އިސްލާމީ ޢަޤީދާގެ އެންމެ މުހިންމު އެއް ތަނބަކީ އާޚިރަތް ދުވަހަށް އީމާންވުމެވެ. ބޮޑެތި ޢިލްމުވެރިން ކަމަށްވާ އިމާމް ޤުރުޠުބީ އާއި އިމާމް ޣަޒާލީ ބަޔާންކުރައްވާ ގޮތުގައި ޤިޔާމަތް ދުވަހަށް 50 ނަން ކަނޑައެޅިގެންވެއެވެ. މީގެ ތެރެއިން ބައެއް މަޝްހޫރު ނަންތަކުގެ ތެރޭގައި "ޔައުމުލް ޤިޔާމާ" (އަލުން ދިރުއްވައި އުފައްދަވާ ދުވަސް)، "ޔައުމުލް އާޚިރު" (ފަހު ދުވަސް)، އަދި "އަލް-ޤާރިއާ" (ބިރުވެރިކަމުން ހިތްތައް ސިއްސުވާލާ ދުވަސް) ހިމެނެއެވެ.
ޤިޔާމަތް ދުވަހަކީ ނުހަނު ބިރުވެރި ކަންތައްތަކެއް ހިނގާނެ ދުވަހެކެވެ. އެ ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުގެ ސަބަބުން ކުޑަކުދިންގެ އިސްތަށިގަނޑު ނުރަވެގެންދާނެއެވެ. މައިން އެމީހުންގެ ކިރުމައި ދަރިން މަތިން ހަނދާން ނެތި، މާބަނޑު އަންހެނުން ބައިނގެންދާނެއެވެ .އެއީ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއިގެން މަޝްޣޫލުވެ، އަޚުންނާއި، މައިންބަފައިންނާއި، އަނބިދަރިންގެ ކިބައިން ފިލަން ދުވާނެ ދުވަހެވެ. އިރުގެ އަލިކަން ފަނޑުވެ، ތަރިތައް ވެއްޓި، ފަރުބަދަތައްފުނޑު ފުނޑުވެ ހިރަފުސް ފަދައިން ވިހުރިގެންދާނެއެވެ.
ޤިޔާމަތް ދުވަހުގެ ކަންތައްތައް ފެށިގެންދާނީ ތާޅަފިލި ފުމެލުމުންނެވެ. އިބްނު ތައިމިއްޔާގެ ރައުޔަކީ ތާޅަފިލި ތިން ފަހަރަށް ފުމެލެވޭނެ ކަމަށެވެ. ފުރަތަމަ ފުމެލުމުން ބިރުވެރިކަން އުފެދި، ދެވަނަ ފުމެލުމުން ﷲ މިންވަރުކުރެއްވި ބަޔަކު ފިޔަވައި ހުރިހާ މަޚްލޫޤުން މަރުވާނެއެވެ. ތިންވަނަ ފުމެލުމާއެކު އެންމެން އަލުން ދިރުއްވައި މަޙްޝަރު ބިމަށް އެއްކުރެވޭނެއެވެ. އިންސާނުން އަލުން އުފެއްދެވޭނީ ، ހެއްދެވިގޮތަށެވެ. ޚިތާނު ނުކުރެވި ހުރި ޙާލުގައެވެ. ކާފިރުން މަޙްޝަރު ކުރެވޭނީ އެމީހުންގެ މޫނުވަތަށް ދަމަމުންނެވެ.
މަޙްޝަރު ބިމުގައި ކޮންމެ މީހެއްގެ ޙިސާބު ބެއްލެވޭނެއެވެ. "ޔައުމުލް ޙިސާބު" ގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ ޢަމަލު ފޮތް ދެއްވޭނެއެވެ. މީހާގެ ގުނަވަންތައް އޭނާ ކުރި ކަންތައްތަކަށް ހެކިބަސް ދޭނެއެވެ. ކޮންމެ އަޅަކާ ހަތަރު ކަމަކާ ބެހޭގޮތުން ސުވާލު ކުރެވޭނެއެވެ: އޭނާގެ ޢުމުރު ހޭދަކުރި ގޮތާއި، އޭނާގެ ޢިލްމުން ކުރި މަސައްކަތާއި، މުދާ ހޯދައި ހޭދަކުރި ގޮތާއި، އަދި ހަށިގަނޑު ބޭނުންކުރި ގޮތާ ބެހޭގޮތުންނެވެ. ޢަމަލުތައް ކިރޭ ހިނދު، ހެޔޮ ޢަމަލު ބަރުވި މީހާ އުފާވެރި ދިރިއުޅުމަކަށް (ސުވަރުގެއަށް) ދާނެއެވެ. ނަމަވެސް ހެޔޮ ޢަމަލު ލުއިވި މީހާގެ މަންޒިލަކީ ނަރަކައެވެ.
ޙިސާބު ބެއްލެވުމަށްފަހު، އެންމެންނަށް ނަރަކައިގެ މަތީގައިވާ "ޞިރާޠު މަގު" ހުރަސްކުރަން އަމުރު ކުރެވޭނެއެވެ. މި މަގަކީ ކަނޑިއަށްވުރެ ތޫނު، އަދި އިސްތަށިގަނޑަކަށްވުރެ ހިމަ މަގެކެވެ. މީހުން މި މަގު ހުރަސްކުރާނީ އެމީހެއްގެ އީމާންކަމާއި ޢަމަލުތަކުގެ ފެންވަރުންނެވެ. ބައެއް މީހުން ވިދުވަރެއް ފަދަ ހަލުވިމިނުގައި ހުރަސްކުރާއިރު، އަނެއް ބަޔަކު އަޅައިގަނެ ނަރަކައަށް ވެއްޓޭނެއެވެ. ރަސޫލާ ﷺ އެކަލޭގެފާނުގެ އުންމަތުގެ ބޮޑެތި ފާފަވެރިންނަށް ޝަފާޢަތްތެރިވެވަޑައިގަންނަވާނެއެވެ.
ކާފިރުންނަށް އެ ދުވަހު އެއްވެސް ސަލާމަތްކަމެއް ނެތެވެ. އެމީހުންގެ ހެޔޮ ޢަމަލުތަކަކީ އަވާމެންދުރެއް ފަދަ އެއްޗަކަށް ވެގެންދާނެއެވެ. އެމީހުން އެ ދުވަހު ހިރަފުހަށް ވުމަށް އެދި ގޮވާނެއެވެ. މުއުމިނުންނަށް އޮތީ "ޔައުމުލް ތަޣާބުން" ގައި ލިބޭ ބޮޑު ކާމިޔާބީއެވެ. އެއީ އަބަދަށް ދެމިގެންވާ ސުވަރުގެއެވެ.
ޤިޔާމަތް ދުވަހަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުތަކަށް ޖަވާބުދާރީވާންޖެހޭ ދުވަހެވެ. އެހެންކަމުން، އެ ދުވަހަށް ތައްޔާރުވުމަކީ ދުނިޔޭގެ ޙަޔާތުގައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތެވެ.
