އިނގިރޭސި ދައުލަތް ވެއްޓުމާއި ރާއްޖޭގެ މިނިވަންކަމުގެ ފެށުން

  • އިނގިރޭސި ދައުލަތް ވެއްޓުމާއި ރާއްޖޭގެ މިނިވަންކަމުގެ ފެށުން





 އިނގިރޭސި އިސްތިޢުމާރުގެ އިރުއޮއްސި، ދުނިޔޭގެ ބާރުތަކުގެ ތަރުތީބަށް އައި ބޮޑު ބަދަލަކީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚާވެސް ނުހަނު ބޮޑަށް ގުޅިފައިވާ ކަމެކެވެ. އިނގިރޭސި ޝަހެންޝާހީ ވެރިކަން ފުނޑުފުނޑުވަމުން ދިޔަ ދަނޑިވަޅުގައި، އޭގެ އަސަރު ހިންދުކަނޑުގެ މި ކުޑަކުޑަ ޖަޒީރާ ރަށްތަކަށްވެސް ފޯރިއެވެ.

ދެވަނަ ބޮޑުހަނގުރާމައަށްފަހު އިނގިރޭސި އިޤްތިޞާދު ބަނގުރޫޓުވެ، އެމީހުންގެ ކޮލޮނީތައް ބެލެހެއްޓޭނެ ތަނަވަސްކަން ނެތުމަކީ ރާއްޖެ ފަދަ ޤައުމުތަކަށް މިނިވަންކަމުގެ ދޮރު ހުޅުވުނު ސަބަބެކެވެ. 1887 ވަނަ އަހަރުން ފެށިގެން ރާއްޖެ އޮތީ އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައެވެ. ނަމަވެސް 1940 އާއި 1950 ގެ އަހަރުތަކުގައި އިނގިރޭސިންގެ މަޤްޞަދު ބަދަލުވިއެވެ. އެމީހުން ދެން ބޭނުންވީ އިސްތިޢުމާރީ ބާރެއްގެ ބަދަލުގައި، އަސްކަރީ މަރުކަޒުތަކެއް ހިންގާނެ މަގުތަކެވެ. މިގޮތުން އައްޑޫ އަތޮޅު ގަމުގައި އިނގިރޭސި ރޯޔަލް އެއާފޯސް (RAF) ގެ މަރުކަޒެއް ޤާއިމުކުރުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި އެންމެ ބޮޑު ލޮޅުމެވެ.

އިނގިރޭސި އިސްތިޢުމާރު ނިމުމުގެ ސިލްސިލާގެ ތެރެއިން، ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ނުތަނަވަސްކަމަކީ "ޔުނައިޓެޑް ސުވަދީބު ރިޕަބްލިކް" ނުވަތަ ދެކުނުގެ ތިން އަތޮޅުން ސަރުކާރާ ވަކިވެގަތުމެވެ. އިނގިރޭސިން ގަމުގައި ތިބެގެން، އަމިއްލަ މަސްލަހަތަށްޓަކައި ދެކުނުގެ ބަޣާވާތަށް ހިތްވަރުދިން ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މިއީ މުޅި އިނގިރޭސި އެމްޕަޔަރުގައިވެސް އެމީހުން ގެންގުޅުނު "ބައިބައިކޮށްގެން ވެރިކަންކުރުން" (Divide and Rule) ސިޔާސަތުގެ ކުޑަކުޑަ މިސާލެކެވެ.

ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ ސިޔާސީ ހިކުމަތްތެރިކަމާއެކު، އިނގިރޭސިންނާ ދެކޮޅަށް ކުރި ވަރުގަދަ މަސައްކަތުން 1965 ޖުލައި 26 ގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނެވެ. އިނގިރޭސިން މި އެއްބަސްވުމުގައި ސޮއިކުރަން މަޖުބޫރުވީ، ދުނިޔޭގެ ބާރުތައް ބަދަލުވެ، ކޮލޯނިއަލިޒަމާ ދެކޮޅު ރޫޙު މުޅި ދުނިޔޭގައި އުތުރިއަރަމުން ދިޔަ ވަގުތެއްގައެވެ

އިނގިރޭސި ދައުލަތް ފުނޑުފުނޑުވެގެން ދިޔަ ދިއުމުން ދަސްވާ އެންމެ ބޮޑު ފިލާވަޅަކީ، ކިތަންމެ ގަދަފަދަ ބާރެއް ނަމަވެސް، ﷲ ކަނޑައެޅުއްވި ވަގުތު ޖެހުމުން އެ ބާރެއް ނެތިދާނެ ކަމެވެ. އިނގިރޭސި ދިދަ ރާއްޖެއިން ބޭލުނުއިރު، އެއީ ހަމައެކަނި ރާއްޖެއަށް ލިބުނު މިނިވަންކަމެއް ނޫނެވެ. އެއީ މުޅި ދުނިޔެއަށް އައި "މާނަވީ ތޫފާނެއްގެ" ތެރެއިން، އަޅުވެތިކަމުގެ ކޮޅިގަނޑު މައިތިރިވެ، މިނިވަންކަމުގެ އިރު އެރި ވަގުތެވެ.

ރާއްޖޭގެ މިނިވަންކަމަކީ ހަމައެކަނި ލިޔުމެއްގައި އޮތް އެއްޗެއް ނޫނެވެ. އެއީ ދުނިޔޭގެ ބާރުތައް އަތްމަތި ބަދަލުވަމުން ދިޔަ ތާރީޚީ ބޮޑު އޮއިވަރެއްގެ ތެރެއިން، ކާބަފައިން ކުރި ގަދަފަދަ ޖިހާދުގެ ނަތީޖާއެވެ. މިއަދު އަޅުގަނޑުމެން މި މިނިވަންކަން ދަމަހައްޓަން ޖެހެނީ، އިއްޔެގެ އެ ބޮޑު އިސްތިޢުމާރުވެސް ވެއްޓިގެން ދިޔަ ދިއުމުން ލިބުނު އިބުރަތްތަކާ އެކުގައެވެ.

އަރުށީފު

އެންމެ މަޤްބޫލު