ބެރެބިދިގަހުގެ ކަޅު ހިޔަނި: މަނަދޫ އުތުރުގެ ނާމާންކަން ( ފުރަތަމަ ބައި)

 ބެރެބިދިގަހުގެ ކަޅު ހިޔަނި: މަނަދޫ އުތުރުގެ ނާމާންކަން ( ފުރަތަމަ ބައި)



މަނަދޫގެ އުތުރު ފަރާތަކީ އެއްޒަމާނެއްގައި ރަށުގެ ހިތެވެ. ގޮނޑުދޮށާ ކައިރީގައި ހަދާފައިވާ ކުދިކުދި ގެތަކާއި، މަސްވެރިކަމުގެ ވަސީލަތްތަކުން މުޅި ހިސާބު އޮންނަނީ އަބަދުވެސް ދިރިފައެވެ. މި ސަރަހައްދުގައި ދިރިއުޅޭ އާދަނަކީ ރަށުގެ އެންމެ ހީވާގި އެއް މަސްވެރިޔާއެވެ. އޭނާގެ ދިރިއުޅުން ބިނާވެފައިވަނީ އޭނާގެ ލޯބިވާ އަނބިމީހާ ސަންފައާއި، އެމީހުންގެ ކުޑަކުޑަ ދަރިފުޅުގެ މައްޗަށެވެ.

​ސަންފައަކީ އާދައިގެ މަތިން ފަތިހާ ހޭލައިގެން ގޭގެ ގޯތިތެރެ ކުނިކަހައި، ރަށުގެ އެހެން އަންހެންވެރިންނާއެކު އުތުރު ފަރާތު އަތިރިމަތީގައި މަސައްކަތްކޮށް އުޅޭ މީހެކެވެ. ނަމަވެސް، މި އުފާވެރި އާދަކާދަތަކަށް ބަދަލު އަންނަން ފެށީ އުތުރުގެ ހޭޅިފަށުގައި ހުރި ބިޔަ ބެރެބިދިގަހާ ގުޅިގެންނެވެ. އެ ގަހަކީ އާދަޔާ ހިލާފަށް ބޮޑު، އޭގެ އޮފިތައް މުޅި ސަރަހައްދަށް ފެތުރިފައިވާ ގަހެކެވެ. ގަހުގެ ފަތްތައް ގިނަކަމުން، މެންދުރުގެ އިރުގެ އަލިކަންވެސް އެ ގަސްދޮށަށް ނުފޭދެއެވެ. އަބަދުވެސް އޮންނަނީ ފުން އަނދިރިކަމެކެވެ.

​"އާދަނާ! މިއަދު އަހަރެން ކުނިކަހަން ހުއްޓާ، އެ ބެރެބިދިގަސް ކައިރިން މީހަކު ގޮވާލި އަޑު އިވުނު. ބަލާލިއިރު އެކަކުވެސް ނެތް. އެކަމަކު އެ ހިސާބު އޮތީ ވަރަށް ބޮޑަށް ފިނިވެފައި،" ސަންފަ ބިރުން ހުރެ ކިޔައިދިނެވެ. އާދަނު އޭރު އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބުނީ އެއީ ވައިގެ އަޑު ކަމަށެވެ. 

ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ، ރަށުގެ އުތުރު ފަރާތުން އާދަޔާ ހިލާފު ކަންތައްތަކެއް ފެންނަން ފެށިއެވެ. ރޭގަނޑު ދަންވަރު ގޭގެ ފުރާޅަށް ގާ އުކުމާއި، ބަދިގެ ތެރޭގައި ހުންނަ ތަކެތި އަމިއްލައަށް ތަޅައިގެން ދިއުން ފަދަ ކަންކަން އިތުރުވިއެވެ. މި ހުރިހާ ކަމެއްގެ މައިގަނޑު މަރުކަޒަކީ އެ ބިރުވެރި ބެރެބިދިގަހެވެ.

ނޯޓް:- މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.






އަރުށީފު

އެންމެ މަޤްބޫލު