ޤިޔާމަތުގެ ބޮޑެތި ނިޝާންތައް


ޤިޔާމަތްވުމުގެ ބޮޑެތި ނިޝާންތަކަކީ އެކަމުގެ މަރުޙަލާތައް ފެށުމުން، ތަރުތީބުން އެއް ނިޝާނަކަށްފަހު އަނެއް ނިޝާނެއް އަންނާނެ ކަންކަމެވެ. މި މަރުޙަލާތަކުގެ ފެށުމަކީ މުސްލިމުންނާއި ހުޅަނގުގެ ބާރުތަކާ (ރޫމީން) ދެމެދު އުފެދޭ އަމާން އެއްބަސްވުމެކެވެ. މި ދެބައިމީހުން ގުޅިގެން އިރުމަތީގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބީ ހޯދާނެއެވެ. ނަމަވެސް، އެނބުރި އަންނަ މަގުމަތީގައި ރޫމީންގެ ސިފައިންގެ މީހަކު ސަލީބު އުފުލައި އެއަށް ނަޞްރު ލިބުނުކަމަށް ބުނުމުން މުސްލިމަކު އެކަމާ ދެކޮޅު ހަދާނެއެވެ. 

މި ހާދިސާއާ ގުޅިގެން ރޫމީން އެއްބަސްވުމާ ޚިލާފުވެ ، 80 ދިދައިގެ ދަށުގައި ބޮޑު ލަޝްކަރަކާއެކު މުސްލިމުންނާ ދެކޮޅަށް "އަލް-މަލްޙަމާ އަލް-ކުބްރާ" (ބޮޑު ހަނގުރާމަ) އަށް ނުކުންނާނެއެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި މުޙައްމަދު އިބްނު ޢަބްދުﷲ ނަމަކަށް ކިޔާ، ރަސޫލާ ﷺ ގެ އާއިލާއަށް ނިސްބަތްވާ އިމާމް މަހުދީ ފާޅުވާނެއެވެ. އެކަލޭގެފާނަށް މައްކާގެ ރުކުނާއި މަޤާމާ ދެމެދު މީހުން ބައިޢަތު ހިފާނެއެވެ.

 އެކަލޭގެފާނަކީ ޙަޤީޤީ މަހުދީކަން ކަށަވަރުވާނެ އެންމެ ބޮޑު ނިޝާނަކީ، އެކަލޭގެފާނާ ދެކޮޅަށް އަންނަ ލަޝްކަރެއް ބައިދާގެ ސަހަރާގެ ތެރެއަށް ބިންގަނޑު އަޑިއަށް ދިއުމެވެ (އަލް-ޚަސްފު). މަހުދީގެ ވެރިކަމުގައި މުސްލިމް އުންމަތް އެއްބައިވެ، ކޮންސްޓަންޓިނޯޕަލް (އިސްތަންބޫލް) އާއި ރޫމް (އިޓަލީގެ ރޯމް) ފަތަޙަކުރާނެއެވެ.މުސްލިމުން ވިލާތުގައި ކާމިޔާބީގެ މުދާ ބަހަން ތިއްބާ، ދައްޖާލު ފާޅުވެއްޖެކަމުގެ ދޮގު ޚަބަރު އިބްލީސް ފަތުރާނެއެވެ. މިއީ އިންސާނިއްޔަތަށް ކުރިމަތިވާނެ އެންމެ ބޮޑު ފިތުނައެވެ.

 ދައްޖާލު ނުކުންނާނީ ޢިރާޤާއި ސޫރިޔާއާ ދެމެދުވާ ހިސާބަކުންނެވެ. އޭނާގެ ފަހަތުގައި އިސްފަހާނުގެ 70,000 ޔަހޫދީން ތިބޭނެއެވެ. ދައްޖާލު ފުރަތަމަ ނަބީކަމަށް ދަޢުވާކޮށް، އޭގެ ފަހުން އިލާހީ ކަމަށް ދަޢުވާކުރާނެއެވެ. އޭނާއަށް އުޑުން ވާރޭ ވެއްސުމާއި ބިމުން ގަސް ފަޅުވުން ފަދަ ބާރުތައް ﷲ ދެއްވާނެއެވެ. އޭނާ މުޅި ދުނިޔޭގައި 40 ދުވަސް ތެރޭ ދަތުރުކުރާއިރު، މައްކާއާއި މަދީނާއަށް ވަނުން މަލާއިކަތުން މަނާކުރައްވާނެއެވެ. އޭނާ މަދީނާއާ ގާތްވެ، ދުރުގައި ހުރެ މަސްޖިދުއް ނަބަވީއަށް އިޝާރާތްކޮށް އެއީ "އަޙްމަދުގެފާނުގެ ހުދު ގަނޑުވަރު" ކަމަށް ބުނާނެއެވެ. 

މި ފިތުނަވެރި ދަނޑިވަޅުގައި، ދިިމިޝްޤުގެ ހުދު މުންނާރުގެ ކައިރިއަށް ފަތިސް ނަމާދު ވަގުތު ޢީސާގެފާނު ފައިބާވަޑައިގަންނަވާނެއެވެ. އިމާމް މަހުދީ ނަމާދަށް އިމާމުވެވަޑައިގަތުމަށް ނެވުމުން، އެއީ މި އުންމަތަށް ދެއްވި ޝަރަފެއްގެ ގޮތުން ޢީސާގެފާނު އެކަމަށް އިންކާރުކުރައްވާނެއެވެ. ޢީސާގެފާނު ފަލަސްޠީނުގެ ލުއްދު ބާބުގެ ކައިރީގައި ދައްޖާލު މަރާލައްވާނެއެވެ.

ދައްޖާލުގެ މަރަށްފަހު، ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވާނެއެވެ. އެބައިމީހުންގެ ގިނަކަމުން ޠަބަރިއްޔާ ކަނޑުގެ ހުރިހާ ފެނެއް ބޮއެ ހުސްކުރާނެއެވެ. ޢީސާގެފާނާއި މުއުމިނުން ޠޫރު ފަރުބަދައަށް ވަޑައިގެން ރައްކާތެރިކަން ހޯއްދަވާނެއެވެ. އެކަލޭގެފާނުގެ ދުޢާފުޅާއެކު، ﷲ އެބައިމީހުންގެ ކަރުތަކަށް ފަނިތަކެއް ފޮނުއްވައި އެންމެން އެއްފަހަރާ މަރުވާނެއެވެ.

 އެއަށްފަހު ދުނިޔެއަށް ރަޙުމަތުގެ ވާރޭ ވެއްސަވައި ބިންގަނޑު ސާފުކުރައްވާނެއެވެ. މި ހާދިސާތަކަށްފަހު ދުނިޔޭގައި އަދުލުވެރިކަމާއި އަމާންކަމުގެ ރަންޒަމާނެއް އަންނާނެއެވެ. މުދާ އިތުރުވެ، ޞަދަޤާތް ހިފާނެ މީހަކު ނުހުންނާނެއެވެ. 

ނަމަވެސް، އިރު ހުޅަނގުން އެރުމުން ތައުބާގެ ދޮރު ބަންދުވާނެއެވެ. އަދި ޔަމަނުން އަންނަ ފިނި ރޯޅިއަކުން ހުރިހާ މުއުމިނުންގެ ފުރާނަ ގެންދަވާނެއެވެ. ދުނިޔޭގައި ދެން ބާކީ ތިބޭނީ އެންމެ ނުލަފާ މީހުންނެވެ.

 އެމީހުން ބުދުތަކަށް އަޅުކަންކޮށް، އާންމު ތަންތަނުގައި ފާފަކުރުން އިތުރުވާނެއެވެ. ޤިޔާމަތްވާނީ އެފަދަ މީހުންގެ މައްޗަށެވެ. މިއީ ތަރުތީބުން އަންނާނެ ކަންކަން ކަމަށްވާތީ، ތައުބާވުމަށް މިފަދަ ނިޝާންތަކަށް އިންތިޒާރު ކުރުމެއް ނެތެވެ.

އަރުށީފު

އެންމެ މަޤްބޫލު