އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ މަސްތުވާތަކެތިން ސަލާމަތްވާން ފަރުވާދޭ ހޮސްޕިޓަލަކަށް ޕާކިސްތާނު ސިފައިން ދިން ހަމަލާ، ބައިނަލްއަޤްވާމީ މުސްލިމް ޢިލްމުވެރިންގެ އިއްތިހާދުން (IUMS) އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުވެ އަދި ޒަޚަމްވެފައެވެ. މިކަނާ ގުޅިގެންބައިނަލްއަޤްވާމީ މުސްލިމް ޢިލްމުވެރިންގެ އިއްތިހާދުން (IUMS) ވަނި ބަޔާނެއް ނެރެފައެވެ.
ބަޔާނުގެ މުހިންމު ނުކުތާތައް:
- ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި، މުސްލިމް ޤައުމަކުން މިފަދަ ލޭއޮހޮރުވުމެއް ހިންގުމަކީ ދީނީ ގޮތުންނާއި އަޚުލާޤީ ގޮތުން ބަލާއިރު ބޮޑުވެގެންވާ ފާފައެއް ކަމަށް އިއްތިހާދުން ބުނެފައިވެއެވެ.
- ސިއްޙީ ފަރުވާދޭ ތަންތަނަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކަކާއި އިންސާނީ އުޞޫލުތަކާ ޚިލާފު، ނިރުބަވެރި ޢަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
- މި ހަމަލާއާ ގުޅިގެން ދެފުށް ފެންނަ، މިނިވަން ކޮމިޓީއަކުން ތަޙުޤީޤެއް ހިންގުމަށް ޕާކިސްތާނު ސަރުކާރަށާއި އަސްކަރިއްޔާއަށް އިއްތިހާދުން ވަނީ ގޮވާލާފައެވެ
- އަވަށްޓެރި މުސްލިމް ދެ ޤައުމުގެ މެދުގައި ކުރިއަށްދާ ހަނގުރާމަ ވަގުތުން ހުއްޓާލައި، ޤަޠަރާއި ތުރުކީގެ މެދުވެރިކަމުގެ ދައުރު އަލުން ދިރުވައި، މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ވަނީ ބާރުއަޅާފައެވެ.
- ދެ ޤައުމުގެ މެދުގައި އުފެދިފައިވާ މައްސަލަ ޙައްލުކުރުމަށާއި، އިތުރަށް މަސްރަޙު ގޯސްވިޔަނުދީ ޞުލްޙަވެރި ޙައްލެއް ހޯދުމުގައި އެހީތެރިވުމަށް ތައްޔާރަށް އޮތްކަން އިއްތިހާދުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލް ވަނީ ހާމަކުރައްވާފައެވެ.

