އިސްރާއީލުން ފަލަސްޠީނުގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ، މަސްޖިދުލް އަޤްޞާ މިއަހަރުގެ ފިޠުރު ޢީދު ނިމެންދެން ބަންދުކުރަން ނިންމައިފިއެވެ. މި ނިންމުމާއެކު، 1967 ވަނަ އަހަރުގެ ފަހުން ރަމަޟާން މަހެއްގެ ހުކުރު ނަމާދު އެ މިސްކިތުގައި ނުކުރެވިދާ ފުރަތަމަ ފަހަރަށް މިއަހަރު ވަނީ ވެފައެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަލްއަޤްޞާ ބަލަހައްޓާ އިސްލާމިކް ވަޤުފް އިދާރާއަށް އަންގާފައިވަނީ، މިހާރު އީރާނާއެކު ކުރަމުންދާ "ހަނގުރާމައިގެ ސަބަބުން" ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިސްކިތް ބަންދުކުރަން ޖެހިފައިވާ ކަމަށެވެ. މިހާތަނަށް ޖެހިޖެހިގެން 18 ދުވަސް ވަންދެން މިސްކިތް ބަންދުކޮށްފައި އޮތްއިރު، މި ނިންމުން ޢީދަށްވުރެ އިތުރަށް ވެސް ދެމިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ނިންމުމުގެ ސަބަބުން ރަމަޟާން މަހުގެ ރޭއަޅުކަމާއި، އިޢުތިކާފުގައި ތިބުމާއި، އަދި ޚާއްޞަކޮށް ޢީދު ނަމާދުގެ ބޮޑު ޖަމާޢަތުން ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ މަޙްރޫމްވެފައެވެ. މިއީ މުސްލިމުންގެ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އިސްރާއީލަށް ފާޑުކިޔަމުންނެވެ.
ދުނިޔޭގައި ތިބި އިސްލާމީ ލީޑަރުންތައް ތިބީ ހަމަހިމޭންވެގެންނެވެ. އިސްލާމުންގެ ތިންވަނަ މާތް މުޤަދަސް މިސްކިތް އަނިޔާވެރިން ކޮންމެ ފަދަ ކަމެއް ކުރިޔަސް ،ސަލާމަތްކުރަން ތިބީ ނުކުޅެދިފައެވެ. ހާއްޞައްކޮން އިސްރާއިލުގެ ގޮނޑިކޮއްކޮ ޖޯރދަންގެ ވެރިޔާ ހުރީ ބީރު ކަންފަތެއް ދީގެންނެވެ. އެހެނީ އެތަން ހިމާޔަތް ކުރަން އެނާ ވާނީ ވަޢުދުވެފައެވެ.
އީރާނުގެ އިސް ލީޑަރުން އަވަހާރަކޮށްލުމާއި، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުން ފަދަ ހާދިސާތަކާ ގުޅިގެން މުޅި ސަރަހައްދު އޮތީ ހަނގުރާމައިގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިސްކިތް ބަންދުކުރުމަކީ އިސްރާއީލުން މި ހަނގުރާމައިގެ ބޭނުން ހިފައިގެން އަލްއަޤްޞާގެ ކޮންޓްރޯލް ފުރިހަމައަށް ހޯދުމަށް ކުރާ ކަމެއް ކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ތުހުމަތުކުރެއެވެ.
