ކޮންމެ އިންތިޚާބަކީވެސް އަޅުގަނޑުމެންގެ މުސްތަޤުބަލު ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. ކޮންމެ މީހަކުވެސް އެމީހަކު ރުހޭ އަދި ތާއިދުކުރާނެ ކެންޑިޑޭޓަކު އިޚްތިޔާރުކުރާނެއެވެ. އަޅުގަނޑުގެ ގަލަން މިއަދު މި ހިންގާލަނީ، އަޅުގަނޑު ތާއިދުކުރާ ކެންޑިޑޭޓުގެ ކިބައިގައި ހުރި، މި ރަށަށް ނުހަނު ބޭނުންތެރި ސިފަތަކެއް ކިޔުންތެރިންނާ ހިއްސާކޮށްލުމަށެވެ.
އަޅުގަނޑުގެ ކެންޑިޑޭޓަކީ ދުވަސް ފައްޓަވާނީ ފަތިސް ނަމާދުންނެވެ. އަދި ދުވަސް ނިންމަވާލައްވާނީ ޢިޝާ ނަމާދުންނެވެ. މާނައަކީ، އޭނާއަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވާ، މިސްކިތުގެ އަހުލުވެރިއެކެވެ. ދީނީ ކަންކަމަށް ދޭ މި އަހައްމިއްޔަތަކީ އޭނާގެ އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމުގެ އެންމެ ބޮޑު ސިފައެވެ.
މީސްތަކުންނާ މުޢާމަލާތްކުރުމުގައި އޭނާއަކީ ނަމޫނާއެކެވެ. ދަންނަ މީހަކަށް ވިޔަސް އަދި ނުދަންނަ މީހަކަށް ވިޔަސް ވާހަކަދައްކަވާނީ މަޑުމައިތިރި، ރިވެތި ބަހުންނެވެ. ކަން އޮންނަ ގޮތް އޮޅުންފިލުވައިދިނުމުގައި ތެދުވެރިވާނެއެވެ. އަދި ކަމުގެ ހަޤީޤަތް ހާމަކުރަންޖެހޭ ހާލަތްތަކުގައި، އެއްވެސް ޖެހިލުމެއް ނެތި އެ ގޮތުގައި ސާބިތުވެ ހުންނާނެއެވެ.
އޭނާގެ މަސައްކަތްތައް ތަރުތީބުކުރަނީ އޭނާއަކީ ރައްޔިތުންގެ ޚާދިމެއްކަން ދަނެގެންނެވެ. ކުރިން އަޅުގަނޑުމެން ދެނެގަތް "ފިޤުހުލް އައުލަވިއްޔާތު" ނުވަތަ ކަންކަމަށް އިސްކަންދިނުމުގެ އުޞޫލުން، އަބަދުވެސް އެންމެ މުހިންމު ކަންކަން ކުރިއަށް ނެރުމަކީ އޭނާގެ އާދައެވެ. ބޭކާރު ކަންކަމަށް ވަގުތު ނަގާނުލައި، ރަށުގެ އަސާސީ ބޭނުންތަކަށް އޭނާ އިސްކަންދޭނެއެވެ.
ރަށުގެ ތަޢުލީމީ ފެންވަރު މަތިކުރުމަކީ އޭނާގެ އެންމެ ބޮޑު އެއް އުންމީދެވެ. ތަޢުލީމު ކުރިއެރުވުމަށްޓަކައި ތަފާތު އައު ޚިޔާލުތައް އުފަންކުރާނެއެވެ. މިކަމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގައި އޭނާ ވަރުބަލިކަމެއް ނެތި މަސައްކަތްކުރާނެއެވެ. ކައިރީގައި ހުރި ރިސޯޓުތަކުގެ އެހީތެރިކަން ހޯދައިގެން ވިޔަސް، ރަށުގެ ދަރިވަރުންނަށް އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އޭނާގެ އަޒުމެކެވެ.
ރަށުގެ ޒުވާނުން ރަށުގައި ހަރުލެއްވުމަށްޓަކައި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަކީ އޭނާގެ އެންމެ މުހިންމު އެއް އަމާޒެވެ. މީހުން ބިނާކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގައި، ޒުވާނުން ހުނަރުވެރިކުރުވުމަށް އޭނާ ބާރުއަޅާނެއެވެ. ކުޅިވަރާއި މަޖަލަށް އެކަނި ބޮޑު ބަޖެޓެއް ހޭދަކުރުމުގެ ބަދަލުގައި، އޭނާ ވިސްނާނީ މުޅި ރައްޔިތުންނަށް ނަފާވާނެ ފަދަ އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށެވެ.
ދީނީ ރޫޙު ދިރުވުމަކީ އޭނާގެ ސިޔާސަތުގެ މުހިންމު ބައެކެވެ. ދީނީ ދަރުސްތަކާއި ވޯކްޝޮޕްތައް ބޭއްވުމުގެ އިތުރުން، ޒުވާނުންނާއި ކުޑަކުދިން ޝައުޤުވެރިވާނެ ފަދަ ތަފާތު މުބާރާތްތަކާއި ހަރަކާތްތައް އޭނާ އިންތިޒާމުކުރާނެއެވެ.
އަޅުގަނޑުގެ ކެންޑިޑޭޓަކީ ހަމައެކަނި ސިޔާސީ މީހެއް ނޫނެވެ. އެއީ ރަށަށް އިޚްލާޞްތެރި، ދީނަށް ލޯބިކުރާ، އަދި ތަޢުލީމީ ޖީލެއް ބިނާކުރަން ބޭނުންވާ ލީޑަރެކެވެ. މިފަދަ ކެންޑިޑޭޓަކަށް ތާއިދުކުރުމަކީ ރަށުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ އެންމެ ހެޔޮ އިންވެސްޓްމަންޓެވެ.
