މި ހަނގުރާމައިގައި އަހަރުމެން ތިބިގޮތް...



ބުނެވިގެންވެއެވެ.

"ނުލަފާ ދެ ފާޖިރުން އެކަކު އަނެކަކާ ބައްދަލުވެ ހަނގުރާމަކޮށް، އޭގެ ތެރެއިން އެކަކު ﷲ ހަލާކުކުރައްވައިފި ނަމަ، އެކަމަށްޓަކައި ﷲ އަށް ޙަމްދު ހުއްޓެވެ. އަދި އެ ދެމީހުންމެ ހަލާކުކުރައްވައިފި ނަމަ، ﷲ އަށް ގިނަގުނަވެގެންވާ ޙަމްދު ހުއްޓެވެ."


މުޙައްދިޘް އިމާމް އަލްއަލްބާނީ (ރަޙިމަހުﷲ) ވިދާޅުވިއެވެ:

"އަހުލުއްސުންނަތުގެ މީހުން، ޔަހޫދީންނާ ދެކޮޅަށް ރަވާފިޟުންގެ (ޝީޢީންގެ) ފަޅިއެއް ނުނަގާނެއެވެ. އަދި ރަވާފިޟުންނާ ދެކޮޅަށް ޔަހޫދީންގެ ފަޅިއެއްވެސް ނުނަގާނެއެވެ."

[ފަތާވާ އަލްޔައުމިއްޔާގެ އޯޑިއޯ ރެކޯޑިންގ 23/456] 


ލިޔުނީ: ޅޮހީ ޝައިޚް حفظه اله

މިއަދު އިސްލާމީ އުންމަތް މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ހަތަރުދަމުން އަންނަނީ ގޮންޖެހުންތަކެވެ. އެއް ފަރާތުން ބޭރުގެ ނުފޫޒުތަކާއި އިސްތިޢުމާރީ ބާރުތަކުގެ މަކަރުވެރިކަމެވެ. އަނެއް ފަރާތުން އުންމަތުގެ އެތެރޭގައި އުފެދިފައިވާ ފިކުރީ އަދި މަޛްހަބީ ބައިބައިވުންތަކެވެ. މިފަދަ ހަލަބޮލި ދަނޑިވަޅެއްގައި، ދުނިޔޭގެ ސިޔާސީ އޮއިވަރު ހުރިގޮތުން އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް އަހުލުއްސުންނަތް ވަލް ޖަމާޢަތުގެ ޢަޤީދާގައި މިކަންކަން އޮތްގޮތް ރަނގަޅަށް ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މި ޒަމާނުގެ އެންމެ ބޮޑު މުޙައްދިޘް އިމާމް އަލްއަލްބާނީ (ރަޙިމަހުﷲ) ގެ ބަސްފުޅަކީ އިސްލާމީ ތާރީޚާއި ޢަޤީދާގެ އަސާސްތަކަށް ބަލާއިރު ވަރަށް މާނަފުން ބަސްފުޅެކެވެ. އިމާމް ވިދާޅުވަނީ: "އަހުލުއްސުންނަތުގެ މީހުން، ޔަހޫދީންނާ ދެކޮޅަށް ރަވާފިޟުންގެ (ޝީޢީންގެ) ފަޅިއެއް ނުނަގާނެއެވެ. އަދި ރަވާފިޟުންނާ ދެކޮޅަށް ޔަހޫދީންގެ ފަޅިއެއްވެސް ނުނަގާނެއެވެ."

މި ބަސްފުޅުން މުސްލިމުންގެ "ވަލާއާއި ބަރާއުގެ" (ލޯތްބާއި ބަރީއަވުމުގެ) މިންގަނޑު ވަރަށް ސާފުކޮށް ކިޔައިދެއެވެ. އިސްލާމްދީނުގެ ސާފު ޢަޤީދާއާ ޚިލާފުވެ، ކީރިތި ރަސޫލާ ﷺ ގެ މާތް އަޞްޙާބު ބޭކަލުންނަށް ފުރައްސާރަކުރާ ފިކުރުތަކަކީ، މުސްލިމުން އެބައެއްގެ ދިފާއުގައި ތެދުވާންޖެހޭ ބައެއް ނޫންކަމެވެ. ހަމައެފަދައިން، އިސްލާމްދީނުގެ ދުޝްމަނުން ކަމުގައިވާ ޞަހްޔޫނީންނަކީވެސް އަޅުގަނޑުމެންގެ އެކުވެރިންނެއް ނޫނެވެ.

ޢިލްމުވެރިންގެ ބަސްފުޅެއްގައިވެއެވެ. "ނުލަފާ ދެ ފާޖިރުން އެކަކު އަނެކަކާ ބައްދަލުވެ ހަނގުރާމަކޮށް، އޭގެ ތެރެއިން އެކަކު ﷲ ހަލާކުކުރައްވައިފި ނަމަ، އެކަމަށްޓަކައި ﷲ އަށް ޙަމްދު ހުއްޓެވެ. އަދި އެ ދެމީހުންމެ ހަލާކުކުރައްވައިފި ނަމަ، ﷲ އަށް ގިނަގުނަވެގެންވާ ޙަމްދު ހުއްޓެވެ."

މިއީ އިސްލާމީ ތާރީޚުގައި ޢިލްމުވެރިން ބޭނުންކުރައްވާ އުޞޫލެކެވެ. ދެ ބާތިލެއް އެކަކު އަނެކަކާ ތަޅާފޮޅުމަކީ ޙައްޤުގެ އަހުލުވެރިންނަށް ލިބޭ ލުޔެކެވެ. މިއަދުގެ ދުނިޔޭގައި އީރާނާއި އިސްރާއީލާ ދެމެދު އޮތް ނުތަނަވަސްކަމަށް ބަލާއިރު، ބައެއް މީހުންނަށް ހީވަނީ މިއީ ހަމައެކަނި ޙައްޤާއި ބާތިލުގެ ހަނގުރާމައެއް ކަމަށެވެ. ނަމަވެސް، އިމާމް އަލްއަލްބާނީ ފަދަ ބޭފުޅުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވަނީ، މީގެ ފަހަތުގައި އޮތް ފިކުރީ އަދި ސިޔާސީ މަގްސަދުތަކެވެ.


ޝީޢީން ނުވަތަ ރަވާފިޟުންނަކީ އިސްލާމީ ތާރީޚުގެ ތެރޭގައި ސުންނީ މުސްލިމުންނަށް އެކި ގޮތްގޮތުން ދުއްތުރާކޮށް، އަނިޔާ ދީފައިވާ ބައެކެވެ. ޢިރާޤާއި، ސޫރިޔާ އަދި ޔަމަނުގެ ބިންތަކުގައި ސުންނީ މުސްލިމުންގެ ލޭ އޮހޮރުވުމުގައި އެމީހުންގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން، އެމީހުން އިސްރާއީލާ ދެކޮޅަށް ތެދުވުމަކީ، އެމީހުންގެ ޢަޤީދާގައި ހުރި ބޮޑެތި ކުށްތަކާއި މުސްލިމުންނަށް ދީފައިވާ އަނިޔާތައް ހަނދާން ނައްތާލަންޖެހޭ ސަބަބެއް ނޫނެވެ.

އަނެއްކޮޅުން އިސްރާއީލަކީ މުސްލިމުންގެ މުޤައްދަސް ބިންތައް ފޭރިގަނެ، ފަލަސްޠީނުގެ ނިކަމެތި އަޚުންނާއި އުޚުތުން ޤަތުލުޢާންމު ކުރަމުންދާ ބައެކެވެ. އެމީހުންނަކީ ދުވަހަކުވެސް މުސްލިމުންނަށް ހެޔޮ އެދޭނެ ބައެއް ނޫނެވެ. އިމާމް އަލްއަލްބާނީގެ ބަސްފުޅުން ވަރަށް ސާފުކޮށް އެނގެނީ، މި ދެ ބާރުގެ ތެރެއިން އެކަކަށް ތާއީދުކޮށް އަނެކަކާ ދެކޮޅަށް ނުކުތުމަކީ ސުންނީ މުސްލިމުންގެ މަސްލަހަތު އޮތް ގޮތް ނޫންކަމެވެ. އަޅުގަނޑުމެންގެ މަސްލަހަތު އޮތީ މި ހުރިހާ ފިކުރުތަކަކުން ބަރީއަވެ، ސާފު ސީދާ އިސްލާމީ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގައެވެ

މި މައުޟޫޢުގައި ތަފާތު ޢިލްމީ ޚިޔާލުތަކެއްވެސް އެބަހުއްޓެވެ. ޕާކިސްތާނުގެ މުފްތީ ތަޤީ އުސްމާނީ ފަދަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ދުޝްމަނުން އިސްލާމީ ބިމަކަށް ހަމަލާދޭ ހިނދު، އެތެރޭގެ ޚިލާފުތައް އެއްކިބާކޮށް އެއްބައިވަންތަވާން ޖެހެއެވެ. މިއީ ސިޔާސީ ގޮތުންނާއި މަސްލަހަތުގެ ގޮތުން ޢިލްމުވެރިންގެ މެދުގައި ބަހުސް ކުރެވޭ ކަމެކެވެ. ނަމަވެސް، އިމާމް އަލްއަލްބާނީގެ ބަސްފުޅަކީ ޢަޤީދާގެ ސާފުކަން ހިފެހެއްޓުމަށްޓަކައި ދެއްވާފައިވާ ވަރުގަދަ އިންޒާރެކެވެ.

ކަންމިހެން ހުރުމާއެކު، މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ ކޮންމެ ކަމެއްގައިވެސް ޢިލްމުވެރިންގެ އިރުޝާދު ހޯދުމެވެ. ފިތުނައިގެ ވަގުތުތަކުގައި ބަސް ބުނުމަށްވުރެ ހަނުހުރުން ބައެއް ފަހަރު މާ ބުއްދިވެރިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ޙައްޤު ގޮތް ދައްކަވައި، އެގޮތުގެ މަތީގައި ސާބިތުކަން ދެއްވާށިއެވެ. އަދި އިސްލާމީ އުންމަތުގެ ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކުން އަޅުގަނޑުމެން ސަލާމަތްކުރައްވާށިއެވެ. އާމީން


އަރުށީފު

އެންމެ މަޤްބޫލު