މުސްލިމް ޙަޟާރަތްތައް ނިޒާމީ ގޮތެއްގައި ބަލިކަށިވި ގޮތް | އިސްތިޢުމާރުގެ ބޮޑު ފަސް މަރުޙަލާ
މުސްލިމުންނަކީ މުއްސަނދި ޙަޞާރަތެއް ލިބިފައިވާ ބައެކެވެ. ގާތްގަނޑަކަށް އެއްހާސް އަހަރުވަންދެން ދުނިޔޭގެ ތަރައްޤީ ތާޖު އަޅައިގެން އުޅުނުބަޔަކީ މުސްލިމުންނެވެ. އެޒަމާނުގައި މުސްލިމުންވަނީ ޢިލްމީގޮތުންނާއި ،ފަންނީގޮތުން އަދިސިޔާސީގޮތުން ދުނިޔޭގެ އެހެންމީހުންނާ އެތަށްގުނަ ކުރިއެއްގައެވެ. މީގެ ސަބަބުން މުސްލިމުންވީ ދުނިޔޭގެ ވަރުގަދަ ބާރަކަށެވެ.
މިއީ ހަމައެކަނި ތާރީޚީ ފަޚުރެއްނޫނެވެ. އޭގެ ހެކިތައްވެސް ފެންނަން އެބަހުޓެވެ. އެގޮތުން އޭރުގެ ހުރިހާ ދީންތަކެއް ޢިލުމުވެރިން ފޮތްތައް ލިޔެ،ޢާންމު ކުރަމުންދިޔައީ ޢަރަބި ބަހުންނެވެ. އަދި ޔޫރަޕގައި އޮތް އަދިރި ޒަމާނަށް އަލިކަން ގެނުވާއިދިނީވެސް ޢަރަބި ބަހުގެ ޒަރިއްޔާއިންނެވެ. އެއީ މުސްލިމު ފިލޯސަފަރުންގެ މަސައްކަތް ލެޓިނަށް ތަރުޖަމާކޮށްގެންނެވެ. އެގޮތުން މަޝްހޫރު ފިލޯސަފަރު ތޯމަސް އެކީނަސް (Thomas Aquinas) ފާހަގަކޮށްލެވެ. އެބޭފުޅާ ޢިލްމު ހޯއްދެވީ މުސްލިމް އިލްމުވެރިންގެ ފޮތްތަކުގެ ލެޓިން ތަރުޖަމާތަކުންނެވެ.
މިހާރު އުފެދޭނެ ސުވާލަކީ މިހާ ވަރުގަދަ ޙަޞާރަތެއް ނިކަމެތިވާންޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބަކީ އަންދަލުސް އަޅުގަނޑުމެންނާއި ވަކިވެދިޔަ ފަހުންނެވެ. އެއީ 1492 ވަނަ އަހަރެވެ.
އަންދަލުސްގައިވާ މުސްލިމުންގެ ދިދާ ބޭލުމަށްފަހު،ކްރިސްޓޮފަރ ކޮލަމްބަސް އޭނާގެ ދަތުރުތައް ފެށީވެސް މުސްލިމް ޚަޒާނާތަކުން ހޯދި ފައިސާއިން، މުސްލިމުންގެ ބާރު ހިނގާ ކަނޑުގެ މަގުތައް ނޫން އެހެން މަގުތަކެއް ހޯދުމަށެވެ. އޭގެ ބޭނުަމަކީމުސްލިމުންނަށް ބަރޯސާނުވެ އިންޑިއާއާ ހަމައަށް ދެވޭނެ މަގުތައް ހޯދުމެވެ.
މިއީ މުސްލިމުންގެ ބިންތައް އިސްތިޢުމާރުގެ ފެށުމުގެ ފުރަތަމަ ބޮޅެވެ. އެއަށްފަހު އަދިވެސް މުސްލިމުން އުޅެންޖެހިފާވަނީ އިސްތިޢުމާރީ ވިލާގނޑުގެ ދަށުގައެވެ. އެއްބަައި ފަހަރަށް ކޮޅިގަނޑު ގަދަވެ، މަޑުވެ މިކަހަލަ ގޮތަކަށެވެ. މި ވިލާގަނޑުން ސަލާމަތެއް ނުވެއެވެ.
އިސްތިޢުމާރުގެ ތާރީޚު ބެހިގެންވަނީ މައިގަނޑު ފަސް މަރުޙަލާއަކަށެވެ (މީގެ ތެރެއިން ހަތަރު މަރުޙަލާއަކަށް މިތާ އަލިއަޅުވާލާނަމެވެ):
1. ކަނޑުގެ މަގުތަކުން ބާރުވެރިވުން (1400-1700)
މި މަރުޙަލާގައި ޕޯޗުގީޒުންނާއި، ސްޕެއިން އަދި އިނގިރޭސިން މަސައްކަތްކުރީ ވިޔަފާރީގެ މަގުތައް ކޮންޓްރޯލް ކުރުމަށެވެ. މުސްލިމް ދައުލަތްތައް އޭރުވެސް މިނިވަންކަމާއެކު އޮތެވެ. ނަމަވެސް އިޤްތިޞާދީ "ނާރުތަކަށް" ހުޅަނގުގެ ނުފޫޒު ވަންނަން ފެށިއެވެ.
2. އަސްކަރީ އިސްތިޢުމާރު (1780-1860)
މުސްލިމުންގެ އަސްކަރީ ބާރު ދަށްވަމުން ދިޔަ މަރުޙަލާއެކެވެ. ނަޕޯލިއަން މިޞްރަށް އެރުމާއި (1798)، ފަރަންސޭސިން އަލްޖީރިއާ ހިފުން މީގެ ތެރޭގައި ހިމެނެއެވެ. އިނގިރޭސިން އޭރު އިންޑިއާގެ މުޣަލް އެމްޕަޔަރގެ ތެރެއަށް "އީސްޓް އިންޑިއާ ކޮމްޕެނީ" މެދުވެރިކޮށް ވަދެ، އެ ޤައުމުގެ އިޤްތިޞާދު ހިޞާރުކުރިއެވެ.
3. ސީދާ އިސްތިޢުމާރީ ވެރިކަން(1820-1920)
މިއީ އެންމެ ނުރައްކާތެރި މަރުޙަލާއެވެ. މި މަރުޙަލާގައި އިސްތިޢުމާރީ ބާރުތަކުން މުސްލިމް ބިންތަކުގެ ވަސީލަތްތައް ފޭރިގަނެ، އެ ތަކެތި އެމީހުންގެ އަމިއްލަ ޤައުމުތަކަށް ގެންދިޔައެވެ.
ތަފާތު ބަލާލަމާ: މުސްލިމުން އެހެން ބިންތައް ފަތަޙަކުރިއިރު، އެ ބިންތަކުގެ މީހުންނާ މަސްހުނިވެ، އެތަނެއްގައި އާ ޙަޟާރަތެއް ބިނާކުރިއެވެ. ނަމަވެސް ހުޅަނގުގެ އިސްތިޢުމާރީން ބޭނުންވީ ހަމައެކަނި މުއްސަނދިކަން ފޭރުމަށެވެ. މިސާލަކަށް، ބެންގާލްގައި ހިނގި ބޮޑު ތަދަކީ އިނގިރޭސިން އެތަނުގެ ކާބޯތަކެތި ފޭރިގަތުމުގެ ނަތީޖާއެކެވެ.
4. އިސްތިޢުމާރިންގެ މޫނުތައް ހާމަވުން
ފުރަތަމަ ބޮޑު ހަނގުރާމައާއެކު، އިސްތިޢުމާރުގެ އަނިޔާވެރިކަން ދުނިޔެއަށް ހާމަވެ، މި ނިޒާމަށް ބަދަލުތަކެއް އަންނަން ފެށިއެވެ.
5. މިއަދުގެ މުސްލިމް ފިކުރު
އިސްތިޢުމާރަކީ ހަމައެކަނި ސިޔާސީ ކަމެއް ނޫނެވެ. މިއީ މުސްލިމުންގެ ނަފްސިއްޔަތަށާއި ފިކުރަށް އައި "ސިހުމެކެވެ". މިއަދު އަޅުގަނޑުމެން ދެކޭ "ރިފޯމިސްޓް"، "ޓްރެޑިޝަނަލިސްޓް" ނުވަތަ "މޮޑަރނިސްޓް" ފިކުރުތަކަކީވެސް މި އިސްތިޢުމާރީ ތާރީޚާ ގުޅިފައިވާ ކަންކަމެވެ.
މިއަދުގެ އިސްލާމީ ވަރުގަދަ ޙަޞާރަތެއް ގެއްލިދިއުމަށް މެދުވެރިވި ސަަބަބުތައް ދެނެގަތުމަށްޓަކައި، މި ތާރީޚީ ހަޤީޤަތްތަކަށް ކެރިގެން ކުރިމަތިލާންޖެހެއެވެ. ބޮޑުވަމުން މިދާ ޒުވާން ޖީލަށް މި ވާހަކަތައް ކިޔައިދޭންޖެހެއެވެ. އެމީހުން މިފަދަ ނުރައްކާތެރި ވަކިތަކުން ސަލާމަތް ކުރަންޖެހެއެވެ.
