.
بسم الله الرحمن الرحيم
الحمد لله رب العالمين، والصلاة والسلام على رسول الله ﷺ، وعلى آله وصحبه أجمعين.
ﷲ ތިބާއަށް ރަޙްމަތް
ލައްވާށެވެ.
އިސްލާމްދީނަކީ އިންސާނާގެ
އަބުރާއި، އިއްޒަތާއި، އަދި އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިމާޔަތްކޮށްދޭ
ދީނެކެވެ. މުޖުތަމައެއްގެ ބަދަހިކަން ގުޅިފައިވަނީ އެކަކު އަނެކަކަށް އޮންނަ
އިތުބާރާއި އިހުތިރާމުގެ މައްޗަށެވެ. މި އިތުބާރު ގެއްލި، މީސްތަކުންގެ އަމިއްލަ ދިރިއުޅުމުގެ
ތެރެއަށް ވަދެގަނެ، އެމީހުންގެ އުނިސިފަތައް ހޯދަން މަސައްކަތް ކުރުމަކީ
އިސްލާމްދީން ހަރުކަށި އިބާރާތުން ނަހީކުރައްވާފައިވާ ކަމެކެވެ.
﴿12﴾ يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން
ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި
ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު
އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް
އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ
ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!
ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ
ރަސްކަލާނގެއެވެ.
[ އަލް ޙުޖުރާތް 12 ވަނަ އާޔަތް ]
އިބުނު މަސްއޫދު އަރިހަށް
މީހަކު ގެނެވުނެވެ. އެމީހާ ގެނެވުނީ ، އެމިހާގެ ތުނބުޅިން ރާވަސް ދުވާތީއެވެ.
އެހިނދު އިބުނު މަސްއުދު ވިދާޅުވިއެވެ." އަހަރުމެންނަށް ޖަސޫސުކުރުން ވަނީ
ޙަރާމް ކުރައްވާފައެވެ.(މުސްލިމުންނަށް) ނަމަވެސް ސާފު ހެކި އަހަރުމެންނަށް ފެނިއްޖެނަމަ،
އެނާއަށް އަދަބު ދޭނަމަވެ."
ރަސޫލާﷺ ހަދީޘް ކުރެއްވިއެވެ.
إياكم والظن فإن الظن أكذب الحديث، ولا تجسسوا ولا تحسسوا…»
" ޝައްކުތަކުން ސަލާމަތްވާށެވެ.އެހެނީ ޝައްކުތަކަކީ އެންމެ
ބޮޑުވެގެންވާ ދޮގެވެ. އަދި ޖާސޫސު ކުރުމުން ދުރުހެލިވާށެވެ. ނުވަތަ މީހުންގެ
ކުށްހޯދަމުން ނުދުވާށެވެ."
ރަސޫލާﷺ ހަދީޘް ކުރެއްވިއެވެ.
"لا يدخل الجنة قتّات"
" قتّات ސުވަރުގެ ނުވަންނާނެއެވެ."
(قتّات އަކީ :- މީހަކަށް ގެއްލުންދިނުމުގެ ގޮތުން ނުވަތަ އޮތް
ހަސަދަވެރިކަމެއްގެ ސަބަބުން، އެނެއް މީހާގެ ވާހަކަތަށް ހިފައިގެން ދުވާ މީހާ
އެވެ.)
އިމާމް އަންނަވަވީ رحمه الله ސަރަޚް ސަހީޚް މުސްލިމުގައި
ވިދާޅުވަނީ:-ނަމީމާ (ވާހަކަ އުފުލުން) އަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި
ހިމެނެއެވެ.
ހަމައެފަދައިން، މި ނުރައްކަލަކީ އޭގެ އެތަށްގުނައެއް ބޮޑު
ނުރައްކަލެއްކަމުން، ބޮޑު ފާފައެއްގެ ގޮތުގައި ގިންތިކުރުން ދައްކުވައިދޭ ކަމެއް
ކަމަށް އިބްނު ހާޖަރުލް އަސްކަލާނީ ފަތުހުލް ބަރީގައި ކަށަވަރުކޮށްދެއްވައެވެ.
ޖާސޫސްކުރުމުގެ
ނަތީޖާ
އިތުބާރު ގެއްލުން: މީހުންނަށް
ފާރަލާ މުޖުތަމައެއްގައި އެކަކު އަނެކަކަށް އޮންނަ އިތުބާރު ނެތިގެންދެއެވެ.
އަމިއްލަ މިނިވަންކަން
ގެއްލުން: ކޮންމެ މީހަކީވެސް ކުށް ކުރެވޭނެ މީހެކެވެ. އެމީހެއްގެ އަމިއްލަ
ސިއްރުތައް ފަޅާއަރުވާލުމަކީ އޭނާ ތައުބާވުމަށް އޮތް ދޮރު ބަންދުވެ،
މުޖުތަމައުގައި ބާކީވެގެންދާ ކަމެކެވެ.
ﷲ ގެ ކޯފާ:
މީސްތަކުންގެ އުނިސިފަތައް ހޯދަން މަސައްކަތްކުރާ މީހާގެ އުނިސިފަތައް، އޭނާގެ
ގޭގެ ތެރޭގައި ހުއްޓާވެސް މާތްﷲ ފަޅާއަރުވާލައްވާނެ ކަމަށް ހަދީޘްތަކުގައި ވެއެވެ.
ޖާސޫސްކުރުމަކީ އާންމު އުސޫލުން ހަރާމް ކަމެއް ނަމަވެސް، ގައުމުގެ
ސަލާމަތަށްޓަކައި ނުވަތަ ބޮޑުވެގެންވާ ޖަރީމާއެއް (މިސާލަކަށް ޓެރަރިޒަމް ނުވަތަ ގައުމަށް
ޣައްދާރުވުން) ހުއްޔޓުވުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން ކުރާ ޖާސޫސްކުރުމަކީ
"މަޞްލަޙަތު" ގެ ގޮތުން ހުއްދަވާ ހާލަތްތަކެކެވެ. ނަމަވެސް މިއީވެސް ވަކި
އުސޫލުތަކެއްގެ ތެރެއިން ކުރަންޖެހޭ ކަމެކެވެ.
ކޮންމެ މުސްލިމެއްގެ މައްޗަށް
އޮތް ވާޖިބަކީ، އަނެކާގެ އުނިސިފަތައް ހޯދަން އުޅުމުގެ ބަދަލުގައި، އަމިއްލަ
ނަފްސުގެ އިސްލާހަށް މަސައްކަތް ކުރުމެވެ. އަނެކާގެ ސިއްރުތައް ފޮރުވައިދޭ މީހާގެ
ސިއްރުތައް ގިޔާމަތް ދުވަހުން މާތްﷲ ފޮރުވައިދެއްވާނެއެވެ. މުޖުތަމައެއްގެ ބަދަހިކަން
ދެމެހެއްޓޭނީ ޖާސޫސްކުރުމާއި، ބަދުގުމާން ކުރުމުން ދުރުހެލިވެ، އެކަކު އަނެކަކަށް
ހެޔޮއެދޭ ބަޔަކަށް ވެގެންނެވެ.
وصلى الله وسلم على نبينا محمد، وعلى آله وصحبه أجمعين.
