ފާނޫޒުގެ އަލިކަމުން : ބަދަލުކޮށްލި ދިރިއުޅުން (ދެވަނަ ބައި)



ފެންނަނީ ނުހަނު ބޮޑު ހަމަޖެހުމެކެވެ. އިފްހާމްވެސް އެމީހުންނާއެކު ނަމާދަށް ހުއްޓެން މަސައްކަތް ކުރިއެވެ. ނަމަވެސް، އޭނާ ނަމާދަށް ހުއްޓެން އުޅޭ ކޮންމެ ފަހަރަކު، އޭނާގެ ފައިދަށުން ބިންގަނޑު ކަނޑައިގެންދާ ކަހަލައެވެ.

"އިފްހާމް! ކޮޅަށް ހުރުމުގެ ވަގުތު ފާއިތުވެއްޖެއެވެ،" މީހަކު ގޮވާލި އަޑު އިވުނެވެ. އެއާއެކު އޭނާއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. މުޅި މީހާ އޮތީ ދަލުން ފޯވެފައެވެ. އޭނާގެ ހިތް އިންތިހާއަށް ތަޅެމުން ދިޔައެވެ. އެ ހުވަފެނަކީ އޭނާއަށް ލިބުނު ފަހު އިންޒާރު ކަމަށް އޭނާ ގަބޫލުކުރިއެވެ. މިއަދު ބަލިކަށި ހާލުގައިވިޔަސް، ހިތުގެ އިޚްލާޞްތެރިކަމާއެކު ތައުބާވުމުގެ ވަގުތު އަދި ފާއިތެއް ނުވެއެވެ.
ރޭގަނޑުގެ ފަހުދަންވަރު، އިފްހާމް އުނދަގުލުން ތެދުވެ އެނދުގެ އަރިމަތީގައި އިށީނދެލިއެވެ. އޭނާގެ ލޮލުން އޮހެމުންދިޔަ ކަރުނަ މިހާރު ހިކިއްޖެއެވެ. ނަމަވެސް ހިތުގައި އޮތް ރިހުން ވަނީ އިތުރެވެ. އޭނާގެ ކޮޓަރީގައި ހުރި ފާރުގަޑުގައި އެލުވާފައި ހުރި ގަޑިއަށް ބަލާލިއެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވުމަށް ބާކީ އޮތީ މަދު މިނެޓުކޮޅެކެވެ.
އޭނާގެ ދަރިންނާއި ކާފަދަރިންނަށް ދޭނެ ނަސޭހަތެއް އޭނާގެ ހިތުގައި ރޭވުނެވެ. އޭނާ ގަސްތުކުރީ ހެނދުނު ހޭލައިގެން އެންމެން އެއްކޮށްފައި ބުނެދޭށެވެ. "ދަރިންނޭވެ! ޒުވާންކަމަކީ ވަގުތީ އުފަލެކެވެ. އެއީ މާތްﷲ ދެއްވާ އަމާނާތެކެވެ. އެ ހަކަތަ ހުއްޓާ މިސްކިތުގެ ސަފުތަކުގައި ބައިވެރިވާށެވެ. އަހަރެން ފަދައިން އަސާގަނޑަށް ބޭނުންވާ ދުވަހު ހިތާމަ ނުކުރާށެވެ. ނަމާދުގެ ފޮނިކަން ލިބިގަންނާށެވެ."
އިފްހާމް އުނދަގުލުން އަސާގަނޑަށް ބުރަވެ ހުރެ ތެދުވިއެވެ. އޭނާ ނިންމީ މިއަދު ކިތަންމެ ވަރުބަލިވިޔަސް، ހިތުގެ އިޚްލާޞްތެރިކަމާއެކު ފަތިސް ނަމާދު ކުރާށެވެ. ކޮޅަށް ނުހުރެވުނަސް، އޭނާގެ ރޫޙު ހުރީ މާތްﷲ ގެ ކުރިމަތީގައި ކޮޅަށެވެ. މާޒީގައި ކުރެވުނު ކުށްތަކަށް ތައުބާވެ، ބާކީ އޮތް ދުވަސްތަކުގައި އަޅުކަމުގައި ދެމިހުރުމުގެ ޢަޒުމް އާކުރިއެވެ.
ބޭރުން ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށިއެވެ. "ﷲ އަކުބަރު... ﷲ އަކުބަރު..." އިފްހާމްގެ ހިތަށް ބަޔާންކުރަން ނޭނގޭ ފިނިކަމެއް ލިބުނެވެ. އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ އައެވެ. ނަމަވެސް މިފަހަރު އެއީ ހަމައެކަނި ހިތާމައިގެ ކަރުނައެއް ނޫނެވެ. އެއީ އުންމީދާއި ތައުބާގެ ކަރުނައެވެ. ފާއިތުވެދިޔަ ވަގުތު އެނބުރި ނައަޔަސް، ކުރިމަތީގައި އޮތް ވަގުތު ހެޔޮގޮތުގައި ހޭދަކުރުމުގެ ހިތްވަރު އޭނާއަށް ލިބިއްޖެއެވެ.
އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ އޭނާގެ އެންމެ ދޮށީ ދަރިފުޅެވެ. "ބައްޕާ! ނަމާދަށް ތެދުވީތޯ؟" ދަރިފުޅު އޯގާތެރިކަމާއެކު އެހިއެވެ. އިފްހާމް ހިނިތުންވެލާފައި ބުންޏެވެ. "އާނއެކެވެ ދަރިފުޅާ! ބައްޕަ މިއަދު ބޭނުމީ ބައްޕަގެ އަތުގައި ހިފައިގެން ދަރިފުޅު ބައްޕަ މިސްކިތަށް ގެންގޮސްދޭށެވެ. ބައްޕަ މިއަދު މިސްކިތުގެ ޖަމާޢަތުގައި ބައިވެރިވާން ބޭނުމެވެ."
މި ވާހަކައިގެ ނިންމުމަކީ ކޮންމެ މީހަކަށްމެ ލިބޭ ވަރުގަދަ ފިލާވަޅެކެވެ. ވަގުތުގެ އަގު ވަޒަންކުރުމާއި، ޒުވާންކަމުގެ ނިޢުމަތް ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަމެވެ. އިފްހާމްގެ މި ތައުބާއަކީ އޭނާގެ ޙަޔާތަށް އައި އާ އަލިކަމެކެވެ..


އަރުށީފު

އެންމެ މަޤްބޫލު