ކަނޑުގެ ފުންމިނުން މަތީ ފަށަލައަށް



ކަނޑުގެ ފުންމިނުގައި ދިރިއުޅޭ މަޚްލޫޤުން ކަނޑުގެ މަތީ ފަށަލައަށް ނުވަތަ އައްސޭރިފަށަށް ލައްވަމުންދާ ދިއުމަކީ އޭގެ ފަހަތުގައި ތިމާވެށީގެ ބޮޑެތި ބަދަލުތަކެއް ފޮރުވިފައިވާ ކަމެކެވެ. މިކަން ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ކަނޑުގެ އެކި ފަށަލަތައް އެނގެންޖެހެއެވެ. އިރުގެ އަލި ފޯރާ މިންވަރަށް ބަލައި ކަނޑު ބަހާލެވިފައިވަނީ މައިގަނޑު ފަސް ބަޔަކަށެވެ. 

އެއީ އިރުގެ އަލި އެންމެ ބޮޑަށް ފޯރާ، ކަނޑުގެ ދިރުންތަކުގެ 94 އިންސައްތަ ހިމެނޭ "ސަންލައިޓް ޒޯން" (0-200 މީޓަރު) އާއި، ކުޑަ އަލިކަމެއް ފޯރާ "ޓްވައިލައިޓް ޒޯން" (200-1000 މީޓަރު) އާއި، މުޅިން އަނދިރި އަދި ގަދަ ފިނިކަން ހުންނަ "މިޑްނައިޓް ޒޯން" (1000-4000 މީޓަރު) އެވެ. މީގެ އިތުރުން 4000 މީޓަރަށްވުރެ ފުނުގައިވާ "އެބިސަލް ޒޯން" އާއި، ކަނޑުގެ އެންމެ ފުން ހިސާބުތައް ކަމަށްވާ "ހަޑަލް ޒޯން" (6000-11000 މީޓަރު) ހިމެނެއެވެ. ކަނޑުގެ އެންމެ ފުން ހިސާބަކީ ގާތްގަނޑަކަށް 10،935 މީޓަރު ފުން "ޗެލެންޖަރ ޑީޕް" އެވެ.

މިފަދަ ނުރައްކާތެރި އަދި އަނދިރި މާޙައުލެއްގައި ދިރިއުޅުމަށްޓަކައި ކަނޑުގެ ފުނުގައިވާ މަޚްލޫޤުން ވަނީ ޚާއްޞަ ސިފަތަކެއް ލިބިގަނެފައެވެ. އޭގެ ތެރޭގައި ހަށިގަނޑުން އަލި އުފެއްދުން ނުވަތަ ބަޔޯލުމިނެސެންސް ހިމެނެއެވެ. މިސާލަކަށް، 6 މީޓަރަށްވުރެ ދިގުވާ "އޯފިޝް" އާއި، އަލި ދަމައިގަތުމަށް ބޮޑެތި ލޯތައް ހުންނަ "ޖަޔަންޓް ސްކުއިޑް" އަދި ބޮލުގެ ނާށިގަނޑު ބޭރު ފެންނަހެން އޮންނަ "ބެރެލްއައި ފިޝް" ފާހަގަކޮށްލެވެއެވެ. 

އަދި "އެންގްލަރ ފިޝް" ފަދަ މަސްމަހާމެހި އެމީހުންގެ ޝިކާރަ ހޯދުމަށް އަލިކުރާ ބޮކި ފަދަ ގުނަވަންތައް ބޭނުންކުރެއެވެ. މީގެ އިތުރުން، ކަނޑުގެ ފުނުގައިވާ "ހައިޑްރޯތަރމަލް ވެންޓްސް" ނުވަތަ ހޫނު ފެން ބޭރުވާ ހިސާބުތަކުގައި ދިރިއުޅޭ "ސްކޭލީ ފުޓް ފިޝް" ފަދަ ތަކެތީގެ ތޮށިގަނޑު ދަގަނޑުން އުފެދިފައި ހުރުމަކީ ހައިރާންކުރުވަނިވި ކަމެކެވެ.

ކަނޑުގެ ދިރުންތައް ކޮންމެ ރެއަކު މަތީ ފަށަލައަށް ކުރާ ދަތުރަށް "ޑަޔަލް ވަރޓިކަލް މައިގްރޭޝަން" (DVM) އޭ ކިޔައެވެ. މިއީ ދުނިޔޭގައި ހިނގާ އެންމެ ބޮޑު ހިޖުރައެވެ. މި ތަކެތި ރޭގަނޑު މައްޗަށް އަރަނީ ދުވާލު އުޅޭ ޝިކާރަވެރިންނަށް ފިލައިގެން ތިބެ، ކާނާގެ ގޮތުގައި "ފައިޓޯޕްލާންކްޓަން" ބޭނުންކުރުމަށެވެ. ނަމަވެސް، ފަހަކަށް އައިސް މި މަޚްލޫޤުން މަތީ ފަށަލައިގައި ދާއިމަށް މަޑުކުރުމާއި އައްސޭރިއަށް ލެއްވުމުގެ ފަހަތުގައި ނުރައްކާތެރި ސަބަބުތަކެއް އެބަހުއްޓެވެ.

 އޭގެ ތެރޭގައި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ފިނިހޫނުމިން މަތިވުމާއި، އޭގެ ނަތީޖާއެއްގެ ގޮތުން ކަނޑުގެ އަޑީގައި އޮކްސިޖަން މަދުވުން ހިމެނެއެވެ. މިކަމުގެ ސަބަބުން މި ތަކެއްޗަށް ނޭވާލުމަށްޓަކައި މަތީ ފަށަލައަށް ހިޖުރަކުރަން މަޖުބޫރުވެއެވެ. މީގެ އިތުރުން، އިންސާނުން ކަނޑުގެ އަޑީގައި ކުރާ މައިނިންގ މަސައްކަތްތަކުގެ ސަބަބުން އެތަކެތީގެ މާޙައުލު ދަނީ ހަލާކުވަމުންނެވެ. އެހެންކަމުން، މި "ބިރުވެރި" ސިފަޖެހިފައިވާ މަޚްލޫޤުން މައްޗަށް އަރަނީ ބަޔަކަށް ޙަމަލާދޭކަށް ނޫނެވެ. އެއީ ތިމާވެށީގެ ބަދަލުތަކުގެ ސަބަބުން އަމިއްލަ ވަޒަން ގެއްލިފައިވާ ރެފިއުޖީންނެވެ. 

އަރުށީފު

އެންމެ މަޤްބޫލު