އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން މަސްޖިދުލް އަޤްޞާ ބަންދުކޮށް، މުސްލިމުންނަށް އެ މިސްކިތަށް ވަނުން މަނާކުރިތާ މިއަދަށް މިއީ ވިދިވިދިގެން 31 ވަނަ ދުވަހެވެ. މިއީ ސަލާހުއްދީން އަޔޫބީގެ ޒަމާނުގައި ކުރުސޭޑީންގެ އަތްދަށުން އެ މިސްކިތް މިނިވަންކުރި ފަހުން، ވޭތުވެދިޔަ އަށް ގަރުނުގެ ތެރޭގައި އެ މިސްކިތް މިހާ ދިގު މުއްދަތަކަށް ބަންދުކުރި ފުރަތަމަ ފަހަރެވެ.
މިދިޔަ 31 ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ މީގެ ކުރިން ދުވަހަކުވެސް ތަންފީޒު ނުކުރެވޭ ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އަޤްޞާ މިސްކިތް ބަންދުކޮށްފައިވަނީ މުސްލިމުންނަށް އެންމެ މުހިންމު ދުވަސްވަރުގައެވެ:
- ރަމަޟާން މަހުގެ ބޮޑުބައި
- އަހަރުގެ އެންމެ މާތް ރޭތައް (ފަހު ދިހައެއް)
- ހަތަރު ހުކުރު ނަމާދު
- ފިތުރު އީދު ނަމާދު
މިކަމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ މުފްތީ ތަޤީ އުޘްމާނީ ވަނީ ވަރަށް ވަރުގަދަ ބަޔާނެއް ނެރުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އަޤްޞާ މިސްކިތުގައި ހިންގަމުންދާ ދައުލަތުން ހިތްވަރުދޭ "ޓެރަރިޒަމް" އާއި އުދުވާނާ މެދު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ހަނުތިބޭ ކަމަށެވެ. އަދި މި މަންޒަރުތައް ފެނިވަޑައިގަންނަވާއިރު ވެސް އިސްލާމީ ގައުމުތަކުގެ ވެރިން ހަނުތިއްބަވާތީ އެއީ ނުހަނު ހިތާމަހުރި ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޒަމާން ބަދަލުވާނެކަން އެބޭފުޅުން ދަންނަންޖެހޭނެ. މާތްﷲގެ އަޒާބު އަންނާނީ އިންޒާރަކާ ނުލައި. ފުރަތަމަ ގިބްލައަށް ބޭވަފާތެރިވުމުގެ އަގު ވަރަށް ބޮޑުވާނެ،" މުފްތީ ތަޤީ އުޘްމާނީ އިންޒާރު ދެއްވިއެވެ.
މަސްޖިދުލް އަޤްޞާގެ ހުރުމަތް ކަނޑައި، މުސްލިމުންގެ މުގައްދަސް ބިމަށް އިޒްރޭލުން އަތްގަދަކުރަމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން މިކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅެއް ނާޅާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
