރަސޫލާ ގެ ޙަޔާތްޕުޅަށް ބަލާއިރުވެސް، މައްކާގައި 13 އަހަރު ވަންދެން ކުރިމަތިލެއްވި ބޮޑެތި ގޮންޖެހުންތަކަށްފަހު، އެންމެ 10 އަހަރުގެ ތެރޭގައި މުޅި ޢަރަބިކަރައަށް އިސްލާމްދީން ފެތުރިގެން ދިޔައެވެ. އެހެންކަމުން، އިމްތިޙާނެއް ކުރިމަތިވާ ހިނދު މާޔޫސްނުވެ، ﷲ ގެ ރަޙްމަތަށް އުއްމީދުކޮށް، ކެތްތެރިކަމާއެކު ކުރިއަށް ދިއުމަކީ ކާމިޔާބީގެ މަގެވެ.

 


އަރުށީފު

އެންމެ މަޤްބޫލު