އިނގިރޭސި ދިދައަށް އިރުއޮއްސެމުން......


އިނގިރޭސި ދިދައަށް އިރުއޮއްސެމުން......








 އިރުއޮއްސުމެއްނެތި ދުއިސައްތަ އަހަރު ވަންދެން ވިހުރުނު އިނގިރޭސި ދިދައަށް އިރުއޮއްސެމުން އަނިދިރިވަމުންގޮސް، އިނގިރޭސި އިސްތިޢުމާރު ދުނިޔެއިން ނެތިގެން ދިޔައީ، ހީކުރެވުނު ވަރަށްވުރެ މާ ހަލުއިކޮށެވެ. ﷲ ކަނޑައެޅުއްވި އަޖަލު ހަމަވުމުންނެވެ.


1919 ގައި ވެސް އިނގިރޭސި ދައުލަތް އޮތީ ހަމައިސްކޮޅަށް ހިންދެމިލައިގެންނެވެ. ދުނިޔޭގެ ސަތަހައިގެ 25 އިންސައްތަ ބިމާއި، 480 މިލިޔަން މީހުން ތިބީ އިނގިރޭސިންގެ ބާރުގެދަށުގަ އެވެ. އެއީ ދުނިޔޭގެ ޖުމްލަ އާބާދީގެ ވެސް ގާތްގަނޑަކަށް 25 އިންސައްތަ އެވެ. ދުނިޔޭގެ ވިޔަފާރީގެ މަގުތައް ބަލަހައްޓަމުންދިޔައީ އިނގިރޭސި މަނަވަރުތަކެވެ. ލަންޑަނަކީ ދުނިޔޭގެ ފައިސާ ދައުރުވާ ނާރެހެވެ. 


އެކަމަކު، އިންސާނީ ތާރީޚުގައި އެންމެ ގަދަފަދަކަމާއެކު ޤާއިމުވެއޮތް އެ ޝަހެންޝާހީ ވެރިކަން، އެންމެ 30 އަހަރުދުވަހުގެ ތެރޭގައި، ފުނޑުފުނޑުވެ ވެއްޓިގެންދިޔައީ ޙައިރާން ކުރުވަނިވިހައި ބާރުމިނެއްގަ އެވެ. ކުރިމަތިވީ، ހަނގުރާމަތަކާއި، ފައިސާއާއި، އިދިކޮޅު ޙަރަކާތްތަކުގެ އިތުރުން ދުނިޔޭގެ ބާރުތައް އަލުން ތަރުތީބުވުމާ މިހުރިހައިކަމެއް އެކުވެފައިވާ ވަރުގަދަ މާނަވީ ޠޫފާނެކެވެ. 


އިނގިރޭސިވިލާތް ވެއްޓުމުގެ ފެށުމަކަށްވީ ފުރަތަމަ ބޮޑުހަނގުރާމައެވެ. ޓެކްނިކަލްގޮތުން ބަލާއިރު، އިނގިރޭސިންނަށް ހަނގުރާމަ ކާމިޔާބު ކުރެވުނު ނަމަވެސް، އޭގެ އަގު، އެ ކާމިޔާބީއާ ނުބައްދަލެވެ. އެ ހަނގުރާމަ ނިމުނުއިރު އިނގިރޭސި އިޤްތިޞާދު އޮތީ ފޫވެއްޓިފައެވެ. ގާތްގަނޑަކަށް އެއް މިލިޔަން ސިފައިން މަރުވެ، ވަރަށް ބޮޑަށް ދަރަނިވެރި ވެފައެވެ. ޚާއްޞަކޮށް އެމެރިކާއަށެވެ. 


ދުނިޔޭގައި ވަކިހިއްޕައިގެން ތިބުމަށްޓަކައި، ގިނަ އަދަދެއްގެ ފައިސާއާއި، ސިފައިންނާއި، މަނަވަރުފަހަރު ބޭނުންވެއެވެ. 1918 ވަނަ އަހަރުގެ ފަހުން، އިނގިރޭސީންގެ ޝަރަފުވެރިކަން އޮތަސް، އެ މީހުންގެ ދަށުގައިހުރި ހުރިހައި ކޮލޮނީތައް ކުރިން ބެލެހެއްޓިގޮތަށް ބެލެހެއްޓޭވަރުގެ ތަނަވަސްކަމެއް ނެތެވެ. މިހާލަތުގައި އޮއްވައި ކުރިމަތިވި ދެވަނަބޮޑުހަނގުރާމައިން މުޅިތަން އިނދަޖައްސައިލި އެވެ. 


ދެވަނަ ބޮޑުހަނގުރާމައަށް އިނގިރޭސިވިލާތުން 25 ބިލިޔަން ޕައުންޑް ޚަރަދުކުރަން ޖެހުނެވެ. 1945 އާ ހަމަޔަށް އައިއިރު ޤައުމު އޮތީ ގާތްގަނޑަކަށް ބަނގުރޫޓު ވެފައެވެ. މައި ޝަހަރުތައް ވަނީ ބޮން އެޅުމުގެ ސަބަބުން ހަލާކުވެފައެވެ. އިންޑަސްޓްރީތައް އޮތީ ހުއްޓިފައެވެ. އެކަށީގެންވާ ކާނާ ނުލިބިވެސް އަހަރުތަކެއް ފާއިތުވެ ދިޔައެވެ. އަމިއްލަ ޤައުމު މެނޭޖްކުރުމަށްވެސް އޮތީ ދަތިވެފައެވެ.


ކަންކަން މިހައި ހިސާބަށް ދިޔުމުން، އޭޝިޔާއާއި އެފްރިކާ ކޮންޓްރޯލް ކުރުމަށްޓަކައި ސިފައިން ބައިތިއްބައިގެން ޚަރަދުކުރެވޭކަށް ނެތެވެ. އެ ދަނޑިވަޅުގައި ކޮލޮނީތަކުގައި އިދިކޮޅު ޙަރަކާތްތަކުގެ ހުޅުފަޅައިގެންގޮސް، ބޭރުގެ ބާރެއްގެދަށުގައި ނުތިބުމުގެ ރޫޙުކެކި އުތުރިއަރައިގެންފި އެވެ. ކޮލޮނީތަކުގެ ސިޔާސީ ލީޑަރުން، މުޒާހަރާތަކާއި ހަޅުތާލު ހިންގައި މަދަނީ ބަސްނޭހުން ފަށައިފިއެވެ.


1947 ގައި އިންޑިޔާއާއި ޕާކިސްތާން މިނިވަންކޮށް ދޫކޮށްލަންޖެހުމަކީ އިނގިރޭސިންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އެއިން ފިލާވަޅުނަގައިގެން އެހެން ކޮލޮނީތަކުން ވެސް ވަކިވުމުގެ ރޫޙުގައި ނިކުތީ އޮބެހެއްޓޭވަރަށްވުރެ މާ ގަދަފަދަކޮށެވެ. އެހެންކަމުން (ހަނގުރާމަވެރިޙާލަތުގައި އެއްބާރުލުން ދިނުމަށް ޝަރުޠުކޮށްފައި ނަމަވެސް) ގިނަ ކޮލޮނީތަކަށް މިނިވަންކަންދޭން މަޖްބޫރު ވެއްޖެއެވެ. 


އިނގިރޭސި އިސްތިޢުމާރު ނިމުމުގެ އަނެއް ސަބަބަކަށްވީ، ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގެ އަމުރުވެރިކަން ޔޫރަޕިއަނުންގެ އަތްމަތިން ބީވެ ދިޔުމެވެ. އެމެރިކާއާއި ސޮވިއެޓް ޔުނިއަން ދުނިޔޭގެ މައިގަނޑު ދެބާރުގެ ގޮތުގައި އުފަންވެ، ކޮލޯނިއަލިޒަމާ ދެކޮޅަށް އެ ދެޤައުމުން މަސައްކަތް ފެށުމެވެ. އެ ދެޤައުމުން ބުނަމުންދިޔައީ ކޮލޯނިއަލިޒަމަކީ ބޯދާ އަދި އަނިޔާވެރި ވިސްނުމެއް ކަމުގައެވެ.


އިނގިރޭސި އިސްތިޢުމާރު ރަސްމީގޮތުން ދުނިޔެއިން ފޮހެވިގެންދިޔައީ 1 ޖުލައި 1997 ގައި، އިނގިރޭސި ވިލާތުން ހޮންގކޮންގ، އަނބުރާ ޗައިނާއާއި ޙަވާލު ކުރުމުންނެވެ.

ލިޔުން ލިޔުނީ: މުހައްމަދު  ނަސީރު ޢަލީ


އަރުށީފު

އެންމެ މަޤްބޫލު