ރައްޔިތުންގެ ނަމުގައި ނަގާ ބިލިއަން ޑޮލަރުގެ ލޯނު: މަންފާވަނީ ކޮން ބަޔަކަށް؟

 ރައްޔިތުންގެ ނަމުގައި ނަގާ ބިލިއަން ޑޮލަރުގެ ލޯނު: މަންފާވަނީ ކޮން ބަޔަކަށް؟






ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު މިއަދު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލި، ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި އެތައް ހާސް ރުފިޔާއެއްގެ ދަރަނި ވަނީ އެޅިފައެވެ. ވަކިން ޚާއްސަކޮށް، އެޗްޑީސީ (HDC) ފަދަ ކުންފުނިތައް މެދުވެރިކޮށް،  ރައްޔިތުންގެ ނަމުގައި އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ވަނީ ނަގާފައެވެ. ނަމަވެސް ސުވާލަކީ، މި ބިޔަ ލޯނުތަކުން ރައްޔިތުންގެ ދިރިއުޅުމަށް އައި ހަގީގީ ބަދަލަކީ ކޮބައިހެއްޔެވެ؟


ރާއްޖޭގައި، ޚާއްސަކޮށް މާލޭ ސަރަހައްދުގައި އޮތް އެންމެ ބޮޑު ތަކުލީފަކީ ބޯހިޔާވަހިކަމެވެ. ބިލިއަނުން ލޯނު ނަގައިގެން މަޝްރޫއުތައް ހިންގާއިރުވެސް، އާންމު ރައްޔިތަކަށް ފަސޭހައިން ބޯހިޔާވަހިކަމެއް ލިބުމަކީ މިއަދުވެސް އޮތް "މުސްތަހީލު" ކަމެކެވެ. ލޯނު ނަގަނީ ރައްޔިތުންގެ ނަމުގައެވެ. ދަރަނި ދައްކަން ޖެހެނީވެސް ރައްޔިތުންނެވެ. ނަމަވެސް ފްލެޓެއް ނުވަތަ ގޯއްޗެއް ބަހާ ވަގުތު އައުމުން، ލިސްޓުގެ ކުރިން ޖާގަ ލިބެނީ ވެރިންނަށާއި، އެމީހުންގެ ގާތްތިމާގެ މީހުންނަށެވެ. މިއީ ބޮޑުވެގެންވާ އަނިޔާވެރިކަމެކެވެ.


ޒަރިޔަންދު ފާހަގަކުރާ ފަދައިން، އެޗްޑީސީ ފަދަ އިދާރާތަކުން ނަގާ ލޯނުތަކުގެ ތަފްސީލާއި އޭގެ ބޭނުންކުރެވޭ ގޮތާމެދު ރައްޔިތުން މިއަދު ސަމާލުވާން ޖެހެއެވެ. ސިޔާސީ މަގުސަދުތަކަށްޓަކައި ނަގާ ލޯނުތަކުން ހިންގާ މަޝްރޫއުތަކުގެ އަގު އިންތިހާއަށް ބޮޑެވެ. މި ބޮޑު އަގުގެ ނަތީޖާއަކީ ކުލި ބޮޑުވުމާއި، ދިރިއުޅުމުގެ ޚަރަދު އަތްނުފޯރާ ފަށަށް ދިއުމެވެ. ރައްޔިތުންގެ ހައްގުތަކަށްވުރެ ބޮޑަށް، "ރައްޓެހި ފަންތީގެ" މަސްލަހަތު އިސްކުރުމުގެ ސަބަބުން، ހަގީގީ ހައްގުވެރިން ތިބީ މަގުމަތިވެފައެވެ.


އަޅުގަނޑުމެންނަށް މިއަދު މިޖެހެނީ އަޅުގަނޑުމެން ބޭނުން ނުވާ، އަދި އަޅުގަނޑުމެންނަށް އޭގެ ފައިދާއެއް ނުލިބޭ ދަރަނިތަކެއް ދައްކާށެވެ. ޓެކްސްގެ ގޮތުގައާއި އެކި ފީތަކުގެ ގޮތުގައި ރައްޔިތުންގެ އަތުން ނަގާ ފައިސާ މިދަނީ މި ދެންނެވި ލޯނުތަކުގެ އިންޓްރެސްޓް ދެއްކުމަށެވެ. މުދަލާއި ޚިދުމަތުގެ އަގު ބޮޑުވަނީވެސް މި ސަބަބާ ހުރެއެވެ. މިއީ ނިޒާމީ ގޮތެއްގައި ރައްޔިތުން އަޅުވެތިކުރުމެވެ.


ގައުމުގެ މުސްތަގުބަލަށްޓަކައި، މި ބިޔަ ލޯނުތަކުގެ ހިސާބުތައް ހޯދައި، ކަމާބެހޭ ފަރާތްތައް ޖަވާބުދާރީކުރުވަން ޖެހެއެވެ. ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ ހައްގަކަށްވާއިރު، އެ ހައްގުގެ ނަމުގައި ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ ނަމުގައި ނަގާ ލޯނުގެ ފައިދާ، ސީދާ ރައްޔިތުންގެ ޖީބަށް ނުވަތަ ދިރިއުޅުމަށް ފޯރަންޖެހޭނެއެވެ. އެހެން ނޫންނަމަ، މިއީ އަންނަން އޮތް ޖީލުތަކަށް ދެވޭ ބޮޑުވެގެންވާ ހިޔާނާތެކެވެ.

އަރުށީފު

އެންމެ މަޤްބޫލު