ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ނާޒުކު ފަށެއްގައި އޮތް މި ދަނޑިވަޅުގައި، ސަރުކާރުން މިވަނީ ރާއްޖެއަށް ބޭނުންވާ އެއް އަހަރު ދުވަހުގެ ތެޔޮ ރައްކާކުރެވޭނެ "ސްޓްރެޓީޖިކް ރިޒާވެއް" ޤާއިމްކުރަން އުޅޭކަން އިޢުލާންކޮށްފައެވެ. ބަލިމަޑުކަމުގެ ތެރޭގައި ކުރީގެ ސަރުކާރުން ގެންނަން އުޅުނު "ފްލޯޓިންގ ހޮސްޕިޓަލް" ނުވަތަ މިހާރުގެ "ބިއްލޫރި ކަނޑުއަޑީގެ ޓަނަލް" ފަދައިން، މިއީވެސް ޙަޤީޤަތާ ދުރު ހުވަފެނެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އިޤްތިޞާދީ އަދި ޓެކްނިކަލް ހަމަތަކުން ބަލާއިރު، މިއީ ރާއްޖެ ފަދަ ޤައުމަކަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދެއެވެ.
ދުނިޔޭގެ އިޤްތިޞާދީ އެންމެ ވަރުގަދަ، މުއްސަނދި އަދި ޖާގަ އޮތް ޤައުމުތަކަށް ބަލާލުމުންވެސް ފެންނަނީ މަނަދޫގެ މި ތަޞައްވުރާ މުޅިން ތަފާތު މަންޒަރެކެވެ. ދުނިޔޭގައި އެންމެ ގިނަ ދުވަހަށް ތެޔޮ ރައްކާކުރާ ޖަޕާނުގެ ރިޒާވްގައިވެސް ހުރީ 160 އާއި 200 ދުވަހުގެ ތެލެވެ. އެމެރިކާގެ ސްޓްރެޓީޖިކް ރިޒާވްގައި 90 އާއި 120 ދުވަހުގެ ތެޔޮ ހުރިއިރު، ޗައިނާގައި އޮތީ 60 އާއި 90 ދުވަހުގެ ރިޒާވެކެވެ. އަދި އަވަށްޓެރި އިންޑިއާގައި މި މިންގަނޑު ހުރީ 70 ދުވަހުގައެވެ. މި ހުރިހާ ޤައުމުތަކަކީވެސް "365 ދުވަހުގެ ރިޒާވް" ގެންގުޅުމުގެ ޓެކްނިކަލް އަދި މާލީ ޤާބިލުކަން ހުރި ޤައުމުތަކެވެ. ނަމަވެސް އެވެރިން އެކަން ނުކުރަނީ އޭގެ "އިކޮނޮމިކްސް" ނުވަތަ މާލީ ހަމަތައް ދިމާނުވާތީއެވެ.
އެއް އަހަރު ދުވަހުގެ ތެޔޮ ރައްކާކުރުމަކީ ބުނެލާ ފަސޭހަ ކަމެއް ނަމަވެސް، އޭގެ ފުރަގަހުގައި ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، އެއް އަހަރަށް ބޭނުންވާ ތެޔޮ އެއްފަހަރާ ގަނެފައި ބެހެއްޓުމަށްޓަކައި ބިލިއަނެއްހާ ޑޮލަރު އެއްތަނެއްގައި "ބްލޮކް" ވެފައި ހުންނަން ޖެހުމެވެ. ދުވަހުން ދުވަހަށް ބޭނުންވާ ތެޔޮ ގަންނާނެ ޑޮލަރު ނެތް ޤައުމެއްގައި، މިއީ ސިކުނޑިއަށް ގަބޫލުކުރަން ދަތި ކަމެކެވެ.
ދެވަނަ ކަމަކީ ތެލުގެ އުމުރެވެ. ތެލަކީ (ޚާއްޞަކޮށް ޕެޓްރޯލް) ގިނަ ދުވަހު ބެހެއްޓުމުން އޭގެ ފެންވަރު ދަށްވާ އެއްޗެކެވެ. ގިނަވެގެން 3-6 މަސް ދުވަހުގެ ތެރޭގައި ތެޔޮ ބޭނުންކޮށް، އައު ތެޔޮ އަޅައި "ރޮޓޭޓް" ކުރަން ޖެހެއެވެ. އެހެންކަމުން، އެއް އަހަރަށް ތެޔޮ ރައްކާކުރުމަކީ އޭގެ ޒާތުގައި ޓެކްނިކަލް ގޮތުން ނުހަނު އުނދަގޫ ކަމެކެވެ. މީގެ އިތުރުން، އެހާ ބޮޑު ރިޒާވެއް ބެހެއްޓުމަށް ބޭނުންވާ ބޮޑެތި ސްޓޯރޭޖް ޓޭންކުތަކާއި، އޭގެ ސަލާމަތީ ރިސްކުތަކަކީ ރާއްޖެ ފަދަ ޖާގަ ކުޑަ ޖަޒީރާ ޤައުމަކަށް އުފުލޭނެ ބުރައެއް ނޫނެވެ.
ދިވެހިރާއްޖެއަކީ އަމިއްލަ ރިފައިނަރީއެއް ހުރި ތަނެއް ނޫނެވެ. ތެޔޮ އެތެރެކުރުމުގެ ލޮޖިސްޓިކްސް އާއި ޚަރަދުތައް އިންތިހާއަށް ބޮޑެވެ. މިހާރުވެސް ދައުލަތުގެ ކޭޝްފްލޯ ހުރި ގޮތުން ތެޔޮ ގަންނަން ޖެހެނީ ދަރަންޏަށް ނުވަތަ ނުހަނު ދަތި ހާލުންނެވެ. މިފަދަ ޙާލަތެއްގައި އޮތް ޤައުމަކުން ދުނިޔޭގެ ރެކޯޑެއް މުގުރާލައި، އެންމެ ކުރިއަރާފައިވާ ޤައުމުތަކަށްވުރެ ބޮޑު ރިޒާވެއް ހަދާނެ ކަމަށް ބުނުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ފަދަ ކަމެކެވެ.
ސަރުކާރުން މިފަދަ "ފޮނި ބައިސާ" ކަނޑަނީ ކޮންމެ ސަރުކާރަކުންވެސް ބުނާ ކޮންމެ އެއްޗަކަށް އަތްޖަހާނެ ސިޔާސީ އެކްޓިވިސްޓުން ތިބޭނެކަން އެނގޭތީއެވެ. ކުރީގެ ސަރުކާރުގެ ފްލޯޓިންގ ހޮސްޕިޓަލަށް އަތްޖެހި ބަޔަކު ތިބި ފަދައިން، މިއަދު މި "ޚިޔާލީ ތެޔޮ ރިޒާވަށް" ވެސް އަތްޖަހާނެ ބަޔަކު ތިބޭނެއެވެ. ނަމަވެސް، އިޤްތިޞާދީ ޙަޤީޤަތަކީ މިއީ ކުރެވޭނެ ކަމެއް ނޫންކަމެވެ. ތެޔޮ ރައްކާކުރުމުގެ ދުނިޔޭގެ ބެންޗްމާކަކީ 90 ދުވަސް ކަމަށްވާއިރު، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ހުވަފެން ދެއްކުމުގެ ބަދަލުގައި، އަތްފޯރާ ފަށުގައި ހުރި ޙަޤީޤީ އިޤްތިޞާދީ އިޞްލާޙުތަކަށް އިސްކަންދިނުމެވެ.
މި ލިޔުން ތައްޔާރުކުރެވިފައިވަނީ މިދުހަމް ސައުދު މީސްމިޑިޔާގެ މަންސާގައި ފާހަގަކުރައްވާފައިވާ ފަންނީ ނުކުތާތަކުގެ މައްޗަށް ބިނާކޮށެވެ.( ބަސްކޮޅު )
