1960 ވަނަ އަހަރު ކޮންގޯއަށް މިނިވަންކަން ލިބުމާއެކު، އެގައުމުގެ ފުރަތަމަ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތީ ލުމުމްބާއެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ ކޮންގޯގެ މުއްސަނދި ފާސްފަރުތަކާއި، އަގުބޮޑު މަޢުދަންތައް (ޚާއްޞަކޮށް ޔުރޭނިއަމް އަދި ރަން) ބޭރުގެ ބާރުތަކުން ސަލާމަތްކޮށް، އެތަކެތީގެ ފައިދާ ސީދާ ކޮންގޯގެ ރައްޔިތުންނަށް ހޯދައިދިނުމެވެ. ނަމަވެސް، މި ވިސްނުމަކީ ހުޅަނގުގެ ބާރުގަދަ ގައުމުތަކަށް، ޚާއްޞަކޮށް ބެލްޖިއަމްއަށާއި އެމެރިކާއަށް ޤަބޫލުކުރަން ފަސޭހަވި ކަމަކަށް ނުވިއެވެ.
ލުމުމްބާގެ ސިޔާސަތުތަކުގެ ސަބަބުން، ހުޅަނގުގެ
ކުންފުނިތަކަށް ކޮންގޯގެ މުއްސަނދިކަން ނުލިބިދާނެކަމުގެ ބިރު އުފެދުނެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން، ބެލްޖިއަމްގެ ސަރުކާރާއި އެމެރިކާގެ ސީ.އައި.އޭ (CIA) ގުޅިގެން ލުމުމްބާގެ ސަރުކާރު
ވައްޓާލުމަށް ރޭވުންތައް ރޭވިއެވެ. ގައުމުގެ އެތެރޭގައި ހަމަނުޖެހުން އުފައްދައި،
ލުމުމްބާއަކީ "ކޮމިއުނިސްޓެއް" ކަމަށް ލޭބަލްކޮށް، ބައިނަލްއަގުވާމީ
ދުނިޔޭގައި އޭނާގެ އަގު ވައްޓާލަން މަސައްކަތް ކުރިއެވެ.
1961 ވަނަ އަހަރުގެ ޖެނުއަރީ މަހު، ލުމުމްބާ
ހައްޔަރުކޮށް، ވަރަށް އިހާނެތި ގޮތަކަށް އަނިޔާކުރުމަށްފަހު، ފަޔަރިންގ ސްކޮޑެއްގެ
ކުރިމަތީގައި ބަޑިޖަހައި އަވަހާރަކޮށްލެވުނެވެ. މި ލާމަސީލު ލީޑަރުގެ ހަށިގަނޑު
ނައްތާލުމަށްޓަކައި ހިންގި ޢަމަލަކީ އިންސާނިއްޔަތާ ޚިލާފު، އަދި ބިރުވެރި
ކަމެކެވެ. އޭނާގެ ހަށިގަނޑު ކޮޅަކޮޅަށް ކޮށާލުމަށްފަހު، ސަލްފިއުރިކް އެސިޑް (sulfuric acid) ބޭނުންކޮށްގެން
މުޅިން ގިރުވާލައި ނައްތާލިއެވެ. މިކަން ކުރީ އޭނާގެ މަގްބަރާއެއް ބިނާކޮށް،
ރައްޔިތުން އޭނާގެ ހަނދާން އާކޮށްފާނެތީ އެފުރުޞަތު ނުދިނުމަށެވެ.
ޕެޓްރިސް ލުމުމްބާގެ އަވަހާރަކޮށްލުމަކީ
ހަމައެކަނި އެންމެ މީހެއްގެ މަރު ނޫނެވެ. އެއީ މުޅި އެފްރިކާ ބައްރުގެ
މިނިވަންކަމާއި އިސްތިޤްލާލަށް ދެވުނު ވަރުގަދަ ލޮޅުމެކެވެ. އޭނާގެ މަރުގެ
ފަހަތުގައިވާ ބޭރުގެ ބާރުތަކުގެ އަތްތައް ފަހުން ހާމަވެގެން ދިޔައިރު، މިއީ ގައުމެއްގެ
ވަސީލަތްތަކުގެ މައްޗަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނިއްޔަތު ކިހާ ދަށު
ދަރަޖައަކަށް ވެއްޓިދާނެކަމުގެ ހެތްކެކެވެ. މިއަދުވެސް ލުމުމްބާ ފާހަގަކުރެވެނީ
އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ކޮޅަށް ތެދުވި، އަދި ގައުމީ ލޯތްބަށްޓަކައި އެންމެ
މަތިވެރި ގުރުބާނީ ދިން ބަތަލެއްގެ ގޮތުގައެވެ.
