އަސްލު މަޤްޞަދަކީ އިސްރާއީލުގެ "ގްރޭޓަރ އިސްރާއީލް"



އަދުގެ އެމެރިކާގެ ދިފާޢީ ވަޒީރަކީ އިސްލާމްދީނާ ދެކޮޅުވެރިކަން ފާޅުކޮށް، ހަށިގަނޑުގައި كافر "ކާފަރު" މި ލަފުޒު ޓެޓޫ ޖަހާފައިވާ މީހެކެވެ. އީރާނަށް ހަމަލާދީ އެ ޤައުމު ބަލިކޮށްލުމަށް ކުރާ މަސައްކަތުގެ އަސްލު މަޤްޞަދަކީ އިސްރާއީލުގެ "ގްރޭޓަރ އިސްރާއީލް" މަޝްރޫޢު ފުރިހަމަކުރުމެވެ. މިއީ އިސްތިޢުމާރީ ރޭވުމެއްގެ ދަށުން މުސްލިމުންގެ ބިންތައް ފޭރިގަތުމަށް ހިންގާ ހަރަކާތެކެވެ. ފަލަސްޠީނުގެ ޣައްޒާއަށް ހަދަމުންދާ ފަދައިން، ކައިރީގައިވާ އިސްލާމީ އެހެން ޤައުމުތަކުގެ ބިންތައްވެސް ފޭރިގަތުމަކީ އެމީހުންގެ އަމާޒެވެ.

މިފަދަ ކަންކަމުގައި އެމެރިކާއަކީ ކަޅު ތާރީޚެއް އޮތް ބައެކެވެ. މީގެ ކުރިން ފިލިޕީންސްގައި ތިބި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކޮށް، އެ މީހުންގެ ބިންތައް އަތުލައި އެމެރިކާގެ ބައިވެރިންނަށް ވަނީ ބަހާލާފައެވެ. ގިނަ ބަޔަކަށް ނޭނގުނު ކަމުގައި ވިޔަސް، މިއީ 1902 އިން 1913 އަށް ހިނގާފައިވާ "މޯރޯ-އެމެރިކަން ވޯ" (Moro-American War) އެވެ.

ޒަޔަނިސްޓުންނާ ބެހޭގޮތުން ޢާންމުކޮށް އިވޭ ވާހަކަތަކަށްވުރެ، މުސްލިމުންނާ ދެކޮޅަށް އެމީހުންގެ ހިތްތަކުގައިވާ ނަފްރަތާއި ދެމުންދާ އަނިޔާވެރިކަން މާ ބޮޑެވެ.

ހިތާމައަކީ މިއަދު އިސްލާމީ އުންމަތް އިންތިހާއަށް ބަލިކަށިވެފައިވާ ކަމެވެ. އިންޑިޔާގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން ގިނަ ބަޔަކީ، އެ ޤައުމުގެ ބީ.ޖޭ.ޕީ ސަރުކާރުގެ ހަރުކަށި ހިންދޫންގެ ކުރިމަތީގައި ބަސްބުނަން ނުކެރޭ ހިސާބަށް ނިކަމެތިކޮށްލާފައިވާ ބައެކެވެ.

މުސްލިމުންގެ އަތްދަށުން އިސްޕެއިން ބީވެގެން ދިޔައީ މީލާދީން 1492 ވަނަ އަހަރުގައެވެ. އޭގެ ފަހުންވެސް މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޢަމަލުތައް ތާރީޚުން ފެންނަން އެބަހުއްޓެވެ. އެގޮތުން 1992 ވަނަ އަހަރުގެ އޭޕްރީލް މަހު ޔޫރަޕްގެ މެދުގައި ބޮސްނިއާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގި ބޮޑު ގަތުލުޢާންމަކީ މީގެ އަލިގަދަ ހެެއްކެކެވެ. މިކަންކަން ހިނގަމުންދިޔައިރު އދ. މަޖިލިސް ދުނިޔޭގައި އޮތް ނަމަވެސް، އެ މަޖިލީހަށް އެދެވޭ އެއްވެސް ފިޔަވަޅެއް ނޭޅުނެވެ. ކުޑަކުއްޖަކު އުފަންވެ، އެ ކުއްޖާގެ އުމުރުން ފުރަތަމަ އަހަރާއި ދެވަނަ އަދި ތިންވަނަ އަހަރު ގުނަމުންދާއިރު، އެއީ ކިހާ ދިގު މުއްދަތެއްތޯއެވެ؟ ބޮސްނިއާގެ މުސްލިމް އަޚުންނާއި އުޚުތުންނާ ދެކޮޅަށް ހިންގި އެ ލާއިންސާނީ ގަތުލުޢާންމު ތިން އަހަރާއި ބައިގެ ދިގު މުއްދަތަކަށް ދެމިގެންދިޔައެވެ. 1992 ވަނަ އަހަރު ފެށި އެ އަނިޔާވެރިކަން ނިމުމަކަށް އައީ 1995 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

އެ ދުވަސްވަރު ދުނިޔޭގެ އެންމެ ބޮޑު ބާރަކީ އެމެރިކާއެވެ. އެމެރިކާއިން ބޭނުންވި ނަމަ، އެންމެ ދުވަހެއް ނުވަތަ ދެދުވަހެއްގެ ތެރޭގައި އެ ލޭއޮހޮރުވުން ހުއްޓުވުނީހެވެ. ނަމަވެސް، "ރިޕަބްލިކާ ސާޕްސްކާ" ގެ ލަޝްކަރުން އެ ގަތުލުޢާންމު ހިންގަމުންދިޔައިރު، ހުޅަނގުގެ ޤައުމުތަކާއި އެމެރިކާއިން ތިބީ ބީރުކަންފަތެއް ދީގެން، ކަނު ލޮލަކުން ބަލާށެވެ. މީގެ އިތުރުން، އެމެރިކާއިން އިރާގާއި އަފްޣާނިސްތާނުގައި އޮހޮރުވާލި މުސްލިމުންގެ ލެޔާއި ހިންގި ޖަރީމާތަކަކީ ގިނަ ބަޔަކު ދަންނަ ހަގީގަތްތަކެކެވެ.

އަޅުގަނޑު ދުނިޔޭގެ މަސްރަޙަށް ބަލަނީ ތާރީޚީ ހަގީގަތްތަކާއި މިއަދުގެ ހާލަތާ ގުޅުވައިގެންނެވެ. މި ބަޔާންކުރި ކަންކަމަށް ފުންކޮށް ވިސްނާލުމަށްފަހު އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ޒަޔަނިސްޓުންނާއި އީރާނުގެ މިހަނގުރާމައިގައި އަޅުގަނޑުމެން އަދިވެސް ތިބެންވީ، އިސްލާމީ ޙަޟާރަތާ ގުޅިފައިވާ އީރާނުގެ މީހުނަށް ހަމްދަރުދީވާ މީހުންނާ ދެކޮޅަށްތޯއެވެ؟ ނުވަތަ އަޅުގަނޑުމެންގެ ލޯމަތީގައި އެޅިފައިވާ ނޭނގުމުގެ ކަޅު ފަރުދާ ކަޝްފުކޮށް، ހަގީގަތް ހޯދުމުގައިތޯއެވެ؟

[ މިއީ މިއަދުގެ އިސްލާމީ އުންމަތް އޮތް ހިތާމަވެރި ހާލަތުގެ ކުޑަ މިންވަރެކެވެ. މުޅި އުންމަތް ވަނީ ހުރިހާ ފަރާތަކުން އިދިކޮޅު ބާރުތަކުގެ ވަށައިލުމުގެ ތެރޭގައެވެ. ވަކިން ހާއްސަކޮށް، އުންމަތުގެ ހިތް ކަމުގައިވާ ފަލަސްޠީނުގެ ބިމުގައި އިސްރާއީލުން ލާއިންސާނީ ގަތުލުއާންމެއް ހިންގާތާ މިހާރު ދެ އަހަރާއި ބައިވެފައިވާއިރު، އެ އަނިޔާވެރިކަން އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. ޣައްޒާގެ ހަގީގީ ހާލަތާއި ޚަބަރުތައް އަދު ފެންނަން މިންވަރު މަދުވިޔަސް، ހުޅަނގު އައްސޭރީގައި ތިބި މުސްލިމުންގެ ގެދޮރުގައި ހުޅުޖަހައި، ނަސްލު ނައްތާލުމުގެ މަސައްކަތް "މަޑު ގިނީގައި" ހުއްޓުމެއްނެތި އެބަ ކުރިއަށްދެއެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި، އަޅުގަނޑުމެން މިތިބެނީ ފިނިކޮޓަރިތަކާއި ކޮފީ މޭޒު ދޮށުގައި، ސުންނީންނާއި ޝިއީންގެ އަގީދާއާ ގުޅޭގޮތުން ބަހުސްކުރުމުގައެވެ. ހަގީގަތަކީ، މިއަދު އަޅުގަނޑުމެން ސުންނީ މުސްލިމުންގެ ހާލަތަކީ އެއްވެސް ބަރުދަނެއް ނެތް "ސުމެއް" ފަދަ ބައެއްގެ ހާލަތެއްކަމެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ އަމިއްލަ ފިކުރެއް ނޫނެވެ. ޕާކިސްތާނުގެ މަޝްހޫރު ސުންނީ އިލްމުވެރިޔާ މަރުހޫމް ޑރ. އިސްރާރު އަހުމަދު ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

އަޅުގަނޑުމެން ސުންނީ މުސްލިމުން މިއަދު މިތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި، އެއްބަޔަކު އަނެއްބަޔަކާ ޚިޔާލުތަފާތުވެ ތޮޅުމުގައެވެ. ޒަޔަނިސްޓުން އަޅުގަނޑުމެން ބައިތިއްބަން ބޭނުންވާ ގޮތުގައެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ބަލައިލި ކަމުގައިވިޔަސް ފެންނަނީ މި ހިތްދަތި މަންޒަރެވެ. 

އާބާދީގައި ފައްސަތޭކަ މީހުންވެސް ހަމަނުވާ ކުދި ރަށްރަށުގައިވެސް، އެރަށެއްގެ މީހުން ތިބެނީ، ފަސްބަޔަށް ނުވަތަ ދިހަބަޔަށް ބެހި، ބައިބައިވެފައެވެ. 

އެއްގަލަކަށް އެރުމާއި، އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ރޫހު އަޅުގަނޑުމެންގެ ތެރޭގައި ނެތްފަދައެވެ. އަޅުގަނޑުމެން މިހާލަތާމެދު، ޚާއްޞަކޮން އަޅުގަނޑުމެން މުސްލިމު ފިރިހެނުން (އަޅުގަނޑުވެސް ހިމެނޭގޮތުން) ލަދުވެތިވާން ޖެހެއެވެ. 

އަޅުގަނޑުމެންގެ މާތް ސާހިބާ ﷺ ގާއިމު ކޮށްދެއްވި އިސްލާމީ އުންމަތުގެ މަންފާއަށްޓަކައި، އަޅުގަނޑަށް އެކަށޭނަ މިންވަރާ ގާތަށް ވެސް މަސައްކަތް ނުކުރެވޭތީ އިންތިހާއަށް ލަދުވެތިވަމެވެ. أستغفر الله ] 

ލިޔުނީ އަލް އަޚް ސާޖިދު ރަޝީދު (ބަސްކޮޅު )

އަރުށީފު

އެންމެ މަޤްބޫލު