ހަނގުރާމަ ފެށީ އަހަރުމެންނެއް ނޫނެވެ!


 

މެދުއިރުމަތީގެ މަސްރަޙު މިއަދު މިވަނީ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ނުރައްކާތެރި ފައްތަރެއްގައެވެ. އިސްރާއީލުން ފަލަސްޠީނާއި ލުބުނާނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، އެކި ގައުމުތަކުގެ ސިޔާދަތަށް އަރައިގަންނަމުންދާ ދިއުމުގެ ނަތީޖާއަކީ މުޅި ސަރަޙައްދުގައި ހަނގުރާމައިގެ ހުޅުގަނޑު ފެތުރިގެން ދިއުމެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމަކީ އިސްވެ ހަނގުރާމަ ފަށާނެ ބައެއް ނޫން ކަމަށެވެ. ނަމަވެސް، އިސްރާއީލުން އީރާނުގެ މަސްލަޙަތުތަކަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ހަމަޖެހުން ނަގާލުމަށް ކުރާ މަސައްކަތްތަކަށް ރައްދު ނުދީ ނުތިބޭނެ ކަމުގެ ވަރުގަދަ އިންޒާރު މިއަދު މިވަނީ ދީފައެވެ.

އީރާނުގެ އަސްކަރިއްޔާއާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނާގޮތުގައި، ދެން ދެވޭ ރައްދު ހަމަލާ ވެގެންދާނީ އިސްރާއީލަށް ކެތްނުކުރެވޭނެ ފަދަ "ދިލަގަދަ އަދި ހޫނުގަދަ" ހަމަލާތަކަކަށެވެ. މިއީ ހަމައެކަނި ބަހުގެ ހަމަލާއެއް ނޫންކަން، ފާއިތުވި މަސްތަކުގައި އީރާނުން ދީފައިވާ މިސައިލް ހަމަލާތަކުން ސާފުވެއެވެ.

މިއަދު މިއޮތީ އެ ވާހަކަ ތެދުވެފައެވެ. އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާއެކު، އީރާނުން ވަނީ މުޅި ސަރަހައްދަށް ފެތުރިގެންދާ ފަދަ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށާފައެވެ. އިސްރާއީލުގެ އެކި ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް އަމާޒުވަމުންދާއިރު، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ބައެއް ޤައުމުތަކަށް ވެސް އީރާނުން ވަނީ ހަމަލާދީފައެވެ. އެގޮތުން ޔޫއޭއީގެ އަބޫދާބީއާއި ކުވައިތަށް ހަމަލާތައް އަމާޒުވެފައިވާއިރު، ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ގަތަރުން ބުނެފައިވަނީ އެ ޤައުމަށް އަމާޒުވި ހަމަލާއެއް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލު މިހާރު އޮތީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ސައިރަން އަޅައި، އާންމުން ބަންކަރުތަކަށް ވަނުމަށް އަންގާފައިވާއިރު، ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.

މުޅި ދުނިޔެ ހެކިވާ ފަދައިން، މި ހަމަނުޖެހުމުގެ އަސްލަކީ އިސްރާއީލުގެ އިސްތިއުމާރީ ސިޔާސަތެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބޯނުލަނބައި، އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެވޭ ހަމަލާތަކުގެ ސަބަބުން ކެތްތެރިކަން ކޮޅުންލާފައިވާކަން އީރާނުގެ ބަޔާންތަކުން ދޭހަވެއެވެ.

އީރާނުގެ އިންޒާރަކީ އިސްރާއީލުގެ އުދުވާނުތަކަށް އޮތް ހުރަހަކަށް ވާނެތޯ ނުވަތަ މިއީ ބޮޑު ހަލާކެއްގެ ފެށުންތޯ ބަލަން މިއަދު ދުނިޔެ މިވަނީ މަޖުބޫރުވެފައެވެ. ސުލްހައަށްވުރެ ބޮޑަށް ހަނގުރާމައިގެ ބޫންބޫން އަޑު ގަދަވަމުންދާ މި ދަނޑިވަޅުގައި، އިންސާފާއި ހަމަހަމަކަން ގާއިމުނުކޮށް މެދުއިރުމައްޗަށް ހަމަޖެހުމެއް ނެތްކަން މިއަދު މިވަނީ ސާފުވެފައެވެ.

 


އަރުށީފު

އެންމެ މަޤްބޫލު