ތާރީޚުލް ޢަޤީދާ- 8


އިންސާނާގެ ތަބީޢަތާއި އޭނާ އުފެދިގެން އައިގޮތާ މެދު އިސްލާމީ ތަޞައްވުރަކީ، ހުޅަނގުގެ މާއްދީ ފަލްސަފާތަކާއި ބަދަލުކުރެވިފައިވާ ބައިބަލްގެ ރިވާޔަތްތަކާ މުޅިން ތަފާތު، އިންސާނާގެ ކަރާމާތާއި މަތިވެރިކަމުގެ މައްޗަށް ބިނާވެފައިވާ ފިކުރެކެވެ. ސެކިއުލަރ ނުވަތަ އިވޮލިއުޝަންގެ ނަޒަރިއްޔާ ބުނާގޮތުން އިންސާނާ އުފެދުނީ އިއްތިފާގަކުން، ވަހުޝީ ޖަނަވާރެއްގެ ސިފައިގައެވެ. އެމީހުން ދެކޭގޮތުގައި ތަހުޒީބަކީ ގުދުރަތާ ދެކޮޅަށް ކުރި ހަނގުރާމައެއްގެ ނަތީޖާއެވެ. އަދި ބަދަލުކުރެވިފައިވާ ބައިބަލްގެ ރިވާޔަތްތަކުގައި ސިފަކުރާގޮތުން، އާދަމުގެފާނު އުފެއްދެވީ ނޭނގުންތެރިކަމެއްގައި ބެހެއްޓުމަށެވެ. އަދި އެކަލޭގެފާނު ބިމަށް ފޭބުމަކީ އިލްމު ހޯދުމުގެ ސަބަބުން ދެވުނު އަދަބެއް ނުވަތަ ލަޢުނަތެއް ކަމަށާއި، ހުރިހާ އިންސާނުންނަކީ އެ "އަސްލު ފާފަ"  ވާރުތަވެފައިވާ ބައެއް ކަމަށް އެމީހުން ބުނެއެވެ. ނަމަވެސް އިސްލާމީ ނަޒަރިއްޔާ ކަށަވަރުކޮށްދެނީ، އާދަމުގެފާނު އުފެއްދެވީ މާތްކުރެވިގެންވާ، އިލްމުވެރި ނަބީއެއްގެ ގޮތުގައި ކަމެވެ. ބިމަކީ އަދަބު ދޭ ތަނެއް ނޫނެވެ. އެއީ އިންސާނާ "ޚަލީފާއެއް" ގެ ގޮތުގައި އުޅުމަށްޓަކައި ކުރިންވެސް ކަނޑައެޅިފައިވާ މަންޒިލެކެވެ.

ﷲ ތަޢާލާ އިންސާނާ މާތްކުރެއްވި ގޮތްތަކަށް ބަލާއިރު، އާދަމުގެފާނު އުފެއްދެވީ ސީދާ އެކަލާނގެ "އަތްޕުޅުން" ކަމާއި، އެކަލޭގެފާނުގެ ހަށިކޮޅަށް ރޫޙު ފުމެލެއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. މިއީ އެހެން އެއްވެސް މަޚްލޫޤަކަށް ލިބިފައި ނުވާ މަތިވެރި ޝަރަފެކެވެ. އަދި ﷲ ތަޢާލާ ވަނީ އާދަމުގެފާނަށް "ހުރިހާ ތަކެއްޗެއްގެ ނަންތައް" އުނގަންނަވައިދެއްވައި، ވާހަކަދެއްކުމާއި ޚިޔާލު ފާޅުކުރުމުގެ މަތިވެރި އިލްމު ދެއްވާފައެވެ. މަލާއިކަތުން އާދަމުގެފާނަށް ސަޖަދަ ކުރެއްވީވެސް އެކަލޭގެފާނަށް ދެއްވި މި އިލްމީ މަތިވެރިކަމަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. އެހެން މަޚްލޫޤުންނާ ޚިލާފަށް އިންސާނާއަށް ވަނީ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ދެއްވާފައެވެ. މި އިޚްތިޔާރުގެ ސަބަބުން އިންސާނާއަކީ ޞާލިޙު އަޅަކަށް ވުމުގެ ގާބިލުކަން ނުވަތަ އަނިޔާވެރި ފަސާދަކުރާ މީހަކަށް ވުމުގެ ފުރުޞަތު އޮތް ބައެކެވެ. އިންސާނާގެ މުޅި ދިރިއުޅުމަކީ އިމްތިޙާނެއް ނުވަތަ "އިބްތިލާ" އެކެވެ.

އިސްލާމީ އަޤީދާގައި "ވާރުތަވާ ފާފަ" އެއް ނެތެވެ. އާދަމުގެފާނަށް ކުށެއް ކުރެވުމާއެކު، އެކަލޭގެފާނު ވަނީ "އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމެވެ" މިފަދައިން ދަންނަވައި ތައުބާވެވަޑައިގެންފައެވެ. ﷲ އެކަލޭގެފާނުގެ ތައުބާ ގަބޫލުކުރައްވައި، އެކަލޭގެފާނަކީ ޚިޔާރުކުރެއްވި ބޭފުޅެއްގެ (އިޖްތިބާ) މަޤާމަށް އުފުއްލެވިއެވެ. ކޮންމެ ކުއްޖަކުވެސް އުފަންވަނީ ސާފު ފިޠުރަތެއްގެ މަތީގައެވެ. ހާރޫތާއި މާރޫތުގެ ވާހަކައިން އެނގެނީ، އިންސާނުންގެ ކިބައިގައި އެދުންތަކާއި ޣަރީޒާތައް ލައްވާފައިވަނީ އިމްތިޙާނެއްގެ ގޮތުގައި ކަމެވެ. އިންސާނާއަށް ކުށެއް ކުރެވުނަސް، ތައުބާގެ ދޮރު އަބަދުވެސް ވަނީ ހުޅުވިފައެވެ. މިއީ މަލާއިކަތުންނަށްވުރެ އިންސާނުން ތަފާތުވާ އެއް ސަބަބެވެ.

ކާއިނާތުގައިވާ ހުރިހާ ތަކެއްޗެއް އިރާއި، ހަނދާއި، ތަރިތަކާއި، ކަނޑުތަކާއި ފަރުބަދަތައް, ވަނީ އިންސާނާއަށް ޚިދުމަތްތެރި (ތަސްޚީރު) ކުރައްވާފައެވެ. މިއީ ގުދުރަތާ ކުރާ ހަނގުރާމައެއް ނޫނެވެ. މިއީ އިންސާނާ ބިމުގައި އާބާދުވެ، ތަހުޒީބު ބިނާކޮށް، ވަގުތުތައް ބަލައި ހިސާބުކުރުމަށްޓަކައި ﷲ ތަޢާލާ ހަމަޖައްސަވާފައިވާ އިންތިޒާމެކެވެ. އިންސާނީ ތަހުޒީބު ފެށެނީ އިލްމުވެރި، މާތްކުރެވިގެންވާ އިންސާނެއްގެ ކިބައިންނެވެ. އެއީ މާއްދީ ކުރިއެރުމާއި ރޫޙާނީ މަތިވެރިކަން އެއްކޮށްލައިގެން އުޅޭ، އިލާހީ މަންހަޖެއްގެ މައްޗަށް ބިނާވެފައިވާ ތަހުޒީބެކެވެ.


އަރުށީފު

އެންމެ މަޤްބޫލު