ޖާހެއް ހޯދުމަށްޓަކައި މުދަލާއި ފައިސާއަށް ޒުހުދުވެރިވުން



ފަހަރެއްގައި މުދަލާއި ފައިސާއާ އެހޯދުމުގައި ނަފްސު ޒުހުދުވެރިވެދާނެއެވެ. އެހެނީ މުދަލާމެދު ޒުހުދުވެރިވާ ވަރަކަށް މީސްތަކުންގެ ގާތުގައި އެނަފްސު މަތިވެ އުފުލޭތަން ފެންނާތީއެވެ. 

އެހެންގޮސް ބައެއް ނަފްސުތައް މުޞީބާތްތައް ޖެހުމަށް ނުރުހޭ ބީދައިން, މުދަލާއި ފައިސާއަށްވެސް ނުރުހުންވާ ހިސާބަށް ދެއެވެ. 

އެތެރެފުށުން އެފައިސާއަކީ އިދިކީލަވާ އެއްޗެއްކަމުގައި ނަފްސުދެކެނީ އެނަފްސަށް ލިބިފައިވާ ޖާހަށްޓަކައިއެވެ. ކޮންމެހެން އެއީ (ނަފްސު މުދަލާއި ފައިސާއަށް ޒުހުދުވެރިވެގެން ލިބޭ ފުރިހަމަކަމާއި) ހެޔޮކަމާ ނުބައްދަލުވާތީއެއް ނޫނެވެ. 

އެހެންގޮސް އަޞްލު ޒުހުދުވެރިވުމަކީ މިއީކަމަށް އެނަފްސު ހީކޮށްފުމަށް ދާންދެނެވެ. ނަމަވެސް ޙަޤީޤަތުގައި މުދަލާއި ފައިސާއަކީ އެނަފްސު ބޭނުންވާ ކަންތަކާއި މަޤްޞަދަށް ވާޞިލުކޮށްދޭ ވަސީލަތެކެވެ. 

އެހެނީ ޖާހަކީ ފައިސާއަށްވުރެ މާ މަތީ އެއްޗެކެވެ. ދީލަތިކަމާއި ފައިސާވެރި ގިނަބަޔަކު އެމީހުންގެ މުދާ ހޭދަކުރަނީ މީސްތަކުންގެ ގާތުގައި ޖާހާއި މަޤާމެއް ލިބިގެންވުމަށެވެ. 

އަދި މުއްސަނދިވެ ތަނަވަސްވުމަށްޓަކައި ނަފްސަށް ލިބިގެންވާ ޖާހު އެކުއެކީ ދުއްވާލުމަކީ ކުރާނޭ ކަމެއް ނޫނެވެ. ނަމަވެސް ޖާހެއް ހޯދުމަށްޓަކައި ލިބިފައިވާ ހުރިހާ މުދަލާއި ފައިސާވެސް ދުއްވާލަފާނެއެވެ. 

އެހެނީ ޖާހަކީ ފައިސާއަށްވުރެ އަގުހުރި އެއްޗަކަށްވީތީއެވެ.

ފަހެ ޖާހަކީ އެއިން ލާފައި މުދަލާއި ފައިސާވެސް ހޯދޭ އެއްޗެކެވެ. އެކަމަކު ކޮންމެ މުދަލަކީ އަދި އެއިން ޖާހެއް ހޯދޭނެ އެއްޗެއް ނޫނެވެ. 

އެމީހަކަށް ޖާހެއް ލިބިއްޖެ މީހާ, އެހެން ޝަހުވަތްތައް އޭނާއަށް ފަސޭހަވެގެންދެއެވެ. މިކަމަށްޓަކައި އެއީ ބުއްދިއަށް ނަފްސުން އަސަރުކުރުން މާ ބޮޑުވެގެންވާ އެއްޗެކެވެ.

އަދި ހަމައެކަނި ޖާހެއް ހޯދުމަށްޓަކައި ވާ މަގުތަކަކީ އެހެން ހުރިހާ ޝަހުވަތްތައް ހޯދުމަށްވާ ހުރިހާ މަގުތަކަށްވުރެވެސް ގިނަވެގެންވާ މަގުތަކެކެވެ. 

މިހެންވެ ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ނަރަކައިގެ ހުޅުގަނޑު އެބަޔަކުގެ ގައިގައި ރޯކޮށްލެވޭނެ ކަމަށް ޙަދީޘްގައި އައިސްފައިވާ ތިން މީހުން، އެ އެންމެންވެސްވީ ޖާހެއް ހޯދަން އުޅުނު ބައެއްކަމުގައިއެވެ. ފުރަތަމަ މީހާގެ ޙަޔާތް ދުއްވާލިއެވެ. އަނެކަކުގެ ވަޤުތު ދުއްވާލައިގެން ޢިލްމު ހޯދިއެވެ. ތިންވަނަ މީހާގެ މުދާ ހޭދަކުރިއެވެ. 

އެ އެންމެންގެ އަމާޒެއްކަމުގައިވީ ޖާހާއި މަޤާމެއް ހޯދުމެވެ.

ނަފްސު އެދި ދަހިވެތިވާ މަޢުނަވީ ކަންކަމާމެދު ޒުހުދުވެރިވުމަކީ، ނަފްސު އެދި ދަހިވެތިވާ މާއްދީ ކަންކަމާމެދު ޒުހުދުވެރިވުމަށްވުރެ މާ އުނދަގޫވެ ބުރަވެގެންވާ ކަމެކެވެ. 

ނަފްސު ބޭނުންވަނީ (ކޮންމެ ގޮތަކަށްވިޔަސް) އޭގެ ޝަހުވަތްތައް ޙާޞިލުކުރާށެވެ. ދެން ބުއްދި ވަރުގަދަވެގެންވާނަމަ އެބުއްދިއާ އެކަށޭނެ ޝުބުހަތަކާއި ބުރުހާނުތަކެއް ގެނެސްގެން އެނަފްސުގެ ޝަހުވަތް ޙާޞިލުކުރެވިއްޖައުމަށް ދާންދެން ޙީލަތްތައް ހަދައެވެ.

އަދި ބުއްދިއާއެކު އީމާންކަންވާނަމަ އެކަން ނަފްސަށް އުނދަގޫވެގެންދެއެވެ. ނަމަވެސް އެކަން ނުވާނޭކަމަކަށް ނުވެއެވެ. އެހެނީ ނަފްސުގެ ބޭނުން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރެއެވެ. 

ލޮލުގެ ބެލުންތަކަކުންވިޔަސް، ހިނގާބިގާވާ ޞިފައާއި ހިނިތުންވާ ގޮތް މެދުވެރިކޮށްވިޔަސްމެއެވެ...

ކިއެއްތަ، ރޮއެގެން އަދި ޚުޝޫޢަތްތެރިވެ ބިރުވެތިވާކަމަށް ދައްކައިގެންވެސް އެނަފްސު ބޭނުންވާ ކަންތައް ހޯދާފާނެއެވެ. 

އަލްއައުޒާޢީގެ އަރިހުން ރިވާކުރެވޭގޮތުގައި: 

"ބައެއް ނަފްސުތައް ކަރުނައަޅާ ރޮއެގެންނާއި މަޑުމޮޅިވެ ޚުޝޫޢަތްތެރިވުން ބޭނުންކޮށްގެން މީސްތަކުން އެނަފްސުތަކުގެ ގާތަށް (ޖާހާއި މަޤާމެއް ހޯދައިގެން) ޖަހައިގަނެގެން ގެންދެއެވެ."..“

- ޝެއިޚު ޠަރީފީ - 

📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖

ލިޔުނީ:- މުޚައްމަދު އަލް މަލްދީފީ

އަރުށީފު

އެންމެ މަޤްބޫލު