ހަނުހުރުމަކީ ޚިޔާނާތެއް: އަސީރުންގެ ފުރާނައިގެ ޙައްޤުގައި!



ފަލަސްޠީނާއި، ލުބުނާން އަދި ސޫރިޔާގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ޓެރެރިސްޓް ދައުލަތުން މިވަނީ އިންސާނިއްޔަތާ ޚިލާފު ބިރުވެރި ނިންމުމެއް ނިންމާފައެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެއްހާހަށްވުރެ ގިނަ ފަލަސްޠީނު އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ފާސްކުރުމަކީ ދުނިޔޭގެ ކުރިމަތީގައި ހިންގާ ބޮޑުވެގެންވާ ޖަރީމާއެކެވެ. ބައިނަލްއަޤުވާމީ މައިދާނުގައި އިންސާނީ ޙައްޤުތަކާއި އަދުލުއިންސާފުގެ މަތިހެޔޮ ވާހަކަތައް ދައްކަމުންދާއިރު، މިފަދަ ނުރައްކާތެރި ވަގުތެއްގައި ހިމޭނުން ތިބުމަކީ ހަމައެކަނި ފަރުވާކުޑަކުރުމެއް ނޫނެވެ. އެއީ އިންސާނިއްޔަތަށް ވެވޭ ބޮޑުވެގެންވާ ޚިޔާނާތެކެވެ.

އިސްރާއީލުން މިފަދަ ލާއިންސާނީ ނިންމުމެއް މި ނިންމީ މީޑީޔާ ޕްރޮޕެގަންޑާގެ ހަނގުރާމައިން އެމީހުން ބަލިވަމުންދާތީ، މުސްލިމުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި މިނިވަންކަމުގެ އަޑު ބަންދުކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އަޅުގަނޑުމެން ވިސްނާލަންވީ އަނިޔާވެރިކަން ކުރިމަތީގައި ހަނުހުރުމަކީ އަނިޔާވެރިޔާއަށް ދެވޭ ހިތްވަރެއް ކަމެވެ. ތާރީޚު ލިޔެވޭ ހިނދު، އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލި މީހުންނާއި ހަނުތިބި މީހުން ވަކިކުރެވޭނެއެވެ. އިސްލާމްދީން އަބަދުވެސް އަމުރުކުރަނީ މުންކަރާތްތަކާ ދެކޮޅަށް ތެދުވުމަށެވެ. އެއްހާސް މީހުންގެ ލޭ އޮހޮރުވައިލަން ނިންމާއިރު ދުލުން ބަހެއް ނުބުނެ ތިބުމަކީ ނަބަވީ އިރުޝާދުތަކާ ޚިލާފުވުމެވެ.

މިއަދުގެ ޒަމާނުގައި މި ހަނގުރާމަ ވަނީ "މީޑިޔާ ހަނގުރާމަ" ނުވަތަ "ހައިބްރިޑް ވޯފެއާ" އަށް ބަދަލުވެފައެވެ. މިހާރުގެ ހަތިޔާރަކީ ސޯޝަލް މީޑިޔާއާއި، ސެޓެލައިޓް ޗެނަލްތަކާއި، އަދި އާޓިފިޝަލް އިންޓެލިޖެންސްއެވެ. އިރާނާއި ހުޅަނގުގެ ބާރުތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައަކީ މީގެ ސާފު މިސާލެކެވެ. އިރާނުން އެމީހުންގެ "މުޤާވަމާ" ފިކުރު ފެތުރުމަށް މީޑިޔާ ވިއުގަތައް ބޭނުންކުރާއިރު، އަޅުގަނޑުމެން އަތުގައި ހަތިޔާރެއް ނެތަސް، އަޅުގަނޑުމެންގެ އަޑަކީ ބާރެކެވެ. ސޯޝަލް މީޑިއާގައި މި ވާހަކަ ދައްކައި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް މިކަން ގެނައުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.

މަސްޖިދުލް އަޤްޞާއާއި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް ވާޖިބެކެވެ. އިސްރާ އެސޯސިޭޝަންގެ ފަރާތުން މި އަނިޔާވެރިކަމާ  ދެކޮޅަށް  އިޙްތިޖާޖުކުރުމަށްޓަކައި ބޭއްވޭ ޚާއްޞަ އެއްވުން 17 އެޕްރީލު 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި އާޓިފިޝަލް ބީޗްގައި އޮންނާނެއެވެ. ފަލަސްޠީނުގެ އަސީރުންގެ ހިތްދަތި ގޮވުންތަކަށް އިޖާބަދީ، އެއްހާސްއެތަށް ފުރާނައިގެ ޙައްޤުގައި އަޑުއުފުލުމަށް އެންމެހާ ބޭފުޅުން ވަޑައިގަންނަވާށެވެ. ހަނުނުހުންނަވާށެވެ! މިއަދު ތިޔަ ގެންގުޅޭ ހިމޭންކަމަކީ މާދަމާ ތާރީޚުގައި ތިބާގެ މައްޗަށް ލިޔެވޭނެ ޚިޔާނާތުގެ ސިއްކައަކަށް ވެދާނެއެވެ.


އަރުށީފު

އެންމެ މަޤްބޫލު